ޚަބަރު

ހޯޑެއްދޫ ވަލުތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފި


ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައި ހުއްޓާއެވެ. އެހެންނަމަވެސް މި އޮޕަރޭޝަންގައި ފުލުހުން ހޯދާފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެތިކަމެއް، އަދި އެތަކެތީގެ ބާވަތްތަކާގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނު ގދ. ހޯޑެއްދޫ، ސްވެން ޢަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ ނިޔާވުން އެއީ ވަރަށް ހިތާމަވެރިކަމެއްކަމަށާއި، ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު އެހެން ފަރާތެއް ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައިހުރި ގިނައަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ޓީމުން ހޯދާފައިވާކަމަށާއި، ހޯޑެއްދޫގެ އެހެނިހެން ތަންތަން ކުރިއަށް އޮތްވަގުތުތަކުގައި ފުލުހުން ބަލާފާސްކުރާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.


މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަޙުޤީޤު ކުރަމުންމެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.