ޚަބަރު

މާލެ ސަރަޙައްދުގައި ފެން އުފައްދާ މިންވަރު އަންދާޒާއަށްވުރެ އިތުރު


މާލެ ސަރަޙައްދުގައި އިތުރުވަމުންދާ އާބާދީއާއެކު ފެން އުފައްދާ މިންވަރު އަހަރުން އަހަރަށް، ކުރާ އަންދާޒާއަށްވުރެ އިތުރުވަމުންދާކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވެއްޖެއެވެ. އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވީ، ހުޅުމާލެއަށް މިހާރުން މިހާރަށްވެސް ފެނުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ.

ގްރޭޓަރ މާލޭގެ އިތުރުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީއިން އަންނަނީ ކުޅުދުއްފުޓާއި، މާފުއްޓާއި ދުވާފަރުގައިވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ޚިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުން ދެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވީ، ޚިދުމަތް ފުރިހަމަކޮށް ބޭނުންވާ ކެޕޭސިޓީއަށް ޚިދުމަތް ދިނުމަށްޓަކައި އަބަދުވެސް ފޯކާސްޓްތަކެއް ނުވަތަ އަންދާޒާތަކެއް ހެދުމަށްފަހު ސިސްޓަމްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެކުންފުނިން ކުރާކަމަށެވެ.

މިގޮތުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި ހެދުނު އަންދާޒާތަކަށްވުރެ އިތުރަށްވެސް ފެން އުފައްދަން ޖެހޭކަން ފާހަގަކުރެވިފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

"ފޯކާސްޓްތަކެއް ހެދުމަށްފަހު އެކުލަވާލާ ބަޖެޓެއްގެ މައްޗަށް މި ޕްލާންޓްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް މިކުރަނީ. އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކަކީ މިފޯކާސްޓްތަކަށްވުރެ އިތުރަށްވެސް ފެން އުފައްދަން ފަހަކަށް އައިސް ޖެހޭކަން. އާޖަންޓްކޮށްވެސް އެބަޖެހޭ ބައެއް ދިމަދިމާއިން ޕްލާންޓްތައް އަޕްގްރޭޑްކުރަން" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ހުޅުމާލެއަށް ގިނަ ބަޔަކު ބަދަލުވުމާއެކު މާލޭގައި ފެން އުފައްދާ މިންވަރު މަދުވާނެކަމަށެވެ. އެހެންނަމަވެސް އެގޮތަށް އެކަން ހިނގުމުގެ ބަދަލުގައި އަހަރުން އަހަރަށް ފެން ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަމަށް ޝާހު ވިދާޅުވިއެވެ. މިގޮތުން ހުޅުމާލެއަށް ބަލާއިރު މިހާރުން މިހާރަށްވެސް ކެޕޭސިޓީ އިތުރުކުރަންޖެހިފައިވާކަން ޝާހު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ގުޅިފަޅާއި މާލެ ގުޅާލުމާއެކުވެސް ފެން އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ޝާހު ފާހަގަކުރެއްވިއެވެ.

1996 ގައި ވަރަށް ކުޑަ ކެޕޭސިޓީއެއްގައި މާލޭގައި ފެނުގެ ޚިދުމަތް ފެށިނަމަވެސް މިވެތުވެދިޔަ ތާރީޚުގައި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެމް.ޑަބްލިއު.އެސް.ސީއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މިހާރު ގްރޭޓަރ މާލެ ސަރަޙައްދުގައި ބޭނުންކުރުމަށް ދުވާލެއްގެ މައްޗަށް އެކަނިވެސް 40300 ޓަނަށްވުރެ ގިނަ ޓަނުގެ ފެން އެމް.ޑަބްލިއު.އެސް.ސީއިން އަންނަނީ އުފައްދަމުންނެވެ.