ޚަބަރު

ރާއްޖޭގެ ފަރުތައް ސަލާމަތްކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ - ޝައުނާ


ރާއްޖޭގެ ފަރުތަކާއި ގުޅޭގޮތުން ހޯދުނު ހޯދުންތަކުން ފަރުތައް ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތައް އަޅަންޖެހޭކަން ހާމަވެފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަރުތަކާއި ގުޅޭގޮތުން ކުރި ދިރާސާގެ ހޯދުންތައް ޢާއްމުކުރުމަށް ބޭއްވި "ޕަބްލިޝް ރެޑް ލިސްޓް ކޮރަލް އެސެސްމަންޓް" ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، ރާއްޖޭގެ ފަރުތަކާއި ގުޅިގެން ކަންބޮޑުވާ ކަންތައްތަކެއް ހާމަވެފައިވާކަމަށެވެ. މިގޮތުން ބެލިފައިވާ 39 ބާވަތެއްގެ ތެރެއިން ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ފަރުތައް ސަލާމަތްކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޖަމިއްޔާތަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަރުތައް ރައްކާތެރިކުރުމަށް މަސައްކަތްކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އަދި އުއްމީދު އެލުވާލުމުގެ ބަދަލުގައި ރާއްޖޭގެ ފަރުތައް ޙިމާޔަތްކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ ފަރުތަކާއި ގުޅޭގޮތުން ކުރެވުނު ދިރާސާގައި ވަނީ ރާއްޖޭގެ މުރަކަތަކުގެ ތެރެއިން 23 ބާވަތަކީ ނުރައްކާ ދަރަޖައެއްގައި ނެތިދިޔުމުގެ ބިރުހީވެފައިވާ ބާވަތްތަކަށްވާއިރު އިތުރު 6 ބާވަތެއްވެސް ވަނީ ނެތިދިޔުމުގެ ބީރުހީވެފައެވެ. އަދި 7 ބާވަތަކީ ނާޒުކު ޙާލަތުގައި ހުރި މުރަކައެވެ. އަދި 3 ބާވަތެއްވަނީ ނުރައްކަލަށް ހުށައެޅިފައިވާ ބާވަތްތައްކަމަށްވަނީ ބެލެވިފައެވެ. މި ނަތީޖާއިން އެނގިފައިވަނީ 36 ބާވަތަކީ ގެއްލުމުގެ ނުރައްކަލަށް ހުށައެޅިފައިވާ ބާވަތްތައްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވަނީ ނެތިދިއުމުގެ ބިރުހީވެފައިވާ ބާވަތްތައް ދެނެގަތުމަށް ބޭނުންވާ ތަމްރީން ދިނުމަށް ހިންގި ރެޑް ލިސްޓް ޓްރައިނިންގގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 13 ފަރާތަކަށް ތަމްރީން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ޙަވާލުކޮށްފައެވެ.

ތިމާވެށި ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ 79 ސަރަޙައްދުގެ ތެރެއިން 13 ސަރަޙައްދަކީ ފަރުތަކުގެ ސަރަޙައްދުތައް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މުރަކަތައް ރައްކާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މުރަކަ ދިރުވާ އާލާކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ތިމާވެށި ޙިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަމުންދާއިރު، ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކުގައި އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޤައުމެވެ.

މުރަކައާއި ގުޅޭގޮތުން ހޯދިފައިވާ ހޯދުންތައް މިހާރު ޝާޢިއުކޮށްފައިވާއިރު މީގެކުރިން ވަނީ ވެލާއާއިގުޅޭގޮތުންވެސް މިފަދައިން ހޯދި ހޯދުންތައް ޢާއްމުކޮށްފައެވެ. މީގެއިތުރުން ރާއްޖެއިން ފެންނަ ތަފާތު ބާވަތްތަކަށް އޮތް ނުރައްކާ ދެނެގަތުމަށްވެސް އަންނަނީ ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.