ޚަބަރު

ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް ބޯހިޔާވަހިކަމުގެ އެތައް މަޝްރޫޢެއް އަތޮޅުތަކުގައި


އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުވައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ވަޢުދެކެވެ. ބޯހިޔާވަހިކަމުގެ ދަތިކަމަކީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގިނަ މައްސަލަތަކެއްގެ އަސްލެއްކަމަށްވާތީ، މިކަން ޙައްލުކުރުމަށްޓަކާ މި ސަރުކާރުގެ އެންމެ ކުރީކޮޅުން ފެށިގެން ވަނީ މުހިއްމު މަސައްކަތްތަކެއް ފަށާފައެވެ.

ބޯހިޔާވަހިކަމުގެ މައްސައަލަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ އެއް މައްސަލައެވެ. ވެރިރަށް މާލޭ ސިޓީން ފެށިގެންގޮސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މައްސަލަ ކުރިމަތިނުވާ ސަރަހައްދެއް މަދެވެ. ބިމުގެ ދަތިކަމުގެ ސަބަބުން، ޒަމާންތަކެއްވަންދެން ގޯތިދޫނުކުރެވި ހުރި އެތައް ރަށެއް އެބަހުއްޓެވެ. ކުދިކުދި ޖާގަކޮޅުގައި އާއިލާގެ ގިނަ މެންބަރުންތަކެއް ތޮއްޖެހިގެން ދިރިއުޅޭ އެތައް އާއިލާއެއް އެބައުޅެއެވެ. މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން، ގޯތިއެޅުމަށް އާއްމުންނަށް ދޫކޮށްފައިވާ އެތައް ބިމެއްގައި މަސައްކަތް ހުއްޓިފައި އެބަހުއްޓެވެ.

މިއީ މި ސަރުކާރު ވެރިކަމާއި ޙަވާލުވިއިރު، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ޙާލަތު އޮތް މިންވަރެވެ. މި މައްސަލައިގެ ސީރިއަސްކަމާއި، ބޮޑުކަމުން، މިއީ ޙައްލުކުރުމަށް ވަގުތު ނަގާނެ ބޮޑު މަސައްކަތެކެވެ. އެހެންނަމަވެސް މުޅި ރާއްޖެ ހިމެނޭހެން ހައުސިންގ ނީޑް އެސެސްމަންޓްތައް ހަދާ، ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ އާބާދީތަކަކީ ކޮބާތޯ ބަލާ، ބޯހިޔާވަހިކަމުގެ އެތައް މަޝްރޫޢުތަކެއް މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހިންގަމުންނެވެ.

ސަރުކާރުން ކޮންމެ އަހަރަކަށް ކަނޑައަޅާ ބަޖެޓުގައި، ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއަކީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމެވެ. އެގޮތުން ގެދޮރު އިމާރާތްކުރުމާއި، ޖަމާޢަތުގެ ފައިދާއަށް ދެވޭ ޚިދުމަތްތަކަށް 2019 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 1.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އެކި ރަށްރަށުގައި ހައުސިންގ ޔުނިޓްތައް އެޅުމަށް 96 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. 2020 ވަނަ އަހަރު ޖުމްލަ 3.1 ބިލިއަން ރުފިޔާ މި ދާއިރާއަށް ޚާއްސަކޮށްފައިވާއިރު، އަތޮޅުތަކުގެ ހައުސިންގ މަޝްރޫޢުތަކަށް 359 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މި ދާއިރާއިން 2021 ވަނަ އަހަރު ޖުމްލަ 2.3 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އަތޮޅުތަކުގެ ހައުސިންގ މަޝްރޫޢުތަކަށް އެ އަހަރުގެ ބަޖެޓުގައި 135 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. 2022 ވަނަ އަހަރުގެ ބަޖެޓަށް ބަލާއިރު، މި ދާއިރާއަށް 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެތެރެއިން އަތޮޅުތަކުގައި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމަށް 94 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

2023 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ އަތޮޅުތަކުގައި ހައުސިންގ މަޝްރޫޢުތައް ހިންގުމަށް މިހާތަނަށް މި ސަރުކާރުން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވާ ބަޖެޓެވެ. އެގޮތުން މިދާއިރާއިން ޖުމްލަ 2.8 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ކަނޑައަޅާފައިވާއިރު، އެކި ރަށްރަށުގައި ހައުސިންގ ޔުނިޓްތައް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި 395 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

އަތޮޅުތަކުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 14،502 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި ގޯތި، ރޯހައުސް، ފްލެޓް އަދި ސިންގަލް ހައުސްތަކުގެ ގޮތުގައި އިމާރާތްކުރާ ތަންތަން ހިމެނެއެވެ. އަދި 7 ރަށެއްގައި 705 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިވަގުތުވެސް އަންނަނީ ހިނގަމުންނެވެ.

ސަރުކާރުން ފާއިތުވި 4 އަހަރުގެ ތެރޭގައި އަތޮޅުތަކުގައި ކުރިއަށްގެންދިޔަ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން 5 ރަށެއްގައި 251 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

އަތޮޅުތަކުގައި ނިމިފައިވާ ހައުސިންގ މަޝްރޫޢުތައް:

# ހދ. ނޮޅިވަރަންފަރު : 60 ސިންގަލް ހައުސް
# ކުޅުދުއްފުށި ސިޓީ : 40 ރޯ ހައުސް
# ބ. ތުޅާދޫ : 50 ސިންގަލް ހައުސް
# ޅ. އޮޅުވެލިފުށި : 1 ސިންގަލް ހައުސް
# ޅ. ނައިފަރު : 100 ފްލެޓް

ސަރުކާރުގެ ފަޚުރުވެރި ޢާއިލާ ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، އަތޮޅުތަކުގެ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ރަށްރަށުގައި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ އިތުރުން، ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ރަށްރަށަށް ބިން އިތުރުކުރުމަށް ތަފާތު މަޝްރޫޢުތައް ވަނީ ހިންގާފައެވެ.

ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން، 7 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢު ވަނީ މި ސަރުކާރުން ނިންމާފައެވެ. އަދި 7 ރަށެއްގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. މިއާއެކު މީގެ 20 އަހަރު، 30 އަހަރު ކުރިންފެށިގެންވެސް ގޯތިދޫނުކުރެވި ހުރި ރަށްރަށުގައި، ރައްޔިތުން ދިރިއުޅުމަށް ގޯތިދޫކުރެވޭނެ މަގު ކައުންސިލްތަކަށްވެސް މިވަނީ ފަހިވާން ފަށާފައެވެ.

ކޮންމެ ޢާއިލާއަކީވެސް ފަޚުރުވެރިކަމާއެކު އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ޢާއިލާއަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ސިޔާސަތެކެވެ. އަތޮޅުތަކުގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ، މި އަމާޒަށް ވާޞިލުވުމަށް ހިންގޭ މުހިއްމު މަޝްރޫޢުތަކެކެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުން ވެގެންދާނީ މުޖުތަމަޢުގެ ތެރޭގައި ހުރި އިޖްތިމާޢީ އެތައް މައްސަލައަށްވެސް ޙައްލުތަކެއް ގެނެސްދޭނެ ކަމަކަށެވެ.