ވިޔަފާރި

މިދިޔަ އަހަރާއި އަޅާބަލާއިރު ފަތުރުވެރިކަމުގެ އޮކިއުޕެންސީ ރޭޓް އިތުރު


މިދިޔަ އަހަރުގެ ފުރަތަމަ 9 މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ރާއްޖޭގެ އޮކިއުޕެންސީ ރޭޓް އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ރާއްޖެއަށް 1،190،620 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ކޯވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އިހު އޮތް ހާލަތައް މިހާރު ވަނީ ރުޖޫއަވެފައެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކާއި، ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރި މަސައްކަތާއި ރާއްޖެއަކީ ޒިޔާރަތްކުރުމަށް ރައްކާތެރި މަންޒިލެއްކަން ކޯވިޑްގެ ޙާލަތުގައިވެސް މުޅި ދުނިޔެއަށް އަންގާދިނުމުގެ ނަތީޖާއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދާއި އޮކިއުޕެންސީ ރޭޓްވެސް މިހާރު ވަނީ އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 9 މަސްދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 8 ލައްކަ ފަތުރުވެރިންނެވެ. އަދި މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1.2 މިލިއަން ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހު އޮކިއުޕެންސީ ރޭޓް ހުރީ %52.2 ގައެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި އޮކިއުޕެންސީ ރޭޓް ހުރީ %58.8 ގައެވެ. އެހެންކަމުން މިއީ %6.6 އިތުރުވުމެކެވެ.

މި މުއްދަތުގައި ރާއްޖޭގައި އޮޕަރޭޓް ކުރި އެނދުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހު ފަތުރުވެރިންނަށް ޙިދުމަތް ދިނުމަށް ރާއްޖޭގައި ހުރީ 47،826 އެނދެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި މި އަދަދު އުޅުނީ 56،405 ގައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރފޯޓް ފިޔަވައި ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މާފަރަށް އަންނަ ފަތުރުވެރިން އިތުރުވެފައިވަނީ މާފަރަކީ ޕްރައިވެޓް ޖެޓްވެސް ގިނަ އަދަދަކަށް ޖައްސާ އެއަރޕޯޓަކަށް ވާތީއެވެ.