ޚަބަރު

ކާމިޔާބުގެ ތަޅުދަނޑިއަކީ ރަނގަޅު އަޙްލާޤު: ޢިމްރާން


ކާމިޔާބުގެ ތަޅުދަނޑިއަކީ ރަނގަޅު އަޙްލާޤު ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ 3 ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން އިސްނަގައިގެން ކުރިއަށްގެންދާ ރައްކާ ޕްރޮގްރާމްގައި ލ. އަތޮޅުގެ 3 ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ޓްރެފިކް މޮނިޓަރސް ތަމްރީނުކުރަން ހިންގި މި ޕްރޮގްރާމް 130 ދަރިވަރުން ފުރިހަމަކުރިއެވެ.

ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށްފަހު މިނިސްޓަރ ޢިމްރާން ވިދާޅުވީ، ކޮންމެ ކާމިޔާބު އިންސާނެއްގެ ކިބައިގައި ނެތިނުދާނެ ސިފައަކީ ޑިސިޕްލިންގ ކަމަށެވެ. އެއީ ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ މީހެއް ނަމަވެސް, އެމީހަކު އެ މަސައްކަތްކުރާ ދާއިރާއަކުން ކާމިޔާބު މީހަކަށްވާއިރު އެމީހެއްގެ ގައިގައި ހުންނަން ޖެހޭ އެންމެ މުހިއްމު ސިފައަކީ ޑިސިޕްލިންގ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޑިސިޕްލިންގ, ޑިސިޕްލިންގ, ޑިސިޕްލިންގ. އޭނަ ފަތިހު ހޭލިންސުރެއް ރޭގަނޑު ނިދިއްޖެއުމަށް ދާންދެން އޭނަގެ މަސައްކަތް ތަރުތީބުވެފަ ހުންނަ ހަމަ. ހިފަހައްޓާ ގޮތް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ އަޅުގަނޑުމެންގެ ހަޔާތުގައި ކުރާ ކޮންމެ ކަމެއް, އެކަމެއް ކުރަން އޮންނަ ފުރިހަމަ, ރިވެތި ޑިސިޕްލިންގއާ އެއްކޮށް ރަނގަޅަށް ކުރުން އެއީ ކުރަންޖެހޭ ކަމެއްކަމަށެވެ. ކާމިޔާބުގެ ތަޅުދަނޑިއަކީ އަދި ކާމިޔާބުވާ ބަޔަކީ އެއީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަޅުގަނޑުމެންގެ ޤައުމު ކުރިއަރާދާން ބޭނުންވާކަމަށެވެ. އަޅުގަނޑުމެންގެ ޤައުމަކީ ތަނަވަސް, ތިޔާގި, ފާގަތި, އުފާވެރި ޤައުމަކަށްވާން ބޭނުންވާކަމަށެވެ.

އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ސަރަހައްދުގައި ތިބި އެންމެ ހިތްހަމަޖެހޭ އެންމެ ކާމިޔާބުވާ މީހުންނަށް ވާން ބޭނުންވާކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. އެކަމަކު އެހިސާބަށް ދެވެނީ ކޮންއިރަކުންތޯ މިނިސްޓަރ ވަނީ ސުވާލުކުރައްވާފައެވެ.

"އަޅުގަޑުމެންގެ ކިބައިގައި, އެންމެންގެ ކިބައިގަ އެޑިސިޕްލިންގ އަށަގެންނެވީމަ, ހަރުލެއްވީމަ. އެސިފަތައް ދަސްކުރީމަ. އެހެންވީމަ އަޅުގަނޑުމެން އެގޮތް ދަސްކޮށް އޭގެމަތީގައި ތިބެން ޖެހެނީ. އެހެން މީހުންނާ ހަމައަށް ދިއުމުގެ ކުރިން ކުރަންޖެހޭ ކަމަކީ އަމިއްލައަށް ހުރިހާކަމެއް ރަނގަޅަށް ކުރަން ފެށުން" މިނިސްޓަރ ވިދާޅުވިއެވެ.

މީހަކު ކާމިޔާބު މީހަކަށް ވުމަށްޓަކައި ދެން ކުރަންޖެހޭ ކަމަކީ އޭނާ އުގެނި ދަސްކުރާ އިލްމެއް ނުވަތަ ހުނަރެއް އެއީ އެ ދަސްކުރި ދާއިރާއަކުން އެންމެ އެކަށީގެންވާ ހުނަރާއި ޢިލްމް ކަމުގައިވުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދަސްކުރުމަށްފަހުގައި ދަސްކުރި ގޮތަށް އަމަލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެހެންނޫނީ ކާމިޔާބެއް ނުވާނެކަމަށެވެ. އަދި ކޮންމެ ކުއްޖަކީ އަދި ކޮންމެ މީހަކީ ތިމާގެ ފަރާތުން އަނެކުންނަށް އެންމެބޮޑު ފައިދާކޮށްދޭ މީހާކަމުގައި ވާންޖެހޭކަމަށެވެ.

ލ. އަތޮޅުގައި ކުރިއަށްގެންދިޔަ މިޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި, މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި, ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ސްކޫލްތައް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.