ޚަބަރު

ބިންހިއްކުމުގެ މަޝްރޫޢުތަކާއެކު އިޖުތިމާޢީ އަދި އިޤްތިޞާދީ އާރޯކަން އަތޮޅުތެރެއަށް


ޒަމާނުއްސުރެ މާލެ ސަރަޙައްދަށް ބަރޯސާވަމުން އައި ރާއްޖޭގެ މިސްރާބު ލާމަރުކަޒީ އުސޫލުން މުޅި ރާއްޖެއަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތުގެ މައިގަނޑު އަސާސެވެ.

މިކަން ކާމިޔާބުކުރުމަށް ސަރުކާރުން އެންމެ ބޮޑު އަމާޒެއް ހިފީ ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށާއި ދިމާވެފައިވާ އެކި ދަތިތައް ޙައްލުކުރެވޭނެ ސިޔާސަތުތަކާއެކުއެވެ. މިގޮތުން ރާއްޖޭގެ ބައެއް ރަށްރަށުން ފެންނަ އެންމެ ހިތްދަތި އެއް މަންޒަރަކީ ބިމުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވަމުންދާ އިޖުތިމާޢީ މައްސަލަތަކެވެ.

އެއް ގެއެއްގެ ތެރޭގައި ގިނަ ޢާއިލާތަކެއް ދިރިއުޅެން ޖެހުމާއި އެއް ކޮޓަރިއެއްގެ ތެރޭގައި އެއް ޢާއިލާއެއްގެ ގިނަ ކުދިން ބޮޑެތިވެ އެތައް ޖީލެއް ނިމިގެންދާއިރު އެޢާއިލާތަކުގައި ގިނަ މައްސަލަތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ޢާއިލީ ގިނަ މައްސަލަތަކުން ކުރިފަޅާއިގެން ގޮސް ނިކުންނަ ބޮޑެތި ކުށުގެ މައްސަލަތަކުގެ ޙަޤީޤީ ރޫޓް ކޯސް، ނުވަތަ ސަބަބު ގުޅެނީ އެއްގެއެއްގައި ދިރިއުޅުމުގެ މައްސަލައާއެވެ. ދިރިއުޅޭނެ އެހެންތަނެއް ނެތުމުގެ މައްސަލައާއެވެ. ރަށުން ބިން ދޫނުކުރެވި އެތައް އަހަރެއް ވޭތުވެގެންދާ މައްސަލައާއެވެ.

މިކަމަށް ޙައްލެއް ގެންނެވުމަށް މިވޭތުވެދިޔަ 4 އަހަރުގެތެރޭގައި ބިން ހިއްކުމުގެ އެތައް މަޝްރޫޢުތަކެއްވަނީ ބަޖެޓްކުރެވި ހިންގަންފަށާފައެވެ. މިގޮތުން 2019 ވަނަ އަހަރުގެ ބަޖެޓްގެ ޕީއެސްއައިޕީގެ 9 އިންސައްތަ ޚާއްސަކޮށްފައިވަނީ ބިން ހިއްކުމަށެވެ. 2020 ވަނަ އަހަރުގެ ބަޖެޓުގައި ބިންހިއްކުމާއި މަގު ހެދުމަށް 955 މިލިއަން ކަނޑައަޅާފައިވާއިރު 2021 ވަނަ އަހަރު 1029.9 މިލިއަންވަނީ ބިންހިއްކުމަށް ހިމަނާފައެވެ. މިހިނގާ 2022 ވަނަ އަހަރުވަނީ 617 މިލިއަން މިދާއިރާއަށް ކަނޑައަޅާފައެވެ. އަދި މިއަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައިވަނީ ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫޢުތަކަށް 1456.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓްކޮށްފައެވެ.

ބަޖެޓުގައި މިދާއިރާއިން ޚަރަދުކުރާ ނިސްބަތް އިތުރުވެފައިވާއިރު މިވޭތުވެދިޔަ 4 އަހަރުތެރޭގައި ބައެއް ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫޢުތައްވަނީ ނިމިފައެވެ. އަދި މިހާރުވެސް ބައެއް ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު ބައެއް ރަށްރަށުގެ ޕްރޮޖެކްޓްވަނީ ބީލަން މަރުޙަލާގައެވެ. އަދި އަނެއްބައި ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މިގޮތުން މިވީ 4 އަހަރުގެ ތެރޭގައި ހއ. ހޯރަފުށީ، ރ. ދުވާފަރު، ކ. ހުރާ، ކ. މާފުއްޓާއި އެރަށު ޕިކްނިކް އައިލެންޑްގެ އިތުރުން ކ. ގުރައިދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްތައްވަނީ ނިމިފައެވެ. އަދި މިވަގުތު ޢަމަލީ މަސައްކަތް ކުރިއަށްދާ ބައެއް ރަށްރަށުގެ ތެރޭގައި ރ. އަލިފުއްޓާއި، ރ. އުނގޫފަރާއި، މ. ދިއްގަރާއި، ފ. މަގޫދޫއާއި، ތ. ހިރިލަންދޫގެ އިތުރުން ގއ. ދާންދޫ، ގދ. ތިނަދޫ ހިމެނެއެވެ.

މީގެއިތުރުން ހއ. އިހަވަންދޫއާއި، އއ. އުކުޅަހުގެ މަސައްކަތް ފެށުމުގެ މަރުޙަލާގައި ހުރިއިރު ކ. ދިއްފުށީ ބިންހިއްކުމުގެ މަޝްރޫޢު އޮތީ ޕްރީޓެންޑަރިން މަރުޙާލާގައެވެ.

ސަރުކާރުން ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު މީގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެއްރަށަކީ ކ. މާފުއްޓެވެ. އެރަށަކީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރާ އެއްރަށްކަމަށްވުމުން އެރަށަށް އިތުރުވެގެންދިޔަ ބިމާއެކު ފަތުރުވެރިކަން އިތުރު ހަރުފަތަކަށްދާނެކަމަށް އެރަށު ރައްޔިތުން ޤަބޫލުކުރެއެވެ. އަދި މިއީ އިޤްތިޞާދީ އަދި ސިނާޢީ އެހެނިހެން ދާއިރާތަކަށްވެސް ރަށް ހުޅުވައިދޭނެ މަގެއްގެގޮތުގައި އެރަށު ކައުންސިލުންވެސް ދެކެއެވެ.

ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ އިޤްތިޞާދީ ކުރިއެރުން ހުއްޓިފައިވާއިރު އިޖުތިމާޢީ މައްސަލަތައްވެސް ކުރިމަތިވަމުން އަންނަ އެއްރަށަކީ މ. ދިއްގަރެވެ. ދިއްގަރުގައި ބިމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ، ވޭތުވެ 24 އަހަރު ތެރޭގައިވެސް ބިން ހިއްކުމުގެ އެކި ވާހަކަތައް ދެކެވެއެވެ. އެހެންނަމަވެސް ބިން ހިއްކާ އެކަން ޙަޤީޤަތަކަށްވާން ފެށީ މި ސަރުކާރުގައެވެ. މިއާއެކު އިޤްތިޞާދީ ބޭނުންތަކަށާއި ގޯތި ދޫކުރުމަށްވެސް ބިން ލިބި ރަށަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލެއް އަންނާނެކަމަށް އެރަށު ރައްޔިތުން އުއްމީދުކުރެއެވެ.

ލާމަރުކަޒީ އުސޫލުގެ ދަށުން އެރަށެއްގައި ހިއްކާ ބިމުން ނަފާ ލިބޭނެ މަގު ފަހިކުރުމަށް ކައުންސިލްތަކަށްވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. ޢާމްދަނީ ލިބޭނެ ގޮތްތައް ފަހިކުރުމުގެ އިތުރުން ރަށު ފެންވަރުގައި މަޝްރޫޢުތައް ހިންގުމުގެ ބާރުވެސް ކައުންސިލްތަކަށްވަނީ ދޫކޮށްފައެވެ. މިއާއެކު ބިން ހިއްކާ ނިމުމުން ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ރަށަށް ތަރައްޤީ ގެނައުމުގެ ފުރިހަމަ ބާރުވެރިކަން ރައްޔިތުންނާއި ގާތަށް މިހާރުވަނީ ޖެހިލާފައެވެ.

ރަށްރަށަށް ކުރިމަތިވެފައިވާ އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން ރަށްރަށުގެ އިޤްތިޞާދީ ތަރައްޤީއަށް ވިޔަފާރިއާއި ގުޅުންހުރި ޙަރަކާތްތައް އިތުރުކުރުމަށްވެސް ބިމުގެ ދަތިކަން ރަށްރަށަށް ކުރިމަތިވެފައިވާކަމުގެ ކަންބޮޑުވުން ގިނަ ރަށްރަށަކުން ފާޅުކުރެއެވެ. ސަރުކަރުން ކުރިއަށްގެންދާ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތައް ނިމިގެން ދިޔުމާއެކު ރަށްރަށުގައި އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރެވުމަކީ ރަށުގެ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ކައުންސިލްތައް ބާރުވެރިކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ ސިޔާސަތުތަކާއެކު މުޅި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެ ރައްޔިތުންގެ ދިރިއުޅުމަށް ފާގަތި ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.