ޚަބަރު

ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރި ސިޔާސަތުތަކެއް


ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު އިތުރުވަމުންދާ ތިމާވެށީގެ މައްސަލަތަކަކީ ރާއްޖެއަށް އޮތް ގުދުރަތީ އެންމެ ބޮޑު ނުރައްކަލެވެ. ތިމަވެށީގެ ނާޒުކުރުމާއި ރާއްޖެއަށް އޮތް ނުރައްކާ ބޮޑުވަރާ އަޅާ ބަލާއިރު މިދާއިރާއިން މީގެކުރިން ކުރެވިފައިވާ މަސައްކަތްތައް ނިސްބަތުން މަދެވެ.

އެހެންކަމުން ތިމާވެއްޓަށް ލިބެމުންދިޔަ ގެއްލުންތައް ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ކުރަންޖެހޭ މަސައްކަތްވަނީ އެތައް ގުނައެއް ބޮޑުވެފައެވެ. ކަންމިހެން ހުރުމާއެކުވެސް މިވޭތުވެދިޔަ 4 އަހަރަކީ ތިމާވެށީގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވުނު 4 އަހަރެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ތިމާވެށި ޙިމާޔަތްކުރުމާއި ގުޅޭ މުހިއްމު ގިނަ މަސައްކަތްތަކެއްވަނީ ކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވެސް ތިމާވެށީގެ ދާއިރާއިން މުހިއްމު ގިނަ ކަންކަމެއްވަނީ ޙާސިލްކޮށްފައެވެ. ބައިނަލްއަޤުވާމީ މިންގަނޑުން ބަލައިގަންނަ ނިޒާމަކުން ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް އެއް ރަށާއި އެއްފަޅާއި، އެއްފަރާއި، އެއް ކަނޑޫފާ ހިމެނޭހެން ޙިމާޔަތްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. މިގޮތުން މިހާތަނަށް ތިމާވެށީގެ ޤާނޫނުގެ ދަށުން ޖުމްލަ 42 ސަރަޙައްދެއްވަނީ ޙިމާޔަތްކުރެވިފައެވެ.

ތިމާވެއްޓާ ގުޅުންހުރި ކަންކަމުގެ ތެރެއިން ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ދެމެހެއްޓެނިވިގޮތެއްގައި މި ދާއިރާ ކުރިއެރުވުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ އެއް ދާއިރާއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ 2030 ގެ ނިޔަލަށް ރާއްޖެއަކީ ނެޓް ޒީރޯ ޤައުމަކަށް ނުވަތަ ތިމާވެއްޓަށް ދޫކުރާ ވިހަ ގޭސް ބޭރުކުރުން އެއްކޮށް ހުއްޓާލާ ޤައުމަކަށް ހެދުމަށް އަމާޒުކޮށް، އެކަން ޢިއުލާންކުރައްވާފައެވެ. މިއަމާޒަށް ވާޞިލުވުމަށްޓަކާ، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައާއި ދިމާލަށް މިސްރާބުވަނީ ބަދަލުކޮށްފައެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން މިވަގުތުވެސް ރާއްޖޭގެ އެކި ރަށްރަށުގައި މިފަދަ ބޮޑު 2 މަޝްރޫޢު އަންނަނީ ހިންގަމުންނެވެ.

އެކްސަލަރޭޓިން ރިނިއަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސަސްޓެއިނަބްލް އެނަރޖީ ޕްރޮޖެކްޓް ނުވަތަ އެރައިސް އަދި އެކްސެލަރޭޓިންގ ސަސްޓެއިނަބްލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުއަބަލް އެނަރޖީ ޕްރޮޖެކްޓް އެސްޕަޔަރގެ ދަށުން ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިވީ 4 އަހަރުގެ ތެރޭގައި 20 މެގަވޮޓްގެ ކަރަންޓު އިޔާދަކުރަނިވި ހަކަތައިން އުފައްދަން ފަށާފައިވާއިރު، މިއާއެކު މިހާރު ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީވަނީ 36.5 މެގަވޮޓަށް އަރާފައެވެ. މިހާރު ފެށުމަށް ހަމަޖެހިފައިވާ ހަކަތައިގެ މަޝްރޫޢުތަކާއެކު ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމޭއިރު 55.5 މެގަވޮޓްގެ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށެވެ. މީގެއިތުރުން މިދާއިރާއިން ޢާއްމުން ހޭލުންތެރިކުރުމުގެ މުހިއްމު މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ ތިމާވެށީގެ ނާޒުކުރުމާއެކު ކުރިމަތިވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ޕްލާސްޓިކުގެ މައްސަލައެވެ.

މިދާއިރާއިންވެސް ވަނީ ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނެވި އޭގެ ނަތީޖާވެސް ފެންނަން ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކައި ދެކޮޅަށްވަނީ ޤައުމީ ބޮޑު ކެމްޕޭނެއް ފައްޓަވާފައެވެ. އަދި ރައީސްގެ ޤަރާރަކުން ރާއްޖެއަށް 13 ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުންވަނީ މަނާކޮށްފައެވެ.

މީގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އައީ ރާއްޖެއަށް އެތެރެކުރާ ޕްލާސްޓިކް ކޮތަޅުގެ ބާވަތްތަކުންނެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ދެކުއަރޓާގެ ތެރޭގައި ވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ޕްލާސްޓިކް ކޮތަޅު ދެގުނަ މަދުވެފައެވެ.

މީގެއިތުރުން ޢާއްމުގޮތެއްގައި ރާއްޖޭގެ ވެށިން ފެންނަ އެންމެ ޢާއްމު ޕްލާސްޓިކްގެ ބާވަތަކީ ސުޕާރީ ބަންދުކޮށްފައި ހުންނަ ކުދި ކޮތަޅެވެ. ތިމާވެށި ޙިމާޔަތްކުރުމުގެ ޤާނޫނަށް ގެނެވުނު ބަދަލާއެކު މިކަމަށްވެސް ބޮޑު ބަދަލެއްވަނީ އައިސްފައެވެ.

ތިމާވެށީގެ މައްސަލަތަކުން ރާއްޖޭގައި ބޮއްސުންލައިގެން ގޮސްފައިވާ އަނެއް މައްސަލައަކީ ކުނީގެ މައްސަލައެވެ. ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެންމެ ގިނަ ކަންބޮޑުވުމާއި ޝަކުވާ އަންނަ އެއް މައްސަލައަކީވެސް ކުނީގެ މައްސަލައެވެ.

މިމައްސަލައަށް ޙައްލެއް ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުންވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން މެދުވެރިކޮށް ރަށްރަށުގައި ހުރި ޒަމާންވީ ކުނި ފަރުބަދަތައް ނަގާ ރަށުން ބޭރުކުރުމުގެ މަސައްކަތް ފަށާފައެވެ.

ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގެ ދަށުން 48 ރަށަކުންވަނީ ކުނި ބޭރުކޮށްފައެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 23 ރަށެއްގައި ފެސިލިޓީތައް ޤާއިމުކޮށް ނިމިގެންވަނީ ބޭނުންކުރަން ފަށާފައެވެ. އަދި މިވަގުތު 4 ފެސިލިޓީއެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު ކުނިން ޙަކަތަ އުފެއްދުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އަންނަ އެންމެ ބޮޑު ނުރައްކަލަކީ ރަށްގިރުމުގެ މައްސަލައެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ ކަމަކަށްވުމާއެކު ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުމުރުގެ މަސައްކަތުގެ ދަށުން މިހާތަނަށް 12 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކޮށްވަނީ ނިމިފައެވެ. އަދި މިހާރުވެސް 12 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އަންނަނީކުރަމުންނެވެ.

ސަރުކާރުގެ 4 އަހަރުގެ ތެރޭގައި އެންމެ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވުނު އެއް ދާއިރާއަކީ ތިމަވެށީގެ ދާއިރާއެވެ. ރާއްޖެއިން ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި ތިމާވެށި ޙިމާޔަތްކުރުމަށް އަޑުއުފުލަމުންދާއިރު ރާއްޖެއިން ޤައުމީ ފެންވަރުގައިވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.