ޚަބަރު

ލ.ފޮނަދޫއާއި މ.މުލީގައި ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑް ކުރަން ހަވާލުކޮށްފި


ލ.ފޮނަދޫ އާއި މ.މުލީގައި ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށްޓަކައި ލައިކޯ ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފިއެވެ.

މިމަސައްކަތް ކުރުމަށް އެކުންފުންޏާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރުއެވެ. ލައިކޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޔާޒެވެ.

މުލީގައި ކުނި މެނޭޖް ކުރާ ސެންޓަރު އެޅުމަށް 4.2 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. އަދި ފޮނަދޫގައި މި މަސައްކަތް ކުރުމަށް 2.7 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މިއާއެކު މި ދެ މަޝްރޫޢަށް 6.9 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މި ދެ މަޝްރޫއުވެސް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުތައް ނިމުމުން، މިދެރަށުގައިވެސް ރަށުފެންވަރުގައި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒުގައި ކުނި ވަކިކޮށް، އަލުންބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މި ދެރަށުގައިވެސް ކުނި މެނޭޖްކުރާ މަރުކަޒުގައި ފަނާވާ ޒާތުގެ ކުނި ޓްރީޓް ކުރުމަށްޓަކައި، އެނެރޯބިކް ޑައިޖެސްޝަން ޕްލާންޓެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވާކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ފޮނަދޫއާއި މުލީގައި ކުނި މެނޭޖުކުރާ ނިޒާމް ހަރުދަނާ ކުރުމުގެ މިމަޝްރޫޢު ނިމުމުން އެ ދެ ރަށުގައި ކުނި އެންދުމާއި، މާ ގިނައިން ރަށުގައި ކުނި ޖަމާވެ ދިމާވާ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ޤާއިމުވުމަކީ ސިއްޙަތަށާއި ތިމާވެއްޓަށް ލިބިދޭ ފައިދާގެ އިތުރުން އިޤްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ ޖާގައިގެ ގޮތުން ތަނަވަސް މަރުކަޒުތަކެކެވެ. އަލަށް ޑިޒައިން ކުރެވިފައިވާ މިމަރުކަޒުތަކުގައި އޮފީހެއްގެ އިތުރަށް، ފާޚާނާއާއި، ސްޓޯރޭޖާއި، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގައިގެ އިތުރުން ނުރައްކާތެރި ކުނި ބެހެއްޓުމަށް ޚާއްސަ ޖާގައެއްވެސް ހިމެނެއެވެ. އަދި މިމަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިންގ ސްކޭލްވެސް އަވަސް މުސްތަޤުބަލެއްގައި ބެހެއްޓިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ދެ މަޝްރޫޢު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ޒޯން 2، 4 އަދި 5 ގައި ތަންފީޒް ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.