ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ޚިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރަމުންދަނީ އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ތިނަދޫއިން 10.6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ގދ. ތިނަދޫ ބިން ހިއްކުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 9 ޖެނުއަރީ 2022 ގައެވެ.
ތިނަދޫއަށް އިތުރުކުރެވޭ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ރަށުގެ އިރުމަތީ ފަރާތުން ތިލަކޮށް އޮތް ސަރަހައްދުންނެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، މިހާރު ކުރިއަށްދަނީ ބަންޑް ވޯލް ތައްޔާރުކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން 10.6 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، 1521 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި 555 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތާއި، 4492 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާ، ބޮލާރޑާއި، ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތިނަދޫ ކައުންސިލުގެ ރައީސް ސަޢުދު ޢަލީ ވިދާޅުވީ، އެރަށުގައި އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ސިނާޢީ މަސައްކަތްތަކަށް ޚާއްސަ ސަރަޙައްދެއް ތަރައްޤީކުރެވިގެންދިއުމަކީ ރަށުގެ އިޤްތިޞާދީ ކުރިއެރުމާއި ގުޅިފައިވާ މުހިއްމު މަޝްރޫޢެއްކަމަށެވެ. އެގޮތުން މިހާރުވެސް އެ ރަށަކީ ސިނާޢީ ބޮޑެތި މަސައްކަތްތަކަކާއި ދިމާލަަށް މިސްރާބު ޖަހާފައިވާ ރަށެއްކަން ފާހަގަކުރައްވާ، މިއީ ރަށަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށްވެސް ހުޅުވިގެންދާނެ ދޮރެއްކަމަށެވެ.
ސަޢުދު ވިދާޅުވީ، އަލަށް އިތުރުކުރެވޭ ބިން ތަރައްޤީކުރެވިގެންދާނެގޮތުގެ ޕްލޭން އެކުލަވާލުމަށްޓަކާ ސަރުކާރާ، ކަމާގުޅޭ ފަރާތްތަކާ މަޝްވަރާތައް ކުރަމުންދާކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާވެސް ހޯދާނެކަމަށް ތިނަދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
"އިންޑަސްޓްރިއަލް ވިލެޖާ ގުޅޭ ކަންތައްތަކެއް މިހާރުވެސް އެބަކުރިއަށްދޭ. މިސާލަކަށް ގޭސްގެ މަސައްކަތް، އައިސް ޕްލާންޓުގެ އެކްސްޕެންޝަން މަސައްކަތާއި، ކޯލްޑް ސްޓޯރޭޖުގެ މަސައްކަތްވެސް ޕްލޭންކުރަމުންދަނީ. ކޭނަރީގެ މަސައްކަތްތައްވެސް ފެއްޓުމަށް މަސައްކަތްކުރަނީ. އެވެސް ޕްރައިވެޓް ޕާޓީއަކާ ޙަވާލުކޮށްގެން. އެހެންވީމަ މިކަހަލަ ބޮޑެތި ކަންކަން ތިނަދޫއަށް އަންނައިރު އިންޑަސްޓްރިއަލް ވިލެޖާއި ޕޯޓުގެ މަސައްކަތް ނިމިގެންދާއިރު އަދި އިތުރު ބޮޑެތި އިންވެސްޓްމަންޓަތައް އައުން ގާތް" ސަޢުދު ވިދާޅުވިއެވެ.
ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، އެރަށުގައި ސަރަޙައްދީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެމްޕީ.އެލްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ނިންމާ، އަންނަ އަހަރު ކުރީކޮޅު ޚިދުމަތްދޭން ފެށޭނެކަމަށް އެމް.ޕީ.އެލްއިން ވިދާޅުވެއެވެ.
ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ތިނަދޫ ބިން ހިއްކުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 660 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 125 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މިނިސްޓްރީން ކުރިން ވިދާޅުވެފައިވެއެވެ.