ޚަބަރު

ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި


ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ކިލޯ މީޓަރ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫޢުގެ ދަށުން، ތިމަރަފުށި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތުގެ އިތުރުން، ވަށާފާރު ރޭނުގެ މަސައްކަތްވެސް ކުރުމަށް ކިލޯ މީޓަރ އިންޖިނިއަރިންނާއި ވަނީ ޙަވާލުކޮށްފައެވެ.

ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ވަށާފާރު ރޭނުމުގެ މަސައްކަތް ކިލޯ މީޓަރ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 145 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 4.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގެ އާބާތުރަ ފިލުވުމާއި، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރޭގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި، އައު ހޮސްޕިޓަލުތައް އިމާރާތްކުރުމާއި، އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްތައް ކުރުން ހިމެނެއެވެ.