ޚަބަރު

ތިލަމާލެ ބްރިޖު : ކަނޑުގައި ތަނބުޖެހުމަށް ޓެސްޓް ޕައިލްގެ ކޮންގްރީޓް މަސައްކަތް ކުރިއަށް


ތިލަމާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން ކަނޑުގައި ޖަހާ ތަނބުތައް ޖެހުމަށް ޓެސްޓް ޕައިލްގެ ކޮންގްރީޓް މަސައްކަތް މިއަދު ފަށައިފިއެވެ.

ޓެސްޓް ޕައިލެއްގެ މަސައްކަތް މިއަދު ފަށާފައިވާއިރު ބްރިޖްގެ ތަނބުތަކުގެ ޓެސްޓް ޕައިލިންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ މިހާރު ކުރިއަށްދަނީ ދާއިމީ ތަނބުތަކުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތަކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ މި ޕްރޮޖެކްޓާއި ހަވާލުވެ ހުންނެވި ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު ޖިނާން ވިދާޅުވީ މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކޮންކްރީޓްކޮށްފައި ވަނީ މާލެ ފަޅީގައި މޫދުގައި ހުންނަ ތަނބުކަމަށެވެ. އަދި މިފަދަ އިތުރު އެއް ތަނބު ވިލިމާލެއާއި ގުޅީފަޅު ފަޅީގައި ޖެހުމަށް ހަމަޖެހިފައިވާއިރު ކުރިއަށް ދެންއޮތީ އެތަނބު ކޮންކްރީޓްކުރުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ދެ ތަނބުގެ ޓެސްޓް ޕައިލިންގ ނިމުމާއެކު ދެން ކުރިއަށްގެންދާނީ ދާއިމީ ތަނބުތައް ޖެހުމުގެ މަސައްކަތްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރު ކުރިއަށްދާ ޓެސްޓް ޕައިލިންގެ މަސައްކަތަކީ ތަނބުތަކުގެ ޑިޒައިން ފައިނަލްކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅު ގުޅައިލަދޭ ކަނެކްޓިވީ ބުރިޖުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު ފެށިނަަމަވެސް މޫސުން ގޯސްވުމާއެކު ގިނަ ދަތިތަކެއް ވަނީ މަސައްކަތް ކުރިއަށްގެންދިޔުމުގައި ކުރިމަތިވެފައެވެ. މިގޮތުން މިމަސައްކަތުގައި ބޭނުންކުރަމުންދިޔަ ބްރިޖް ޕްލެޓްފޯމް ވަނީ ވިލިމާލޭ ފަރަށް އަރާފައެވެ. އެހެންނަމަވެސް އޭގެ ސަބަބުން މަސައްކަތް ލަސްވެފައިނުވާކަމަށް އެފްކޮންސްއާއި ޕްލޭނިންގ މިނިސްޓްރީންވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މާލެއާއި ވިލިމާލެއާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ ކަނެކްޓިވިޓީ ބްރިޖްގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ފަށާފައިވަނީ މާލެ ފަޅީގައެވެ. އަންނަ އަހަރު ނިމޭއިރު މަޝްރޫޢުގެ ޕްލޭނާ އެއްގޮތަށް މާލެއާއި ވިލިމާލެއާއި ގުޅީފަޅު ގުޅާލެވޭނެއެވެ. އަދި 2024 ވަނަ އަހަރު ތިލަފުއްޓާއި ގުޅާލާ ނިމޭނެކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.

ބްރިޖުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. މި މަޝްރޫއުގެ ދަށުން 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައިވެސް މިމަޝްރޫޢުއަށް ބޮޑު ހޭދައެއްކުރުމަށް ވަނީ ހިމަނާފައެވެ. މިގޮތުން މިމަޝްރޫޢަށް، އިންޑިއާ އެގްޒިމް ބޭންކުގެ ލޯނުގެ ގޮތުގައި 591.7 މިލިއަން ރުފިޔާ އާއި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 182.3 މިލިއަން ރުފިޔާ އާއި، ދައުލަތުގެ ބަޖެޓުން 9.17 މިލިއަން ރުފިޔާއާއެކު، ޖުމްލަ 792 މިލިއަން ރުފިޔާ ޚަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.