ޚަބަރު

ފޮއްދޫ ފެނާއި ނަރުދަމާ ނިޒާމު މިއަހަރުގެ ޑިސެމްބަރަށް ނިންމާލެވޭނެ


ނ. ފޮއްދޫގައި ސަރުކާރުން ޤާއިމުކުރާ ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރުމަހަށް ނިންމާލުމުގެ އުންމީދު ބޮޑުކަމަށް މަސައްކަތުގެ ކޮންޓެކްޓަރ އެމް.ޑަބްލިއު.އެސް.ސީ އިން ބުނެފިއެވެ. އެކުންފުނިން ވިދާޅުވީ، އެރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ބޮޑެތި ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައެވެ.

ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތައް ބާލާއިރު ފެން އުފެއްދުމަށް ބަހައްޓާ ޕްލާންޓްތައް މިިހާރުވަނީ އެރަށަށް ގެންގޮސްފައެވެ. އަދި ފެން އުފެއްދުމަށް ހަދާ ޕްލާންޓް ހައުސްގެ 95 އިންސައްތައް މަސައްކަތް ނިމިފައިވާއިރު، ފެނާ ނަރުދަމާގެ މައިހޮޅިވެސް ވަނީ އަޅާ ނިންމާލާފައެވެ. ގެތަކަށް ފެނުގެ ކަނެކްޝަންތައް ވައްދާފައިވާއިރު ފެންމީޓަރު ހަރުކުރުމުގެ މަސައްކަތް މި މަސްތެރޭގައި ފެށޭނެކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.


ވާރޭ ފެން ނެގުމަށް އަޅާ ހޮޅިލައިންގެ މަސައްކަތުގެ 47 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރަމުން ދަނީ ފެން ރައްކާކުރުމަށް ބަހައްޓާ ތާނގީތައް ރޭވުމުގެ މަސައްކަތާ ޕްލާންތައް އިސްޓޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ޕަންޕް ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތާ ނަރުދަމާ ކަނެކްޝަން ގެތަކަށް ގުޅުމުގެ މަސައްކަތެވެ.

ނަރުދަމާ ކަނެޝަން ގުޅުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމް.ޑަބްލިއު.އެސް.ސީ އިން ވިދާޅުވެއެވެ. އަދި އަމާޒަކީ މިއަހަރުގެ ޑިސެމްބަރުމަހަށް ނިންމާލުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން އާބާދީ ކުޑަ ބޮޑުމިނެއް ބެލުމެއް ނެތި ކުރިއަށްގެންދާ ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފޮއްދޫއަށް ދިމާވެފައި އޮތް މި މައްސަލަ އަށް މިއަންނަ އަހަރުގެ ޖަނަވަރީގައި ހައްލު ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެރަށު ކައުންސިލްގެ މެންބަރު ހަސަން އިލްހާމް ވިދާޅުވީ، މި ދެ ޙިދުމަތަކީ ރައްޔިތުންނާ ރަށުގެ ކުރިއެރުމާ ގުޅުން ހުރި ވަރަށް މުހިންމު ދެ ހިދުމަތްކަމަށެވެ.

ފޮއްދޫގައި އެމް.ޑަބްލިޔު.އެސް.ސީން ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 4.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމުކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 454 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިއަށް ރަށް ފައްކާވަމުން ދާއިރު ރައްކާތެރި ފެނުގެ ޙިދުމަތަކީ މުހިންމު ޙިދުމަތެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ރަށުގެ ހުރިހާ ސަރައްހައްދެގެވެސް ފެނުން ނުބައިވަސް ދުވާކަމަށާ، މިހާރު ފެން ބޭނުން ކުރަނީ އޮކްސިޖަން ޕަންޕް ބޭނުން ކޮށްގެން ފެނުން ވަސް ކަނޑުވައިގެންކަމަށް އިލްހާމް ވިދާޅުވިއެވެ.

މީ ރާއްޖޭގައި ފެން ތަޣައްޔަރުވެފައިވާ ރަށްރަށުގެ މީހުން ފެން ބޭނުކުރާ އާންމު ގޮތެކެވެ. މިގޮތައް ފެނުން ނުބައިވަސް ކެނޑުނުނަމަވެސް އެފެނަކީ ބޭނުން ކުރުމަށް އެންމެ ރަގަޅު ފެންނޫންކަމަށް އެމީހުންވެސް ޤަބޫލު ކުރެއެވެ. 450 މީހުންގެ އާބާދީއެއް އޮންނަ ފޮއްދޫގައި މިހާތަނަށް ނަރުދަމާ ފެން ހިނަދަމުން އައީ ގެވަޅުތަކުގައި ޖަގްޝަން ހަދައިގެން ރަށު ބިމަށެވެ. މިސަބަބާހުރެ ރަށުގެ ފެންފަލަ އެއްކޮށް ވަނީ ހަލާކުވެފައެވެ.