މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަގުޗާޓެއް އެކަށައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ، ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ.
ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރީ ޙާލަތުގައި ތިބުނުގެ ކަންކަން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދުވަހެއް ފާހަގަ ކުރަން ފަށާފައިވަނީ މީގެ 30 އަހަރު ކުރިންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ދުވަހެއް ފާހަގަކުރަން ފެށުން ވެގެން ދިޔައީ އެކި ޤައުމުތަކުން ކާރިޘީ ހިރާސް ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ކުރިއަރުވައި ރާއްޖެފަދަ ނާޒުކު ޤައުމުތަކަށް ލިބޭ ގެއްލުންތައް ފާހަގަކުރުމަށް ލިބުނު ހިތްވަރަކަށެވެ. މިއަހުރުގެ މިދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "އެންމެންނަށް ދުރާލާ އިންޒާރު ދިނުން، އަވަސް ފިޔަވަޅު އެޅުން" މިއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ، ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާ ގުޅިގެން ޑިފެންސް މިނިސްޓަރ ދެއްވި ޚިތާބުގައި ވަނީ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުންއައި މަސްވެރިކަމާއި، މިހާރު އިޤްތިޞާދު އޭގެ މައްޗަށް ބަރޯސާވާ ފަތުރުވެރިކަމަކީ ކާރިޘާތަކުގެ އަސަރު އެންމެބޮޑަށް ކުރާ އިޤްތިޞާދީ ދެ ދާއިރާކަން ފާހަގަކުރައްވާފައެވެ.
"މިއަހަރުގެ ޝިޢާރު ގުޅިފައިވަނީ 2015އިން 2030އަށް ޤައުމުތަކުން ޙާސިލް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ބަޔާން ކުރާ ބައިނަލްއަޤްވާމީ މުއާހަދާކަމުގައިވާ {ސެންޑާއި ފްރޭމްވޯރކް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން} ގެ ލަނޑުދަނޑި [G] އަށް. ދެމެހެއްޓެނިވިގޮތަކަށް ހުރިހާ ފަރާތްތަކަށް ދުރާލާ އިންޒާރު ލިބޭނެ މަގު ކުރިއަށްވުރެ ބޮޑަށް ފަހިކޮށްދީ، ކާރިޘީ ހިރާސްއާ ގުޅޭ މަޢުލޫމާތު މިހާރަށްވުރެ ފަސޭހަކަމާއިއެކު، އެންމެނަށް ލިބެން ހުންނާނެ އިންތިޒާމްތައް 2030ވަނަ އަހަރުގެ ނިޔަލަށް ހަމަޖެއްސުމަށް މިލަނޑުދަނޑީގައި ކަނޑައަޅާފައިވޭ." މިނިސްޓަރ އޮފް ޑިފެންސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބޯކޮށް ވާރޭ ވެހުމާއި، އުދައެރުމުން ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތަކުން ލިބޭ ގެއްލުމުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ މަސައްކަތްތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިއްސިވިހާލިވެ، ހާލުގައި ޖެހި އަސާސީ ޚިދުމަތްތަކަށް ބުރޫއަރާ ހިސާބަށް ދާކަމަށެވެ. އަދި މޫސުމީ ބަދަލާއި ގުޅިގެން ކުރިމަތިވާ އަރައްކާތަކުގެ ބާރު ގަދަވަމުންދާތަން ކޮންމެދިމާލަކަށް ބަލާލިކަމުގައި ވިޔަސް ފެންނަމުންދާކަމަށާއި ކުރިއަށް އޮތްތަނުގައި ކުރިމަތިވާ ހާދިސާތަކުން ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާނެކަމީ ޤަބޫލު ކުރަންޖެހޭ ހަޤީގަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިންޝުއަރ ކުރުމަކީވެސް ކުރިމަތިވެދާނެ ކާރިޘާއަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ އެޅިދާނެ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އިންޝުއަރ ކުރުން މިހާރު ރައްޔިތުންނަށް ފަސޭހަ މިންވަރަކަށް ތަރައްޤީ ކުރެވިފައިވާކަމަށެވެ. މިގޮތުން، ހިނގާފައިވާ ބައެއް އަލިފާނުގެ ހާދިސާތަކުގައި އާންމު ގެތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލު އިންޝުއަރެންސް މެދުވެރިކޮށް ހަމަޖެހިގެން ގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ކާރިޘާތަކަށް އިޖާބަދިނުން ހަރުދަނާ ކުރުމުގެ އިތުރުންވެސް ޤައުމީ ފެންވަރުގައި ވިލުންވެރިކަމާއި ތަރައްޤީއާ ގުޅުވުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. މިގޮތުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ރާއްޖޭގައި ތަންފީޒުކުރުމުގެ ތެރެއިން، ކާރިޘާތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޙާއްޞަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެކުލަވާލެވުނު އިސްތިރާޖީގެ ދަށުން ކާރިޘާގެ ކަންކަން ބެލެހެއްޓުމުގެ މަގުޗާޓެއް އެކަށައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ މަފްހޫމް ހުރިހާ ދާއިރާއެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނައި، ވިލުންވެރި ޖަޒީރާވަންތަ ދިރިއުޅުމެއް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުން މުހިންމު. މިގޮތުން، ތަރައްޤީގެ ރޮނގުން ހިންގޭ އެންމެހައި މަޝްރޫޢުތަކާއި އެކުލަވާލެވޭ ޕްލޭންތަކުގައި ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ހިމެނޭކަން ޔަޤީންކުރަންޖެހޭ. މިއީ ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށް އޮތް ހަމައެކަނި އުންމީދުގެ ހުޅުކޮޅު. އެކަން އެގޮތަށް ނުކުރެވިއްޖެނަމަ ކާރިޘާތަކުގެ ސަބަބުން ޤައުމަށާއި މުޖުތަމަޢުއަށް ލިބޭ ގެއްލުމުގެ ބުރައާއި ތަކުލީފު އުފުލަންޖެހޭނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުން." މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވިއެވެ.
މި ޚިތާބުގައި މިނިސްޓަރ ވަނީ ކާރިޘާތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރެވޭނީ ފަރުދީ އަދި މުޖުތަމަޢުގެ ފެންވަރުގައި މިކަމުގެ މުހިންމުކަން ދެނެގަނެ ފިޔަވަޅުތައް އަޅައިގެންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއިން ދިވެހި ޤައުމަށް ދަސްވި އެންމެބޮޑު އެއްފިލާވަޅަކީ އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއެކު ވެށީގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ޔަޤީން ކުރެވޭނީ ފަރުދީ ޒިންމާއެއް އެކަމުގައި އޮތްކަމަށް ދެނެގަނެ އެޒިންމާ އަދާކުރުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.