ފުވައްމުލަކު ސިޓީގައި ކުޅިވަރު ކުޅޭ އުމްރާނީ ވަސީލަތްތަކެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ފުވައްމުލަކުގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރަން ނިންމާފައެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލީ ނިޒާރުއެވެ. އަދި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝާހިދުއެވެ.
މި އެއްބަސްވުމުގެ ދަށުން ޕްރޮކްސީއިން ފުވުއްމުލަކުގައި ހޭންޑްބޯލް ކޯޓު ތަރައްގީކޮށް ނިންމަންޖެހެނީ 90 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ އެއްމިލިއަން ނުވަލައްކަ ނުވަދިހަ ހަތްހާސް ފަސްސަތޭކަ ނުވަދިހަ ފަސްރުފިޔާ ހަތްދިހަ އެއްލާރިއެވެ.
އެ ރަށުގައި ފުޓްސަލް ދަނޑު ތަރައްގީކޮށް ނިންމަންޖެހެނީ ވެސް 90 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ ދެމިލިއަން ހަތްދިހަ ނުވަހާސް ތިންސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ހަތްދިހަ އެއްލާރިއަށެވެ.
ކުޅިވަރު ކުޅޭ ވަސީލަތްތައް ތަރައްގީކޮށް، ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން ޙާއްސަ އިސްކަމެއް ދީގެން ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނައިރު މިހާރުވެސް 15 ރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދެއެވެ، އަދި 3 ރަށެއްގައި ހޭންޑްބޯލް ކޯޓުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.