ޚަބަރު

ޢިމާރާތްކުރުމުގެ ސިނާޢަތްވެސް މިހާރަށްވުރެ ބޮޑަށް ތިމާވެއްޓާއި ރައްޓެހިވާންޖެހޭ: ނާއިބު ރައީސް


ރާއްޖޭގައި ޢިމާރާތްކުރުމުގެ ސިނާޢަތް ފުޅާވެ ކުރިއަރަމުން އަންނައިރު، މި ސިނާޢަތަކީވެސް މިހާރަށްވުރެ ބޮޑަށް ތިމާވެއްޓަށް ރައްޓެހި ސިނާޢަތަކަށް ވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިފަދައިން ވިދާޅުވީ، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަސްދުވަހުގެ މުއްދަތަށް ބާއްވާ މިކޮންވެންޝަން ކުރިޔަށްދަނީ، ޕެރަަޑައިސް އައިލެންޑް ރިސޯޓުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިކޮންފަރެންސްގެ މިއަހަރުގެ ޝިޢާރު ކަމުގައިވާ، "ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން: ބިލްޑިންގ އަ ބެޓަރ ވޯލްޑް" މި ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ދިވެހިރާއްޖެއަށް ޙިމާޔަތާއި ރައްކާތެރިކަން ހޯދަންޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޢިމާރާތްކުރުމުގެ ޞިނާޢަތު ހަލުވިކޮށް ކުރިއަރަމުން އައި ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ މިއީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޢިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗަަކީ، ދެމެހެއްޓެނިވި އަދި އަލުން ބޭނުން ކުރެވޭނެ އެއްޗެއް ކަމުގައި ހެދުމާއި، ޓެކްނޮލޮޖީ އާއި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ޢިމާރާތްކުރުމާއި، އެކަަށޭނަ ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"މޫސުމީ ބަދަލުތަކުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުގެ ނުރައްކާ އިތުރުވަމުންދާ މިދަނޑިވަޅުގައި، ރާއްޖެފަދަ ތިމާވެށީގެގޮތުން ނާޒުކު ޤައުމަކުން މިކަންކަމަށް ސަމާލުވާންޖެހޭ. އިމާރާތްކުރުމުގެ ސިނާޢަތް ފުޅާވެ ކުރިއަރަމުން އަންނައިރު، މި ސިނާޢަތަކީވެސް ތިމާވެއްޓާ ރައްޓެހި ސިނާޢަތަކަށް ވާންޖެހޭ. ގްރީން ކޮންސްޓްރަކްޝަނަށް އޮޕްޝަންތައް ހޯދަންޖެހޭ. ޢިމާރާތްކުރެވޭ ތަންތަނަކީ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެހެން ކުރެވޭ މަސައްކަތްތަކަކަށް ހަދަންޖެހޭ" ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރިގެން ދިޔައިރު ފާއިތުވި އަހަރުތަކުގައި، ރެސިޑެންޝަލް، ކޯޕަރޭޓް އަދި އިންޑަސްޓްރިއަލް ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތަކުގެ އިމާރާތްކުރުމުގެ ފެންވަރާއި ފަރުމާތަކަކީ އެފަދަ ދެވަނައެއް ނެތް ތަންތަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދިވެހި ފަންނާނުންނާއި ޑިޒައިނަރުންނާއި ކޮންޓްރެކްޓަރުން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ. އަދި އަލަށް ބިނާކުރެވޭ ރިސޯޓްތަކުން އެމީހުންގެ އުފެއްދުންތެރި ހުނަރާއި ފަންނުވެރިކަމާއި، އީޖާދީ ވިސްނުންތައް މިއަދު ފެންނަމުންދާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި އިމާރާތްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ދިވެހި ކުންފުނިތަކަށް ގޮވާލައްވާފައެވެ.

އިފޮޕްކާއަކީ އިމާރާތްކުރުމުގެ ދާއިރާ މެދުވެރިކޮށް، ޤައުމުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުންތައް ހޯދައި ދިނުމުގެ މަޤުޞަދުގައި އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުގެ މެމްބަރު 19 ގައުމެއް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމާޢަތެކެވެ. 2007 ވަނަ އަހަރު، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން މިޖަމާޢަތުގައި ބައިވެރިވުމަށްފަހު، މިއީ ރާއްޖޭގައި ބާއްވާ އިފޮޕްކާގެ ފުރަތަމަ ކޮންފަރެންސެވެ.