ޚަބަރު

މިއަދު ފަށާ ކޮޕް ސަމިޓުގައި 120 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވާނެ


އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް، "ކޮޕް 27" ސަމިޓް މިއަދު މިސްރުގައި ފެށޭނެއެވެ.

މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 120 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ބެލެވެއެވެ.

ކޮޕް 27 ސަމިޓް މިޞްރުން ހޯސްޓްކުރާއިރު، މި ސަމިޓް ކުރިއަށްދާނީ މިމަހުގެ 6 އިން 18 މިޞްރުގެ ޝަރްމުއްޝައިޚުގެ އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.

އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނެނީ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 27) ގެ 27 ވަނަ ސެޝަނާއި، ކިޔޯޓޯ ޕްރޮޓޮކޯލް (ސީއެމްޕީ 17) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 17 ވަނަ ސެޝަނާއި، ޕެރިސް އެގްރީމެންޓް (ސީއެމްއޭ 4) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ ހަތަރު ވަނަ ސެޝަނެވެ.

މި ސަމިޓް ހުޅުވުމުގެގޮތުން މިއަދު ބާއްވާ ރަސްމިއްޔާތުގައި އދ.ގެ އައު ކްލައިމެޓް ޗޭންޖް ޗީފް ސައިމަން ސްޓިއެލްއާއި މިޞްރުގެ ޚާރިޖީ ވަޒީރު އަދި ކޮޕް27 ގެ ރައީސް ކަމަށް ކަނޑައެޅުއްވި ސަމެހް ޝައުކްރީގެ ތަޤުރީރުކުރައްވާނެއެވެ. ސަމިޓްގެ ސެޝަންތައް ރަސްމީކޮށް ފެށޭނީ މާދަމާއެވެ. އެގޮތުން މާދަމާ ބާއްވާ "ވޯލްޑް ލީޑާރސް ސަމިޓް"ގައި ޤައުމުތަކުގެ ވެރިންނާއި، ޤައުމުތައް ތަމްޞީލުކުރައްވާ މަންދޫބުންނަށް، މި ސަމިޓުން ޙާޞިލުކުރަން ބޭނުންވާ ކަންކަން ބަޔާންކޮށް ތަޤުރީރުކުރެއްވުމަށް 5 މިނެޓުގެ ފުރުޞަތު ދެވޭނެއެވެ.

މިފަހަރުގެ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވަފްދުގައި އިސްކޮށް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ. ކޮޕް 27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ. މި ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މާދަމާ ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ ކޮޕް ސަމިޓްގައި ރާއްޖެއިން އެންމެބޮޑަށް ވަކާލާތުކުރާނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ޚަރަދުތައް ހޯދުމަށްކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާއިމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ. އަދި މިފަހަރުގެ ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި އެ ގެއްލުންތަކުން އަރައިގަތުމަށް ބަދަލުހޯދުމާއި ގުޅޭގޮތުން ކުދި ޖަޒީރާ ޤައުމުތަކުން ވަރަށް ބޮޑަށް ވަކާލާތު ކުރާނެ ސަމިޓްވެގެންދާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޮޕް 27 ގެ ތެރެއިން ބާއްވާ ރައުންޑް ޓޭބަލް ސެޝަންތައް މިމަހުގެ 7 އިން 8 އަކަށް ކުރިއަށްދާއިރު، "ތީމެޓިކް ޑޭސް" ތަކުގެ ގޮތުގައި ތިމާވެއްޓާ ގުޅުންހުރި ތަފާތު މައުޞޫޢުތަކަށް ބާއްވާ ބައްދަލުވުންތައް މިމަހުގެ 9 އިން ފެށިގެން 18 ކުރިއަށްދާނެއެވެ. މި ސަމިޓުގެ ތެރެއިން ކުރިއަށްގެންދާ ތަފާތު ސެޝަންތަކުގައި ސްޕީކަރުންގެ ގޮތުގައި 2000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. އަދި މުޅި ސަމިޓުގައި ގާތްގަނޑަކަށް 35،000 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ.

މިފަހަރުގެ ސަމިޓުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވޭނެ ދާއިރާތަކުގެ ތެރޭގައި، އެންމެފަހުން ސްކޮޓްލެންޑުގެ ގްލަސްގޯގައި ބޭއްވި ކޮޕް 26 ސަމިޓުގައި ޤައުމުތަކުން އެއްބަސްވިކަންކަން ހާޞިލުކުރެވުނު މިންވަރާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށާއި، އެކަންކަމުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކޮށް، ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޤައުމުތަކުގައި މެދުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ސާފު ބޯފެނާއި، ކާނާގެ ޔަޤީންކަމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އިނޮވޭޓިވް ފައިނޭންސް ފޯ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް އަދި ހަކަތައިގެ ދާއިރާއަށް އިންވެސްޓްކުރުންފަދަ މައުޞޫޢުތަކަށްވެސް ވާހަކަދެކެވިގެންދާނެއެވެ.