ޚަބަރު

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ޑިސެމްބަރުމަހު ފަށަނީ


ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ޑިސެމްބަރުމަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

ބޮޑު ތިލަދުންމައްޗަށް އިޤްތިޞާދީ ބޮޑު އިންޤިލާބެއް ގެނުވާނެ، ހދ. ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްޤީކުރުމަށް އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއި ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތެވެ. މިއާއެކު ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިނާރާ ސަރަޙައްދުތަކަށް އެ ސިނާޢަތް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެކެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރީ 2012 ވަނަ އަހަރުއެވެ. ނަމަވެސް ޚިދުމަތުގެ ގޮތުންނާއި ޢުމްރާނީ ތަރައްޤީގެގޮތުންވެސް އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެމުން ނުދެއެވެ. އެހެންކަމުން އެތަން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި އަމާޒަކީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު އުތުރުގެ ސަރަހައްދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެގެންދާނެކަމަށެވެ. އަދި އެއަރޕޯޓުގެ މަސައްކަތް ނިމި، އެ ސަރަޙައްދުގައި މިހާރު ޤާއިމުކޮށްފައިވާ އާރް.ޓީ.އެލް ފެރީ ނިޒާމާ ގުޅުވާލުމުން، ފަތުރުވެރިކަމަށާއި އިޤްތިޞާދީ އިތުރު ހަރަކާތްތަކަށް އެ ސަރަޙައްދު ހުޅުވާލެވިގެންދާނެކަން މިޢްވާން ފާހަގަކުރެއްވިއެވެ.

"އުތުރު ސަރަޙައްދުގައި 8000 އެނދު ތަރައްޤީކުރުން އެއީ ސަރުކާރުގެ ތަޞައްވުރު. އެހެންވީމަ އެސަރަހައްދު ތަރައްޤީވަމުން އަންނައިރު ޖުމްލަކޮށް ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރައިގެންދާނެ. އެއާއެއްކޮށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއެއްކޮށް އާރް.ޓީ.އެލް ފެރީ ނެޓްވޯކާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަން ކުރިއަށްއޮތްތަނުގައި ކުރިއަރައިގެންދާނެ" މިޢްވާން ވިދާޅުވިއެވެ.

ހިނގަމުންމިދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒް އިސްމާއިލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރައްވައެވެ.