ޚަބަރު

މަސް ދޯނިފަހަރުގައި ފިނިކުރާ ނިޒާމާއި ސޯލަރ ހަރުކުރަން ހުޅުވާލައިފި


މަސް ދޯނިފަހަރުގެ ވަތުގައި ފެން ފިނުކުރާ ނިޒާމް ޤާއިމްކުރުމާއި ސޯލަރ ޕަވަރ ސިސްޓަމް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަސް ދޯނިތަކުގައި ފެންފިނުކުރާ ނިޒާމް ޤާއިމްކުރުމަށާއި އިޔާދަކުރަނިވި ހަކަތައިގެ ސިސްޓަމް ޤާއިމްކުރުމުގެ މަޝްރޫއަކީ ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މި ސިސްޓަމްތައް ޤާއިމްކުރުމަށް ބޭނުންވާ ފައިސާއަށް އެދި ފޯމް ހުށައަޅެމުގެ ފުރުޞަތު އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށައަޅަންޖެހެނީ އެސް.ޑީ.އެފްސީގެ ޕޯޓަލްއަށެވެ.

ސަރުކާރުގެ ނޫ އިޤްތިޞާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަޤްޞަދުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް (އައި.އެސް.ޑީ.ބީ)އާއި އެކު ދިވެހި ސަރުކާރުން ވަނީ މަޝްރޫޢޫއެއްގައި ސޮއިކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މަސްވެރި އުޅަނދުތަކުގައި ރެފްރިޖެރޭޓަޑް ސީ- ވޯޓަރ (އާރް.އެސް.ޑަބްލިއު)ސިސްޓަމް ނުވަތަ ވަތުގައި ފެންފިނުކުރާ ނިޒާމް ޤާއިމްކުރުމަށާއި އިޔާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާރ ޕަވަރ ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ފައިނޭސިން ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ފައިނޭންސިންގ ހަމަޖެހިގެންދާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑ.އެފް.ސީ) އިން ހުޅުވާލާ ފައިނޭންސިންގ ސްކީމް މެދުވެރިކޮށްކަމަށެވެ. މިގޮތުން ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމުލަ 200 މަސްވެރިންނަށް އުޅަނދުގައި މި ސިސްޓަމްތައް ހަރުކުރުމަށް ރާވާފައިވެއެވެ. ފުރަތަމަ ފިޔަވަހީގައި 100 މަސްވެރި އުޅަނދުގައި އާރ.އެސް.ޑަބްލިޔު ސިސްޓަމާއި ސޯލަރ ޕަވަރ ސިސްޓަމް ހަރުކުރެވިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މި ފިޔަވަހި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަހަރާއި އަންނަ އަހަރުގައެވެ.

މި ޕްރޮގްރާމްގައި ރަޖިސްޓަރ ކުރެވިފައިވާ އުޅަނދުތަކާއި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތް މީހުންނަށް ބައިވެރިވެވޭނެއެވެ. އަދި އެ އުޅަނދަކީ މިހާރުވެސް މަސްވެރިކަން ކުރުމަށް ބޭނުންކުރާ އުޅަނދަކަށް ވާންޖެހެއެވެ. އެ އުޅަނދަކީ 50 ފޫޓަށްވުރެ ދިގު އުޅަނދަކަށްވުމާއި މަދުވެގެން 15 ޓަނުގެ ފިޝް ހޯލްޑިން ކެޕޭސިޓީ ހުންނަން ޖެހެއެވެ. މީގެއިތުރަށް އާރް.އެސް.ޑަބްލިޔު ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުންނަންވެސް ޖެހެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމަށް އެދޭ މީހުން އެއްވެސް ލޯނެއް ނަގާފައިވާނަމަ އެ ފެ ފެސިލިޓީއަކަށް ފައިސާ އަނބުރާ ދައްކަމުންދާ ގޮތް ނުވަތަ ދައްކާފައިވާ ގޮތަށް ރިއާތްކުރާނެކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އެޕްލިކޭޝަންގައި ހުށަހަޅާ މަޢުލޫމާތާއި ފިޝަރީޒް މިނިސްޓްރީގައި ރެކޯޑްކުރެވިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް އުޅަނދާއި ބެހޭ މަޢުލޫމާތާއި އެއުޅަނދަށް ބޭނުންވާ އާރް.އެސް.ޑަބްލިއު އަދި ސޯލަރ ޕެކްގެ ކެޕޭސިޓީ ދެނެގަންނާނެއެވެ.

އެއަށްފަހު މި މީހުންގެ ތެރެއިން ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބެލުމަށްފަހު ފައިނޭންސިންގ ސްކީމްގައި ބައިވެރިވުމަށް ދެވަނަ މަރުހަލާއަށް ހުޅުވާލާއެވެ. ދެވަނަ މަރުހަލާގައި ސަޕްލަޔަރުންގެ ލިސްޓުން ޚިޔާރު ކުރުމުގެ ފުރުޞަތު އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް ދޭނެއެވެ. އަދި ހިޔާރު ކުރާ ސިސްޓަމަށް ބެލުމަށްފަހު ފައިނޭންސިން ފެސިލިޓީގެ އަގު ކަނޑައެޅުމަށް ވަނީ ހަމަޖެހިފައިވެ. އަދި އެއަށްފަހު ސިސްޓަމް ހަރުކޮށްދިނުމާއި ސިސްޓަމް ހިންގުމާއި ގުޅެގޮތުން ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.