ޚަބަރު

ހއ. ދިއްދޫގައި ތަރައްޤީކުރާ 75 ރޯހައުސްގެ ޢަމަލީ މަސައްކަތް ފަށައިފި


ހއ. ދިއްދޫގައި ސަރުކާރުން ތަރައްޤީކުރާ 75 ރޯހައުސްގެ ބިންގާ އަޅާ، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭންނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް އަކްރަމް ކަމާލުއްދީނެވެ.

ދިއްދޫއަކީ އާބާދީގައި 5000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށުގެ އާބާދީ އިތުރުވުމާއި، ރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވުމާއެކު، ދިއްދުއަށް ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ.

ދިއްދޫގައި އަލަށް ފެށި ހައުސިންގ މަޝްރޫޢުއަކީ އެސް.ޖޭ ކޮންސްޓްރަކްޝަންއާއި ޙަވާލުކޮށްގެން ތަރައްޤީކުރާ 75 ރޯހައުސްއެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ އެކި މަސައްކަތްތައް މިއަހަރުގެ ސެޕްޓެމްބަހުން ފެށިގެން އެ ރަށުގައި ފަށާފައެވެ. އަދި މިހާރު މިވަނީ ޕްރޮޖެކްޓްގެ ބިންގާ އަޅާ، މަޝްރޫޢު ރަސްމީކޮށް ފަށާފައެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްކަމަށެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމެއްވެސް ހިމެނޭކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.

ދިއްދޫގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް މީގެ 10 ވަރަކަށް އަހަރު ކުރިން އެރަށުން ބިން ހިއްކިއެވެ. އަދި އޭރު އެރަށުގައި 250 ރޯހައުސްގެ މަޝްރޫޢުއެއް ފެށިއެވެ.

ދިއްދޫގައި ތަރައްޤީކުރާ 75 ރޯހައުސްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، 2008 ވަނަ އަހަރު އޭރުގެ އެމްޑީޕީ ސަރުކާރުން ދިއްދޫގެ ބޯހިޔާވަހިކަމަށް ބިން ހިއްކައިދިންކަމަށެވެ. އަދި 250 ހައުސިން ރޯހައުސްގެ މަސައްކަތް ފެށިކަމަށެވެ. ނަމަވެސް ގެތަށް ނުނިންމާ، އޭގެ ފަހުން އައި ސަރުކާރުގައި އެކަމަށް ބޮޑު އިޙުމާލެއް ވިކަމަށެވެ. އެގޮތުން އެ ގެތަކުގެ މަސައްކަތް ނުނިންމާ ވިރާނާވާން ދޫކޮށްލިކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މުޅި މަޝްރޫޢު ނިންމާ، ގެތަށް އޭގެ ހައްގުވެރިންނާ ހަވާލުކޮށްފައިވާކަމަށް އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

"ރައީސްގެ ވަޢުދާ އެއްގޮތަށް މިއަދު މިފެށެނީ އަނެއްކާވެސް ރަށަށް ވަރަށް މުހިންމު މަޝްރޫޢުއެއް. 75 ރޯހައުސްގެ މަސައްކަތް ނިންމާ، އަންނަ އަހަރު ނިމުމުގެ ކުރިން މީހުންނަށް ދިރިއުޅެން ފެށޭނެ" އަކްރަމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދިއްދޫ ކައުންސިލްގެ ރައިސް އަބްދުﷲ ރަޝީދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިއްދުއަށް އިންތިހާއަށް ބޮޑުވެފައިވާ އިޖުތިމާޢީ މައްސަލައެއްކަމަށެވެ.

މި 75 ޔުނިޓާއެކު މިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބުނު ނަމަވެސް، ދިއްދޫ ފަދަ އާބާދީ ބޮޑު ރަށަކަށް މިފަދަ އިތުރު މަޝްރޫޢުތައް ބޭނުންވާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން މި ފެށި މަސައްކަތަކީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ މަސައްކަތެއްކަން ރަޝީދު ފާހަގަކުރެއްވިއެވެ.

"އެއް ގެއެއްގައި 3،4،5 އާއިލާ އެބައުޅޭ. ވަރަށް ނިކަމެތި ހާލުގައި އުޅޭ އާއިލާތައްވެސް އެބަހުރި" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ދިއްދޫ ކައުންސިލް ރައީސް ވިދާޅުވީ، ކުރީގެ 250 ރޯހައުސް މަޝްރޫޢުއިން ގޯތި ލިބުނު 14 މީހަކު، އެމީހުންނަށް ކުރިން ލިބިފައި އޮތް ގެވަޅު ދޫކޮށްލިކަމަށެވެ. މި ބިންތައްވެސް އަލުން ދޫކުރުމަށް ހުޅުވާލުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ދިއްދޫގައި 75 ރޯހައުސް ތަރައްޤީކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އެސް.ޖޭ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ. މިއީ ދައުލަތުގެ ބަޖެޓުން 120 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

މިއީ އާބާދީ ބޮޑުވަމުންދާ ރަށްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހިމެނޭ މަޝްރޫއެކެވެ.