ޚަބަރު

ވިޔަފާރިކުރުމުގައި މަކަރު ހެދުމަކީ ބަރަކާތް ކެނޑި ފާފަވެރިވާނެކަމެއް: ޚުޠުބާ


ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ ކިބައިން މަކަރާއި ޙީލަތްތެރިކަން ފެންނަމުންދާކަމަށާއި، އެއީ ފާފަވެރިވާނެކަމެއްކަމަށް ވިދާޅުވެ، އެފަދަ ކަންކަމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. އެއީ އެމީހާގެ ވިޔަފާރިއާއި މެދު މީހުންގެ އިތުބާރު ގެއްލޭކަމެއްގެ އިތުރުން އެމީހެއްގެ ދެދުނިޔޭގެ ބާއްޖަވެރިކަންވެސް ގެއްލިގެންދާނެކަމެއްކަން ހުކުރު ޚުޠުބާގައިވަނީ ހަނދާންކޮށްދެއްވާފައެވެ.

މިއަދުގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ މަކަރާއި ޙީލަތްތެރިވުމުގެ މައްޗަށެވެ. މިކަމަށް އަލިއަޅުއްވާލާލައްވައި ޚުޠުބާގައި ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ ކިބައިން ނޭދެވޭ ބައެއް ސިފަތައް ފެންނަމުންދާކަމަށެވެ. އެގޮތުން ފެންވަރުދަށް މުދާ، ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަމުގައި އަގުބޮޑުކޮށް ވިއްކާކަމުގެ ޝަކުވާ އިތުރުވެފައިވާކަން ޚުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ މުދާ އުފައްދާ ފަރާތްތަކަށާއި، ގަންނަ ފަރާތްތަކަށްވެސް ބޮޑު ގެއްލުމެއް ލިބޭކަމެއްކަމަށްވާއިރު، މިއީ ވިޔަފާރިވެރިންނަށް، މީހުންގެ ހިތުގައި އޮންނަ އިތުބާރު ކުޑަވާކަމެއްކަމުގައި ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކުގައި ވިޔަފާރިވެރިން ހަދާ މަކަރުތަކުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވެ، ދާއިމީ ބޮޑެތި ބަލިތަކަށް މަގުފަހިވާކަމަށާއި، އެކަންކަމާއި މެދު ބިރުވެތިވުމަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.


"ޒަމާނީ ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި މީސްތަކުންގެ މުދާ ފޭރިގަތުމަށް ބޭނުންކުރާ އުކުޅުތަކާއިމެދު ފާރަވެރިވެ ތިބުމަކީ މުހިއްމުކަމެއް. އެކި ބާވަތްބާވަތުގެ ދަޅަދައްކައިގެން ފޯނަށް ފޮނުވޭ އޯޓިޕީތައް ހޯދައި، އީމެއިލްއާއި އިންޓަރނެޓް ބޭންކިންއިން އެކައުންޓްތަކަށްވަދެ ފައިސާ ފޭރިގަތުމުގެ ޝަކުވާގެ އަޑުވަނީ މުޖުތަމަޢުގައި ގަދަވެފައި. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ މިފަދަ ކެހިވެރި ފަރާތްތަކުގެ ދަނތުރަތަކުން ސަލާމަތްވުމަށް އަބަދުމެ ހޭލައިތިބުމަށް." ޚުޠުބާގައި ވިދާޅުވިއެވެ.

ކޮންމެ މީހެއްގެވެސް ދިރިއުޅުމުގެ މަޤްސަދަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުންކަމަށްވާއިރު، ބައެއް ވިޔަފާރިވެރިންގެ ކިބައިން ފެންނަ މިނުބައި އާދައިގެ ސަބަބުން އެމަޤްސަދު އެފަރާތްތަކަށް ޙާސިލުނުވާނެކަން ޚުޠުބާގައިވަނީ ހަނދާންކޮށްދެއްވާފައެވެ. އެގޮތުން އެއީ ކަނޑައެޅިގެން މާތްﷲ ޙަރާމްކުރައްވާފައިވާ ގޮތަކަށް ހޯދާ ޢާމްދަނީއެއްކަމަށް ޚުޠުބާގައިވަނީ ވިދާޅުވެފައެވެ.

އެޢާމްދަނީއިން ދިރިއުޅުން އާރާސްތުކޮށް އަމިއްލަ ޢާއިލާއަށް ޚަރަދުކުރާއިރު އެއީ ޙަރާމް ފައިސާކަން އެއްވެސްވަރަކަށް އެފަދަ މީހުން ނުވިސްނަނީތޯ ޚުޠުބާދެއްވަމުން ޚަޠީބުވަނީ ސުވާލުކުރައްވާފައެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކުން މިސާލު ޖައްސަވަމުން ޚުޠުބާގައި ވިދާޅުވީ ވިޔަފާރިކުރުމުގައި މީސްތަކުންނަށް އޮޅުވާލައިގެން މަކަރު ހެދުމަކީ ބާޠިލުގޮތުގައި މީސްތަކުންގެ މުދާ ކެއުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.


"މަކަރުހަދައި އޮޅުވާލަމުންދިޔަ ޤައުމުތަކުގެ ތެރޭގައި ޝުޢައިބު ޢަލައިހިއްސަލާމްގެ ޤައުމު މަދްޔަނު ހިމެނޭ. މިނެކިރުމުގައި މަކަރުހަދައި އޮޅުވާނުލުމަށް ޝުޢައިބުގެފާނު އެބައިމީހުންނަށް ނަސޭޙަތްތެރިވެ އިންޒާރު ދެއްވި. ނަމަވެސް އެމީހުން އެއަޑެއް ނޭހި، ނަތީޖާއަކީ ޚާލިޤުވަންތަ މާތްﷲ އުޑުން ޢަޛާބު ފޮނުއްވައި އެބައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވި." ޚުޠުބާގައި ވިދާޅުވިއެވެ.

ހަމައެއާއެކު މީސްތަކުންނަށް ނުހަނު ބޭނުންޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ ހިފެހެއްޓުމަށްފަހު އެމުދަލުގެ އަގު ބޮޑުކޮށްގެން ބާޒާރަށް ނެރެ ވިއްކުމަކީ އިޙްތިކާރުކުރުންކަމަށާއި، އެއީ އިސްލާމްދީން ހުއްދަކުރާކަމެއް ނޫންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މީގެއިތުރުންވެސް ވިޔަފާރިކުރުމުގައި މިނެކިރުމުގައި އުނިއިތުރު ބައެއް ވިޔަފާރިވެރިން ކުރާކަމަށާއި އެއީ އޭގެސަބަބުން ގެއްލުމާއި ހަލާކު ކުރިމަތިވާނެކަމެއްކަމަށް ޚުޠުބާގައިވަނީ ހަނދާންކޮށްދެއްވާފައެވެ.

ވިޔަފާރިތައް އިޝްތިހާރުކުރުމުގައި ބައެއް ވިޔަފާރިވެރިން އެމުދަލެއްގައި ނެތް ސިފައެއް ހުރިހަމަށް ބުނެ އެމުދަލުގެ މޮޅުވާހަކަތައް ދައްކައި އުޅޭއިރު، އެއީވެސް އޮޅުވާލުންކަމަށާއި، އެއީވެސް މަކަރު ހެދުންކަން ސިފަކުރައްވާ ޚުޠުބާގައި ވަނީ އޭގެ ސަބަބުން ލިބޭ ނަފާއަކީ ޙަލާލު އެއްޗެއް ނޫންކަމަށް ވިދާޅުވެފައެވެ.

ޙަލާލުގޮތުގައި ޢާމްދަނީ ހޯދުން އިސްލާމް ދީން މަނައެއް ނުކުރެއެވެ. އެހެންނަމަވެސް މީސްތަކުންނަށް އޮޅުވާލައިގެން މަކަރު ހަދައިގެން އަދި މާތްﷲ ޙަރާމްކުރައްވާފައިވާ ގޮތްގޮތުން ޢާމްދަނީ އިތުރުކުރަން މަސައްކަތް ނުކުރުމަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ ޢަމަލުތައް ކުރާ މީހުން ހުއްޓުވައި މުޖުތަމަޢު އަމާންތަނަކަށް ހެދުމަށް ކަމާއިބެހޭ ފަރާތްތަކަށް ޚުޠުބާގައިވަނީ އިލްތިމާސްކުރައްވާފައެވެ.