ޚަބަރު

ހަނިމާދޫ އެއަރޕޯޓަކީ މިލިޓަރީ ތަނެއްނޫން، އެތަން ހިންގާނީ ދިވެހިން: ޢަބްދުލްޣަފޫރު


ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިލިޓަރީ އެއަރޕޯޓެއްނޫންކަމަށާއި، އެތަން ހިންގާނީ ދިވެހި ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. ސަރުކާރުން އަންނަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ބޮޑު ތިލަދުންމައްޗަށް އިޤްތިޞާދީ ބޮޑު އިންޤިލާބެއް ގެނުވާނެ، ހދ. ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްޤީކުރުމަށް އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއި ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިއުންތަކާ، ކުރާ ތުޙުމަތުތަކަށް ރައްދުދެއްވާ ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު ވުޖޫދުވިފަހުން ފާއިތުވި 30 ހަކަށް އަހަރުގެ ތެރޭގައި އެތަނަށް ނުގެނެސްދެވުނު ތަރައްޤީއާއި ޒަމާނީ ކުރިއެރުން މި ސަރުކާރުން ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.

ހަނިމާދޫ އެއަރޕޯޓް މިލިޓަރީ ތަނަކަށް ހަދަންއުޅޭކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުޙުމަތުތައް ދޮގުކުރައްވާ މެންބަރު ޢަބްދުލްޣަފޫރު ވިދާޅުވީ، އެއީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކަތަކެއްކަމަށެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ މަޝްރޫޢެއްކަމަށާއި، އެތަން ހިންގާނީވެސް ދިވެހި ސަރުކާރުންކަމަށް މެންބަރު ވިދާޅުވިއެވެ.

"އަޅުގަނޑަކީވެސް ތިލަދުންމައްޗަށް އުފަން ދަރިއެއް. ތިލަދުންމަތިން އަކަ އިންޗިއެއްވެސް ބޭރުގެ ފަރާތްތަކަށް ދޫކޮށްލަން އަޅުގަނޑުވެސް ފުރަތަމަ އެއްބަހެއްނުވަން. އެހެންނަމަވެސް މިއަދު ޒިންމާދާރު ފަރާތްތަކުން ރައްޔިތުން ކައިރީ މި ވާހަކަތައް އޮޅުވާލައިގެން ދައްކާތީ އެއީ ލަދުވެތިކަމެއް. ތިލަދުންމަތީގެ ރައްޔިތުންނަށް އެނގޭނެ މިސަރުކާރުން ހަނިމާދޫ އެއަރޕޯޓް އަޅާނެކަން. އަދި އިރާދަކުރެއްވިއްޔާ އެއަރޕޯޓް އެއްކޮށް ނުނިމުނަސް، މި ވެރިކަން ނިމުމުގެ ކުރިން ހަނިމާދޫއަށް ބޮޑެތި ބޯޓުތައް ޖައްސާނެ. އެ އުއްމީދުގައި އަޅުގަނޑުމެން މިތިބީ" މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރީ 2012 ވަނަ އަހަރުއެވެ. ނަމަވެސް ޚިދުމަތުގެ ގޮތުންނާއި ޢުމްރާނީ ތަރައްޤީގެގޮތުންވެސް އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެމުން ނުދެއެވެ. އެހެންކަމުން އެތަން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި އަމާޒަކީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުންކަމަށެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.