ޚަބަރު

މަރަދޫ-ފޭދޫ ބަނދަރު މައްސަލައިގައި 120000 ރުފިޔާގެ ޖޫރިމަނާއެއް


ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓާ ޚިލާފައި އައްޑޫ ސިޓީ މަރަދޫ-ފޭދޫ ބަނދަރު މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއިން ޕްލޭނިންގ މިނިސްޓްރީ 120000 (އެއް ލައްކަ ވިހިހާސް ރުފިޔާ) އިން ޖޫރިމަނާ ކޮށްފިއެވެ.

އީ.ޕީ.އޭއިން ވަނީ އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް މިހާރު ރަށުގެ ތިމާވެށީގެ ޙާލަތު ބަލާ ރިޕޯޓެއް ހުށައެޅުމަށްވެސް މިނިސްޓްރީއަށް އަންގާފައެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތަށް 10 ސެޕްޓެމްބަރު 2019ގައި ދޫކޮށްފަވާ "ތިމާވެށީގެ ގޮތުން ނިންމި ލިޔުން" ޚިލާފައި ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ރިޕޯޓާ ޚިލާފައި މަސައްކަތް ކުރިއަށް ނުގެންދިއުމަށް 3 ފަހަރު މަތިން އަންގާފައިވާކަމަށެވެ. 3 ވަނަ ފަހަރަށް އަންގާ އެންގުމާއިއެކު، 120000 ރުފިޔާގެ ޖޫރިމަނާ ދެއްކުމަށްވެސް ވަނީ އަންގާފައެވެ. 17 އޮކްޓޯބަރުގައި މި އެންގުން އަންގާފައިވަނީ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށެވެ.

އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް، 2 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި، ރަށުގެ ތިމާވެށީގެ ޙާލަތު ވަޒަންކުރާ ރިޕޯޓެއް އީ.ޕީ.އޭއަށް ހުށައެޅުމަށެވެ. މިއާއެކު އެންވަޔަރަމަންޓް އޮޑިޓް ރިޕޯޓް ހުށައެޅުމަށާއި، މިހާރު ކޮށްފައިވާ މަސައްކަތްތައް އީ.އައި.އޭ މޮނިޓަރިން ޕްލޭންގައި ހިމަނާ ޕްލޭން އިސްލާހުކޮށް އައި މޮނިޓަރިން ޕްލޭންއެއް ހުށައަޅާނެކަމުގެ ލިޔުމެއް 7 ދުވަހުގެ މުއްދަތުގައި އީ.ޕީ.އޭއަށް ހުށައެޅުމަށް ވަނީ އަންގާފައެވެ.

މަރަދޫ-ފޭދޫ ބަނދަރުގެ މަސައްކަތަކީ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުގެ ކުރީކޮޅުވަނީ ނިންމާ، ބޭނުންކުރަންވެސް ހުޅުވާލާފައެވެ.