ޚަބަރު

ތިލަމާލެ ބްރިޖުގެ ފުރަތަމަ ޓެސްޓް ޕައިލް ފެނުން މައްޗަށް


ތިލަމާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން ކަނޑުގައި ޖަހާ ފުރަތަމަ ޓެސްޓް ޕައިލްގެ މަސައްކަތް ނިންމާ ދެވަނަ ތަނބުގެ މަސައްކަތް ފަށައިފިއެވެ. ބްރިޖްގެ ތަނބުތަކުގެ ޓެސްޓް ޕައިލިންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުއެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު"ގެ މަސައްކަތަށް ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތުގައި ބްރިޖުގެ ދާއިމީ ތަނބުތައް ޖެހުމަށް ބޭނުންވާ ޓެސްޓް ތަނބުތަކުގެ ތެރެއިން ފުރަތަމަ މެރިން ޓެސްޓް ތަނބު މިހާރު ހުރީ ވަރަށް ރީއްޗަށް ފެނުން މައްޗަށް ފެންނާނެށެވެ.

މެރިން ޓެސްޓް ޕައިލް ހަރުކުރުމަކީ ދާއިމީ ތަނބުތައް ޖެހުމަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ މި ޕްރޮޖެކްޓާއި ހަވާލުވެ ހުންނެވި ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު ޖިނާން ވިދާޅުވީ، މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކޮންކްރީޓްކޮށްފައި ވަނީ މާލެ ފަޅީގެ މޫދުގައި ހުންނަ ތަނބުކަމަށެވެ. އަދި މިފަދަ އިތުރު އެއް ތަނބު ވިލިމާލެއާއި ގުޅީފަޅު ކައިރީ ޖެހުމަށް ހަމަޖެހިފައިވާކަމަށާއި، އެ ޓެސްޓް ތަނބު ޖެހުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

މި ދެ ތަނބުގެ ޓެސްޓް ޕައިލިންގ ނިމުމާއެކު ދެން ކުރިއަށްގެންދާނީ ދާއިމީ ތަނބުތައް ޖެހުމުގެ މަސައްކަތްކަމަށް ޖިނާން ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދާ ޓެސްޓް ޕައިލިންގެ މަސައްކަތަކީ ތަނބުތަކުގެ ޑިޒައިން ފައިނަލްކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށްވެސް ޖިނާޏް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ މިހާރު ކުރިއަށްދަނީ ދާއިމީ ތަނބުތަކުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތަކަމަށެވެ.

މާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅު ގުޅައިދޭ ކަނެކްޓިވީ ބުރިޖުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓުމަހުގެ ތެރޭގައެވެ. އެހެންނަމަވެސް މޫސުންގޯސްވުމުގެ ސަބަބުން ގިނަ ދަތިތަކެއް ވަނީ މަސައްކަތް ކުރިއަށްގެންދިޔުމުގައި ކުރިމަތިވެފައެވެ.

ތިލަމާލޭ ބްރިޖުގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ފަށާފައިވަނީ މާލެ ފަޅީގައެވެ. އަންނަ އަހަރު ނިމޭއިރު މަޝްރޫޢުގެ ޕްލޭނާއި އެއްގޮތަށް މާލެއާއި ވިލިމާލެއާއި ގުޅީފަޅު ގުޅާލެވޭނެއެވެ. އަދި 2024 ވަނަ އަހަރު ތިލަފުއްޓާއި ގުޅާލާ ނިމޭނެކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.

ބްރިޖުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. މި މަޝްރޫއުގެ ދަށުން 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައިވެސް މިމަޝްރޫޢުއަށް ބޮޑު ހޭދައެއްކުރުމަށް ވަނީ ހިމަނާފައެވެ. މިގޮތުން މިމަޝްރޫޢަށް، އިންޑިއާ އެގްޒިމް ބޭންކުގެ ލޯނުގެ ގޮތުގައި 591.7 މިލިއަން ރުފިޔާ އާއި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 182.3 މިލިއަން ރުފިޔާ އާއި، ދައުލަތުގެ ބަޖެޓުން 9.17 މިލިއަން ރުފިޔާއާއެކު، ޖުމްލަ 792 މިލިއަން ރުފިޔާ ޚަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.