ރިޕޯޓް

މަޝްވަރާއަށް ހުޅުވާލި ފުރުޞަތުގެ ބޭނުންހިފުމަށް އެދިވަޑައިގެންފި


ރައްޔިތުންގެ ތަރައްޤީއަށް
ބޭނުންވާ ކަންކަމާ ބެހޭގޮތުން ސިޔާސީ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށް
ހުޅުއްވާލެއްވި ފުރުޞަތުގެ ބޭނުންކުރައްވައިގެން މަޝްވަރާއަށް ވަޑައިގަތުމަށް
ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފިއެވެ.

ގދ. ގައްދުއަށް ބޯފެން
ފޯރުކޯށްދިނުމުގެ ނިޒާމް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން
ރައީސް އަބްދުﷲ ޔާމިން ވިދާޅުވީ، މަޝްވަރާކުރައްވަން އެމަނިކުފާނު އަރިހަށް
ވަޑައިގަންނަވަންވީ ކުށްވެރިން ދޫކޮށްދިނުމާއި، އެމީހުންގެ ޙައްގުތައް
ހޯއްދަވައިދެއްވުމަށް ނޫންކަމަށެވެ. ކުށްވެރިންގެ ޙައްޤުތައް ޤާނޫނު އަސާސީގައި
ބަޔާންކުރެވިފައިވާ ކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ
ތަރައްޤީއަށް ބޭނުންވާ ކަންކަން ފުރިހަމަކުރެއްވުމަށް ބިނާކުރަނިވި
މަޝްވަރާކުރައްވަން އެމަނިކުފާނު އަރިހަށް ވަޑައިގަތުމަށް އެދިވަޑައިގެންނަވާކަމަށެވެ.

މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ އިދިކޮޅު
ފަރާތްތަކާއެކު ސަރުކާރުން ފަށްޓަވައި މެދުކެނޑިފައިވާ މަޝްވަރާތައް އަލުން
ކުރިޔަށް ގެންދެވުމަށް ނިންމަވައި އެކަމަށް ފުރުޞަތު ހުޅުއަވާލައްވާފައެވެ.
އެހެންނަމަވެސް، އެމްޑީޕީން ބުނެފައި ވަނީ މަޝްވަރާގެ ކުރިން ސިޔާސީ ލީޑަރުން
މިނިވަންކުރަން ޖެހޭނެކަމަށެވެ.

ރައީސްގެ އިސްތަށިފުޅުގައި
ޚިޔާނާތުގެ އިލްޒާމް އިދިކޮޅު ފަރާތްތަކުން އަޅުވަމުންދާއިރު އެމަނިކުފާނު ވަނީ ރައްޔިތުންގެ
ފައިސާގައި އެމަނިކުފާނު ޖެހިވަޑައިގެންފައި ނޯންނާނެ ކަމަށް މިއަދުގެ
ރަސްމިއްޔާތުގައިވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ސިޔާސީ
ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށް ހުޅުއްވާލެއްވި ފުރުޞަތާ ބެހޭގޮތުން
ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މަޝްވަރާކުރައްވަމުން ދަނީ
ރާއްޖެއަށް ހަމަޖެހުން ގެނައުމަށްކަމަށެވެ. އަދި އެކަމަށް ހުރިހާ ފަރާތްތަކުންވެސް
އިހްތިރާމްކުރައްވަން ޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.