ދުނިޔެ

އިސްރާއީލުން ފަލަސްތީނުގެ އާންމުންގެ މީހަކު މަރާލައިފި


އިސްރާއިލްގެ އަސްކަރިއްޔާ އިން އިއްޔެވެސް ފަލަސްތީނުގެ އާންމު ރައްޔިތެއް މަރާލައިފިއެވެ.ހުޅަނގު އައްސޭރީގެ ހަބްރޫންގައި ހިނގި ހާދިސާގައި ފަލަސްތީނުގެ އަންހެނަކު މަރާލާފައި ވަނީ އިސްރާއިލްގެ ސިފައިންގެ މީހަކަށް ހަމަލާ ދޭން އުޅޭ ކަމަށް ތުހުމަތުކޮށެވެ. މި ހާދިސާގައި އިސްރާއިލްގެ އެއްވެސް މީހަކަށް ގެއްލުން ވެފައިނުވާ ކަމަށް އެޤައުމުން ބުނެއެވެ.މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބަދަލުކުރަން ފެށުނު ޙަމަލާތަކުގައި އިސްރާއީލްގެ 27 ރައްޔިތަކު މަރުވެފައިވާ އިރު، އިސްރާއިލުން މަރަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިސްރާއިލުން ފަލަސްތީނުގެ އާންމު ރައްޔިތުންނާއި މެދު އަމަލުކުރަމުންދާ ގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކާއި އެތައް ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.އދގެ އިސް މަގާމުތައް އަދާ ކުރައްވަމުންދާ ބޭފުޅުންނަކީ އާންމުކޮށް އިސްރާއިލްގެ އަމަލުތަކަށް ފާޑުނުކިޔާ ބޭފުޅުންނެވެ. ނަމަވެސް، ސެކެޓްރީ ޖެނެރަލް ބަންކީ މޫންވެސް ވަނީ މިދިޔަ މަހު އިސްރާއިލްއަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނާއި މެދު އަމަލުކުރަމުންދަނީ ހައްދުން ނައްޓާފައިވާ ހަރުކަށިކަމެއް ބޭނުންކޮށްގެން ކަމަށާއި އިސްރާއިލަށް މިހާރު އަމާޒުވަމުންދާ ހަމަލާތަކަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އެހެން އިތުރު ގޮތެއް ނެތިގެންދޭ ހަމަލާތަކެއް ކަމަށެވެ.އިސްރާއިލް އާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދިޔަ ނަމަވެސް، އެޤައުމުން ދަނީ ފަލަސްތީނުގެ އާންމުންނަށް އިތުރު ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރަމުންނެވެ.