ޚަބަރު

ހުޅުމާލޭ މެންޓަލް ހެލްތު ސެންޓަރަށް ޑިމާންޑު ބޮޑު، ގިނައީ ޑިޕްރެޝަނާއި އެންޒައިޓީ ކޭސްތައް


ނަފްސާނީ ބަލިމަޑުކަމަކީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ އެއްބައްޔެވެ. ބަލީގެ ޙާލަތު ގޯސްވެފައިވާ މިންވަރަށް ފަރުވާގެ ނިޒާމު އަދި ހަރުދަނާވެފައިނުވިނަމަވެސް ސަރުކާރުން އަންނަނީ ބައްޔާއި ދެކޮޅަށް ދެވޭ ފަރުވާ އިތުރުކޮށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ.

އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ޚާއްސަ ސެންޓަރެއް ދާދިފަހުން ވަނީ ހުޅުވާފައެވެ. މި ސެންޓަރު ހުޅުވާފައިވަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާގުޅުވައިގެން މިމަހުގެ 10 ވަނަ ދުވަހުއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމުކުރި ނަފްސާނީ ބައްޔަށް ފަރުވާދޭ ސެންޓަރަކީ އިންޑިއާގެ ކަޑަބަމް ގްރޫޕާ ގުޅިގެން ޤާއިމުކުރި ސެންޓަރެކެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގެ އެންމެ ތިރީ ފަންގިފިލާގައި ޤާއިމުކޮށްފައިވާ މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މިއީ މާލޭ ސަރަޙައްދުގައި ހުޅުވި މިފަދަ ދެވަނަ ސެންޓަރެވެ.

މި ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުގެ ނަފްސާނީ ބަލިތަކުގެ ޚާއްސަ ޑޮކްޓަރ، ޑރ. މައުމޫން ޝަރީފް ވިދާޅުވީ، މިއީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އައި.ޖީ.އެމް.އެޗަށް އޮންނަ ބާރު ކުޑަކޮށް، ލުޔެއް ހޯދައިދިނުމަށް ހުޅުވުނު ސެންޓަރެއްކަމަށެވެ. އަދި މިވަގުތު މިތަނުން ނަފްސާނީ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން އިންޑިއާގެ ކަޑަބަމް ގްރޫޕުގެ ދެ ކްލިނިކަލް ސައިކޮލޮޖިސްޓުންގެ ޚިދުމަތާއި، ކައުންސިލަރެއްގެ ޚިދުމަތް ލިބިގެންދާނެކަމަށް ޑރ. މައުމޫން ވިދާޅުވިއެވެ.

ޑރ. މައުމޫން ޝަރީފް ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެންވެސް އެޕޮއިންޓްމަންޓް ފުލްވެފައިވާކަމަށާއި، މިކަމުންވެސް މިފަދަ ޚިދުމަތަކަށް ބޭނުންޖެހިފައި އޮތް މިންވަރު ހާމަވާކަމަށެވެ.

"އެޕޮއިންޓްމަންޓްތައް ފުލްކޮށް މި ހުންނަނީ ފުރަތަމަ ދުވަހުން ފެށިގެންވެސް. ގިނަ ބޭފުޅުން ވަރަށް ގިނަ ދުވަސްވެއްޖެ ނަފްސާނީ ޑޮކްޓަރަކަށް ނުދެއްކިގެން އުޅޭތާ. އަދި ވެއިޓް ލިސްޓް ގިނަވެގެން އާއްމުކޮށް ދައްކާ ޑޮކްޓަރަށް ނުދެއްކިގެން އުޅޭތާ. މިކޮޅުން ދެވޭ ޚިދުމަތާމެދު ހިތްހަމަޖެހޭކަން ޕޭޝަންޓުން ފާހަގަކުރޭ" ޑރ. މައުމޫން ވިދާޅުވިއެވެ.

ޑރ. މައުމޫން ޝަރީފް ވިދާޅުވީ، އެ ސެންޓަރުން ޚިދުމަތް ހޯދާ ބަލި މީހުންގެ ތެރޭގައި ތަފާތު އުމުރުގެ މީހުން ހިމެނޭކަމަށެވެ. އެގޮތުން ވަރަށް ތުއްތު ކުދިންވެސް އުފެދުމުގައި ސިކުނޑީގައި ހުންނަ ތަފާތުކަމެއްގެ ސަބަބުން އުޅުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފަރުވާ ހޯދާކަން ޑރ. ފާހަގަކުރެއްވިއެވެ. ޑރ. މައުމޫން ވިދާޅުވީ، ފަރުވާ ހޯދާ ޕޭޝަންޓުންގެ ތެރޭގައި އެންމެ ގިނައީ ހާސްވެ، ބިރު ގަންނާތީ ފަރުވާ ހޯދާ މީހުންކަމަށެވެ.

"ގިނައިން މި އަންނަނީ އެންޒައިޓީ، އަޅުގަނޑުމެން މި ކިޔާ ހާސްވުމުގެ ބަލީގެ އަލާމަތްތަކުގައި އަންނަ ބޭފުޅުން. އޭގެ އިތުރުން ޑިޕްރެޝަން، ދިގު މުއްދަތަކަށް މާޔޫސްވުން ތަޙައްމަލުކުރާ ބޭފުޅުން. ސީރިއަސް ކްރޮނިކް ގިނަ ދުވަސްވާ ނަފްސާނީ ބަލިތަކުގެ ތެރޭގައި ސްކިޒޯފްރޭނިއާރ، ބައިޕޯލާ ޑިސް އޯޑަރ ކަހަލަ ކަންކަމުގައިވެސް ބޭފުޅުން އެބަވަޑައިގަންނަވާ. އެކަމު އާއްމުކޮށް މި އަންނަނީ އެންޒައިޓީއާއި ޑިޕްރެޝަންގެ ކޭސްތައް" ޑރ. މައުމޫން ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމުކުރި މެންޓަލް ހެލްތު ސެންޓަރ ނުވަތަ ނަފްސާނީ ބައްޔަށް ފަރުވާދޭ ސެންޓަރުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8 އިން ހަވީރު 6 އަކަށް ޙިދުމަތް ލިބޭނެއެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގެ 1417 އަށް ގުޅާ ނަން ނޯޓްކުރުމުން، ސެންޓަރުގެ ފަރާތުން ގުޅާ، ބަލި މީހާގެ ސްކްރީނިންގއެއް ހެދުމަށްފަހު، ވެއިޓް ލިސްޓްކޮށް އެޕޮއިންޓްމަންޓް ދޫކުރަމުންދާނެއެވެ.

މި ސެންޓަރުން މިވަގުތު ހަމައެކަނި އައުޓް ޕޭޝަންޓްތައް ފޯރުކޮށްދިންނަމަވެސް، އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހިއްޖެ ޙާލަތެއްގައި މެންޓަލް ހެލްތު ޕޭޝަންޓުންގެ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ.