ޚަބަރު

ޢަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތަށް 6.4 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި


އަންނަ އަހަރުގެ ބަޖެޓުގައި ޢަރައްބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތަށް 6.4 މިލިއަން ރުފިޔާ ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީން ފާސްކޮށްފިއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރަތް އެޅުމަށްޓަކާއި ބައު ޖަމާލުއްދީން ސްކޫލް ތަޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތް މިމަހުގެ ފަހުކޮޅަށް ނިންމާލެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޗާންދަނީ މަގުގައި ޢަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތުގެ ތަނބުތަކުގައި ރެނދުލާ، އިމާރާތަކީ ކިޔަވައިދިނުމަށް ރައްކާތެރިތަނެއްނޫންކަމަށް ކަމާބެހޭ ފަރާތްތަކުން ނިންމެވުމާގުޅިގެން އެ ސްކޫލުގެ ކިޔެވުން ފޮރިން މިނިސްޓްރީ ވަގުތީގޮތުން ހިންގި އިމާރާތައް ވަނީ ބަދަލުކޮށްފައެވެ. އަދި ބައު ޖަމާލުއްދީން ސްކޫލް ހިންގި ބިމުގައި ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ސަރުކާރުން ނިންމަވާ، އެ މަސައްކަތް ވަނީ ކޮންޓްރެކްޓަރަކާ ޙަވާލުކޮށްފައެވެ.

ބައު ޖަމާލުއްދީން ސްކޫލު ހުރި ބިމުގައި ޢަރަބިއްޔާ ސްކޫލުގެ ޢައު އިމާރާތާއި، ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޓް އުޞޫލުން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއެކު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މި ދެ އިމާރާތުގެ މަސައްކަތަށް ޖުމްލަ 168 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރުމަށް ކޮމެޓީ މަރުހަލާގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ސްކޯޕް ޖޭންޗުކޮށް ބަޖެޓް އިތުރުކުރާ ބައިގެ ތެރެއަށް ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއި، ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް ހިމަނާފައިވެއެވެ. އެގޮތުން މި ދެ އިމާރާތުގެ މަސައްކަތަށް ޖުމްލަ 6،420،300 (ހަ މިލިއަން ހަތަރު ލައްކަ ވިހި ހާސް ތިން ސަތޭކަ) ރުފިޔާ ހިމެނުމަށް ބަޖެޓް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތްވެންދާނީ ކުރީގެ އިމާރާތަށްވުރެ ޖާގައިގެ ގޮތުންނާއި ވަޞީލަތުގެގޮތުން ބެލިކަމުގައިވިޔަސް ތަނަވަސް، ރީތި އަދި ފުރިހަމަ އިމާރާތަކަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ޢަރަބިއްޔާ ސްކޫލުގެ ކުދިން މީގެ ކުރިން އުފުލި ތަކުލީފު އަލުން އުފުލަންނުޖެހޭނެކަމުގެ ޔަޤީންކަން ސަރުކާރުންވެސް ވަނީ ދެއްވާފައެވެ.

ޢަރަބިއްޔާ ސްކޫލު ކުރިން ހިންގަމުންދިޔަ އިމާރާތުގައި ބޭނުންކުރަމުންދިޔައީ 26 ކްލާސްރޫމެވެ. އައު އިމާރާތުގައި 41 ކްލާސްރޫމް ހުންނާނެއެވެ. ކުރިން ބޭނުންކުރި އިމާރާތުގައި 44 ފާޚާނާ ހުރިއިރު، އައު އިމާރާތުގައި މުވައްޒަފުންނާ ދަރިވަރުން ބޭނުންކުރުމަށް 110 ފާޚާނާ ހުންނާނެއެވެ. ލެބޯޓްރީތަކަށް ބަލާއިރު ކުރިން ބޭނުންކުރި އިމާރާތުގައި 3 ލެބް ހުރިނަމަވެސް އައު އިމާރާތުގައި 4 ލެބެއް ހުންނާނެއެވެ. އަދި ކުރިން ހުރި އިމާރާތުގައި 2 ސްޓާފް ރޫމާއި، 2 އެޑްމިން ބްލޮކް ހުރިނަމަވެސް އައު އިމާރާތުގައި 4 ސްޓާފް ރޫމާއި، 3 އެޑްމިން ބްލޮކް ހުންނާނެއެވެ.

ސްކޫލުގެ އައު އިމާރާތުގައި ހިމެނޭ އިތުރު ވަޞީލަތްތަކަށްބަލާއިރު މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުން ބޭނުންކުރުމަށް 4 ލިފްޓް ހުންނާނެއެވެ. އަދި އިންޑޯ ގާޑެންއަކާއި، މަލްޓި ޕަރޕަސް ހޯލަކާއި، ސްޕޯޓްސް ރޫމެއްގެ އިތުރުން، ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންކުރެވޭގޮތަށް 2 ކެންޓީން ހުންނާނެއެވެ. މީގެ އިތުރުން އެކްޓިވިޓީ އޭރިއާގެ ގޮތުގައި ބޭނުންކުރާނެ 5 ތަނަކާއި، 2 ޓާރފް ގްރައުންޑާއި، 2 ރީޑިންގ އޭރިއާއާއި، ޓެރަހެއްވެސް ހުންނާނެއެވެ. އަދި ވެހިކަލް ޕާކުކުރާނެ ޚާއްސަ ސަރަޙައްދެއްވެސް ހިމެނޭނެއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއި، ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ 440 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ އައު އިމާރުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު އިމާރާތް ބޭނުންކުރަން ފެށުމެވެ.