ރ. ކިނޮޅޮހުގައި ސަރުކާރުން ކުރިއަށްގެންދާ ބަނދަރު މަރާމާތުކޮށް ބޮދު ކުރުމުގެ މަޝްރޫޢުގެ ދަށުން އެބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް އަންނަހަފްތާގައި ފެށޭނެކަމަށް މަސައްކަތުގެ ކޮންޓެކްޓަރ އެމް.ޓީ.ސީ.ސީއާއި ހަވާލާދީ އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކިނޮޅޮހު ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ އެރަށު ނެރުމައްޗައް ވެލި އަރައި ނެރު ބެދޭ މައްސަލަ ހައްލުކުރުމަށާ، ބަނދަރުގެ ޖާގަ ބޮޑު ކުރުމުގެ ބޭނުމުގައެވެ. ކިނޮޅޮހުގައި މިހާރު އޮތް ބަނދަރަކީ 2008 ވަނަ ހަދާފައި އޮތް ބަނދަރެކެވެ.
ކިނޮޅޮހު ބަނދަރަށް ދިމާވި އެންމެ ބޮޑުއެއް މައްސަލަ މިހާރުވަނީ ހައްލުކޮށްފައެވެ. އެއީ އެރަށު ބަނދަރަށް ކުރިން ވަދެނުކުތުމަށް އޮންނަ ނެރުބައްދާ އާނެރެއްކެނޑުމެވެ. ކުރިން އޮތް ނެރުގެ ސަބަބުން އަހަރަކު ދެފަހަރުކަހަލަ ގޮތަކަށް ފަޅުތެރެއަށް ވެލިވަދެ ނެރުމަތި ތިލަވެ ދިޔަވަރު ހިކޭ ވަގުތުތަކުގައި ބޮޑެތި އުޅަނދުތައް ބީހޭކަމަށް އެރަށު މީހުން ބުނެއެވެ. އެހެން އެކަން ދިމާވަމުންގޮސް 2020 ވަނަ އަހަރު އެރަށު ނެރުއެއްކޮށް ބެދި ރަށުން ބޭރުނުވެވިފައި ހަފްތާއެއްހާ ދުވަހު އެރަށު މީހުން ތިބެންޖެހުނެވެ.
ސަރުކާރުން ކިނޮޅޮހު ބަނދަރުބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ފެށީ އެހިސާބުންނެވެ. އެރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް ބަލާއިރު އައު ނެރު ކަނޑާ، ބޭރުތޮށިލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި އަންނަ ހަފްތާގައި ބަނދަރަށް އިތުރުކުރާ ބައިގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފެށޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
މި މަސައްކަތަށް ބޭނުންވާ ގައުތައް މިހާރު ކިނޮޅޮހަށް ގެންގޮސްފަވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އެކުންފުނިން ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތުގެ 68 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެރަށުގައި މިހާރު އޮތް 400 ފޫޓްގެ ބަނދަރަށް އިތުރުކުރަނީ ބަނދަރުގެ ހުޅަނގުފަރާތުން 360 ފޫޓެވެ.
ކިނޮޅަހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ބަނދަރު ފުންކުރުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި ރޭމްޕް ހެދުމާއި، 1663 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާ ނެރު ބައްތި ހަރު ކުރުމާއި ބަނދަރު ބައްތި ހަރުމުގެ މަސައްކަތް ހިމެނެއެވެ.
600 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކިނޮޅަހު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކުރީ 45.1 މިލިއަން ރުފިޔާއަށެވެ.