ޚަބަރު

މަސް މާރުކޭޓުގެ ކުލި ކުޑަކުރުމުގައި ޤާނޫނާއި ޚިލާފުކަމެއް ލިޔެކިޔުންތަކުން ފެންނާކަށް ނެތް!


  • ކުލި ކުޑަކޮށްދިނީ ކޮވިޑާއި ގުޅިގެން

  • ސިޓީ ކައުންސިލުން ހަވާލުކުރަންޖެހޭ ފިހާރައެއް ހަވާލުކޮށްފައެއް ނެތް

  • ފެނާއި ކަރަންޓު ބިލު ދައްކަންޖެހޭނީ ކައުންސިލުން

މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދިނުުމުގައި އަމަލުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްކަމަށް މާލޭ ސިޓީ ކައުންސިލުގެ ލިޔެކިޔުންތަކުން ހާމަވެއްޖެއެެެވެ.

ސިޓީ ކައުންސިލުގެ ލިޔެކިޔުންތަކުން މިކަން ހާމަވެފައި މިވަނީ މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދިނުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ހަޤީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

މާލޭ ރޯމަސް މާރުކޭޓުގެ އެއްބަސްވުމާއި ގުޅޭގޮތުން ފަތުރަމުންދާ ހަޤީގަތާއި ހިލާފު ވާހަކަތަކުގެ ތެރޭގައި ބިޑް ކޮމިޓީން ނިންމި އަގަށްވުރެ ކުޑަ އަގެއްގައި އެއްބަސްވުން ހެދުމާއި، އަދި މާރުކޭޓުގެ ފެނާއި ކަރަންޓު ބިލު ދައްކާފައި ނުވުން ހިމެނެއެވެ. ނަމަވެސް ޕީއެސްއެމް ނިއުސްއަށް ލިބިފައިިވާ މައުލޫމާތު ކަރުދާސްތަކަށް ބަލާއިރު، އެކަން ހިނގާފައި އޮތީ ޤާނޫނާއި ޚިލާފަށް ނޫންކަން ހާމަވެއެެވެ.

މިކަމާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ފާހަގަކުރެވޭ ފުރަތަމަކަމަކީ މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކުރުމަށް ބިޑަށް ހުޅުވާލިއިރު އިއުލާންކޮށްފައިވަނީ ހަމައެކަނި މާލޭ މަސް މާރުކޭޓު ނޫންކަމާއި، މާރުކޭޓާއެކު އެތަނުގެ ފުރަތަމަ ފަންގިިފިލާގައި ހުރި ފިހާރައެއްވެސް ކުއްޔަށްދިނުމަށް އިއުލާންގައި ހިމަނާފައިވާކަމެވެ.

ބައެއް ފަރާތްތަކުން މިކަމުގައި ފާހަގަކުރާ އެންމެ ބޮޑު މައްސަލައަކީ ބިޑް ކޮމިޓީން ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަ އަގެއްގައި މާރުކޭޓު ކުއްޔަށް ދިނުމުގެ އެއްބަސްވުން އެކުލަވާލާފައި އޮތުމެވެ. ނަމަވެސް އެކަން ހިނގާފައިވާ ގޮތަށްބަލާއިރު މާރުކޭޓުގެ ކުލި ކުޑަކޮށްދީފައިވަނީ ކައުންސިލުން ކުރަންޖެހޭ ކަންކަން ކޮށްދެވިފައި ނުވާތީކަން ލިޔެކިޔުންތަކުން ހާމަވެއެވެ. މިގޮތުން މާރުކޭޓު ކުއްޔަށް ދިނުމަށް އިއުލާންކުރިއިރު، އެތަނުގެ ފުރަތަމަ ފަންގިިފިލާގައި ހުރި ފިހާރައެއްވެސް ކުއްޔަށްދިނުމަށް އިއުލާންގައި އޮތްއިރު، އެ ފިހާރަ މަރާމާތުކުރެވިފައި ނުވާތީ މާރުކޭޓު ކުއްޔަށް ނެގި ފަރާތާއި ހަވާލުކުރެވިފައެއް ނުވާކަން ސިޓީ ކައުންސިލުގެ ލިޔެކިޔުންތަކުން ފެންނަން އެބައޮެތެވެ. އަދި އެ ފިހާރަ ހަވާލުކުރެވިފައި ނުވާތީ ބިޑް ކޮމިޓީން ކަނޑައެޅި ކުލިން 25،000 ރުފިޔާ އުނިކުރަން ނިންމާފައި ވަނީވެސް އުސޫލުތަކާއި އެއްގޮތަށް ކައުންސިލުގެ ކޯޕަރޭޓް ސަރވިސް ކޮމިޓީގެ ފަރާތުންކަންވެސް ލިޔެކިޔުންތަކުން އެނގެން އެބައޮތެެވެ.

މީގެއިތުރުން ކޮވިޑްގެ ހާލަތާއި ގުޅިގެން މަސްވެރިކަމަށް އައި ހީނަރުކަމާއެކު މާރުކޭޓަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން އޭރު ރިސޯޓްތަކާއި އެހެނިހެން ބޮޑެތި ވިޔަފާރިތަކުގެ ކުލި ކުޑަކޮށްދިން ފަދައިން މާރުކޭޓުގެ ކުލި ވަނީ 70،000 ރުފިޔާއަށް ކުޑަކޮށްދީފައެވެ. އަދި ކުލި ކުޑަކުރުމަށް ނިންމާފައިވަނީ ކައުންސިލުގެ ބައްދަލުވުމެއްގައިކަމަށާއި، އެމްޑީޕީގެ މެމްބަރުން ހިމެނޭގޮތަށް އެ ބައްދަލުވުމުގައި ބައިވެރިވި 17 މެމްބަރުންގެ ތެރެއިން 11 މެމްބަރަކު އެކަމަށް ރުހުން ދީފައިވާކަމަށާއި، އެއްވެސް މެމްބަރަކު އެކަމަށް ދެކޮޅު ހަދާފައި ނުވާކަންވެސް ސިޓީ ކައުންސިލުގެ ލިޔެކިޔުންތަކުން ފެންނަން އެބައޮތެވެ.

ބައެއް ފަރާތްތަކުން މި އެއްބަސްވުމާއި ގުޅޭގޮތުން ފާހަގަކުރާ އަނެއް މައްސަލައަކީ މާރުކޭޓުގެ ކަރަންޓު ބިލާއި ފެން އެތަން ކުއްޔަށް ނެގި ފަރާތުން ދައްކާފައި ނުވާ މައްސަލައެވެ. ނަމަވެސް ލިޔެކިޔުންތަކުން ދައްކާގޮތުން މާރުކޭޓު ކުއްޔަށް ދިނުމަށް އިއުލާންކުރި ހިސާބުން ފެށިގެން އެއްބަސްވުން އެކުލަވާލުމާއި ހިސާބަށްވެސް ހުރިހާ ލިޔެކިޔުންތަކުގައި ހުރީ ީ މާރުކޭޓަށް ބޭނުންވާ ކަރަންޓާއި ފެން ސިޓީ ކައުންސިލުން ފޯރުކޮށްދެއްވާނެކަމަށެވެ. އެހެންކަމުން އެތަނުގެ ކަރަންޓާއި ފެން ބިލު ކުއްޔަށް ނަގާ ފަރާތުން ދައްކަން ނުޖެހޭކަން ލިޔެކިޔުންތަކުން ފެންނަން އެބައޮތެވެ.

މި ހުރިހާކަމަކަށް ބަލާއިރު މާލެ ސިޓީ ކައުންސިލުން މަސް މާރުކޭޓު ކުއްޔަށް ދިނުމުގައި އުސޫލާއި ހިލާފަށް ނުވަތަ ވަކި ބޭފުޅެއްގެ ނުފޫޒުން ކޮށްފައި އޮތް އެއްވެސް ކަމެއް ފެންނާކަށް ނެތެެވެ. ފެންނަން އޮތީ މާރުކޭޓު ކުއްޔަށް ދިނުމުގައި ކައުންސިލް މެމްބަރުންގެ ރުހުމާއެކު، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކަންކަން ނިންމާފައި އޮތް ތަނެވެ. ނަމަވެސް ކައުންސިލުގެ ބައެއް މެމްބަރުން ރައްޔިތުންނަށް ހަޤީގަތް އޮޅޭގޮތަށް މިހާރު ވާހަކަތައް ފަތުރަމުންދަނީ ސިޔާސީ މަޤްޞަދަކަށްޓަކައި، ވަކި ބައެއްގެ އަބުރު ކަތިލުމަށްކަމަށް ކައުންސިލުގެ މެމްބަރުންވެސް ފާހަގަކުރައްވައެވެެ.