ޚަބަރު

ކަމަދޫ ބަނދަރު ތަރައްޤީކުރުން : އިޤްތިސާދީގޮތުން ރަށަށް އިތުރު ދިރުމެއް


ރަށްރަށުގައި ހަލާކުވެފައާއި، ލަފާފުރުމަށް މިހާތަނަށް ބަނދަރެއްގެ އުފާ ނުލިބިވާ އެތައް ރަށްތަކެއްގައި ސަރުކާރުން ބަނދަރުތައް ދަނީ ތަރައްޤީކުރަމުންނެވެ. އެންމެ ކުދި އާބާދީތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި އާބާދީތަކަށްވެސް ބަނދަރުގެ މަސްރޫއުތައް އަންނީ ހިންގަމުންނެވެ. މިކަމުގެ ނަތީޖާ ވަރަށް ފޮނިކަމަށް އެރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިފަދަ އެއް ރަށަކީ ބ. ކަމަދޫއެވެ.

ބ. ކަމަދޫއަކީވެސް ލަފާފުރުމަށް ބަނދަރެއްގެ ފަސޭހަކަމަށް އެދިއެދި އޮތް ރަށެކެވެ. މީގެ 25 އަކަށް އަހަރު ކުރިން އެރަށުގައި ތަރައްޤީކޮށްފައި އޮތް ބަނދަރު ހަލާކުވެ، ރަށަށް އަންނަ ކުރިއެރުންތަކާއެކު ބަނދަރުގެ ޖާހަގަ ކުޑަވުމަކީ ރަށުގެ އިޤްތިސާދު ހީނަރުވެގެން ދާ ސަބަބެއްކަމަށް ރަށުގެ ކައުންސިލުން ޤަބޫލުކުރެއެވެ.

ކަމަދޫގައި އޭރު އޮތީ 400 ފޫޓް ގެ ކުޑަ ބަނދަރެކެވެ. ބަނދަރުން ޕެޓްރޯލާ ޑީސަލް ލިބޭ ބ. އަތޮޅުގެ މަދު ރަށްތަކުގެ ތެރޭގައި ކަމަދޫ ހިމެނޭތީ، ތެޔޮ އެޅުމަށް އަންނަ އުޅަނދުފަހަރު ގިނަވުމާ ރިސޯޓްތަކުގެ އުޅަނދުތައް ފަޅު ބޭނުން ކުރަމުން ދިއުމުން އެފަދަ އުޅަނދުތަކަށް ޚާއްސަ ސަރަހައްދެއް ބަނދަރުގައި ހެދިފައި ނެތުމަކީ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތަކެވެ. އަދި މާލެ ދަތުރު ކުރާ މުދާ އުފުލާ ބޯޓުފަހަރާ، ފެރީ ލޯންޗާއި، އަތޮޅު ފެރީއަށް ޚާއްސަ ސަރައްދެއް ނެތުމަކީ ރައްޔިތުންގެ ފަރާތުން ލިބޭ އެންމެ ބޮޑު ޝަކުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މިހާރު އެރަށުގައި ކުރިއަށްދާ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، ބަނދަރު ބޭނުން ކުރަމުން މީގެ ކުރިން އައީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުކަމަށާ، މީ ރަށުގެ އިޤްތިސާދާ ގުޅިފައި އޮތް މުހިންމު މަސައްކަތެއްކަމަށެވެ. ބަނދަރު ބޮޑުކޮށް ޖާގަ ތަނަވަސް ވުމުން ބަނދަރު ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވެ ރަށުގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ހަސަން ޒަރީރު ވިދާޅުވިއެވެ.

"ބަނދަރުގައި ޖާގަ ނެތުމުން ތެޔޮ އަޅަން އަންނަ އުޅަނދުފަހަރުވެސް ތެޔޮ އަޅާލައިގެން ދަނީ އަދި ކަނޑުގަދަވެ މޫސުން ގޯސްވުމުން އެހެންރަށްރަށުގެ މަސްވެރިން މިރަށުގައި މަޑެއް ނުކުރޭ އެއީ ފަޅުގެ ޖާގަ ނެތުމުން މިހާރުވެސް މަޑު ކުރެވޭނެ ގޮތެއް އޮންނަނަނަމައީ ރަށުން އެމީހުން ވިޔަފާރިވެސް ކުރާނެ ރަށަށް ކޮންމެވެސް އެއްޗެއް ލިބޭނެ ގޮތެއް ވާނެތާ މީ ބަނދަރު ކުޑަވުމުން ދިމާވާ ބައެއް މައްސަލަތައް" ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވިއެވެ.

ސާރުކާރުން ކަމަދޫ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އެކުންފުނިން ބުނީ ބަނދަރުގެ އެއްގަމު ތޮށިހެދުމަށް ބޭނުންވާ ބޮޑު ގަލުގެ ސިޕްމަންޓް މިހާރު އެރަށަށް ގެންގޮސް އެ މަސައްކަތް ފަށާފައިވާކަމަށެވެ.

ކަމަދޫގައި މިހާރު އޮތީ 400 ފޫޓް ދިގު 150 ފޫޓު ފުޅާ ބަނދަރެކެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިބަނދަރަށް އިތުރުކުރުމަށް ހަމަޖެހިފައި އޮތީ ދިގުކޮށް 150 ފޫޓެވެ. މި މަސައްކަތުގެ ދަށުން ބަނދަރަށް އިތުރުކުރާ 25،404 އަކަމީޓަރުގެ ސަރަހައްދު ފުންކުރުމާއި 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 826 މީޓަރުގެ ރިވެޓްމަންޓްޖެހުމާއި 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތަށް 11 މީޓަރުގެ ރޭމްޕެއް ހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާއި ނެރުބައްތި ޖެހުން މި މަސައްކަތުގެ ދަށުން ކުރާނެއެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، ބަނދަރުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް ދާކަމަށާ، އުންމީދަކީ ވީ އެންމެ އަވަހަކަށް ބަނދަރުގެ މަސައްކަތް ނިންމާ ރައްޔިތުންނާ ބަނދަރު ބޭނުން ކުރާ ފަރާތްތަކުގެ ކަން ބޮޑުވުމަށް ނިމުން ގެނައުމަށް ކަމަށެވެ.

ސަރުކާރުން ބ. އަތޮޅުގެ 5 ރަށެއްގެ ބަނދަރުހެދުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މިހާރު ކުރަމުންދަނީ ކަމަދޫ ބަނދަރުގެ މަސައްކަތާ ހިތާދޫ ބަނދަރުގެ މަސައްކަތެވެ.

ކަމަދޫ ބަނދަރުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން މި މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކުރީ 47.01 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.