ޚަބަރު

އާރްޓީއެލްގެ ސްޕީޑް ފެރީގެ ދަތުރުތައް މާދަމާ ޅ. އަތޮޅުގައި ފަށަނީ


ޅ. އަތޮޅުގައި މާދަމާއިން ފެށިގެން އާރްޓީއެލްގެ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީި.ސީން ވަނީ، މިކަމަށް ބޭނުންވާ އުޅަނދުތައް އެ އަތޮޅަށް ފޮނުވާފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލްގެ ޚިދުމަތަކީ ރާއްޖޭގެ ރަށްތަށް ދަތުރުފަތުރުގެ އަވަސް ނިޒާމަކުން ގުޅާލުމަށް ފަށާފައިވާ މަސައްކަތެކެވެ.

މި މަސައްކަތުގެދަށުން ޒޯން 1ގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި މި ޚިދުމަތް ވަނީ ޤާއިމުކޮށްފައެވެ. އަދި ޒޯން 2ގެ ފުރަތަމަ އަތޮޅުގައި ޚިދުމަތް ފެށުމަށް މިހާރު މިވަނީ ތައްޔާރުވެފައެވެ.

ޅ.އަތޮޅުގައި މީހުން ދިރިއުޅޭ 5ރަށް އޮންނައިރު، އަތޮޅުގެ އާބާދީ 13000އިން މައްޗެވެ. އެ އަތޮޅުގައި ފުރަތަމަ ފަށާނީ އަޖުމަބެލުމުގެ ދަތުރުތަކެވެ. މިމަހުގެ 17އިން ފެށިގެން 1 ހަފްތާއަށް ކުރިއަށްދާނެއެވެ.

މި ޒޯންގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސައިން ވިދާޅުވީ، އަޖުމަބެލުމަށް ބާއްވާ ދަތުރުތަކުގައި އެއްވެސް ފީއެއް ނުނަގާނެކަމަށެވެ. އަދި އެ ހަފްތާގައި ކައުންސިލްތަކުގައި ނަންނޯޓް ކޮށްގެން، ފެރީއިން ޖާގަ ހޯދޭނެކަމަށެވެ.

"1ހަފްތާއަށް ފަހު ރަސްމީކޮށް ޚިދުމަތް ފަށާނީ. އެހެން ނަމަވެސް 3އަހަރުން ދަށުގެ ކުދިންނާ، ޚާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ." ޝާހިދު ހުސައިން ވިދާޅުވިއެވެ.

އެމްޓީސީސީ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ފާރިގް ވިދާޅުވީ ޅ.އަތޮޅުގެ ފެރީގެ އަގުތައްވެސް އުޅޭނީ ކޮޅަކަށް 35 ރުފިޔާއާ، 125 ރުފިޔާއާއި ދެމެދުކަމަށެވެ.

"މީހުން ދިރިއުޅޭ 6ރަށް އެ އަތޮޅުގަ އޮންނަނީ. 3 ރޫޓަކަށް ދަތުރުތައް މި ބާއްވަނީ. އެއް ރޫޓަކީ އެއަރޕޯޓް ދަތުރަށް ޚާއްސަ ރޫޓެއް." ފާރިޤް ވިދާޅުވިއެވެ.

ފާރިޤް ވިދާޅުވީ ދަތުރުގެ ޝެޑިއުލްތަކަށް އެއްވެސް ބަދަލެއް ގެންނަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ތަޖުރިބާ ދަތުރުތަކަށް ފަހުގައިކަމަށެވެ.

އެމްޓީސީސީން ވިދާޅުވީ އިތުރު އަތޮޅުގައިވެސް ފެރީގެ ޚިދުމަތް ފެށުމުގެ ތައްޔާރީތައް ކުރިއަށްދާކަަށެވެ. އެގޮތުން ދެން އެންމެ އަވަހަށް ޚިދުމަތް ފަށާނީ އެންމެ ދެކުނުންކަމަށެވެ.