ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަން ބަޔަކާ ޙަވާލުކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަން ބަޔަކާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އެކުންފުނިން މި މަސައްކަތް ކުރިއަށްގެންދާނީ ޖޮއިންޓް ވެންޗަރ އުޞޫލުން އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑާގުޅިގެންނެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ބިނާ ކުރާ 5 ވަނަ ސްކޫލެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރާ ސްކޫލުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ. އަދި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތު އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މުޙައްމަދު ހައިޝަމެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއާއި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޢަލީ ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްޤީކުރާ ސްކޫލުގެ މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. އަދި މި މަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، އަލަށް ޙަވާލުކުރެވުނު މި ސްކޫލާއެކު ހުޅުމާލޭގައި މިވަގުތުވެސް ބޮޑު 3 ސްކޫލެއްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މީގެ ތެރެއިން 2 ސްކޫލެއް އަންނަ އަހަރު ހުޅުވުމަށް މަސައްކަތް ކުރާއިރު، މިއަދު ޙަވާލުކުރެވުނު ސްކޫލުގެ މަސައްކަތް 2024 ގެ އޮގަސްޓްމަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ހިނގަމުންދާ ސްކޫލްތަކުގެ ތެރެއިން ޞަލާޙުއްދީން ސްކޫލް ހުޅުވޭނެ ޖެނުއަރީ 2023 ގައި. އަލަށް އިމާރާތްކުރެވޭ ދެވަނަ ބޮޑު ސްކޫލް ހުޅުވިގެންދާނެ އޮގަސްޓް 2023 ގައި. މި ސްކޫލް ނިމިގެން އިރާދަކުރެއްވިއްޔާ ހުޅުވޭނީ 2024 ގެ އޮގަސްޓުގައި" ޑރ. އައިޝަތު ޢަލީ ވިދާޅުވިއެވެ.

މި 3 ސްކޫލުގެ އިތުރުން ޖަމީލްދީދީ ޕްރީ ސްކޫލުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާ އަންނަމަހު ހުޅުވޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްޤީކުރާ ސްކޫލަކީ އެލް.ކޭ.ޖީން ފެށިގެން ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭނެ ސްކޫލެކެވެ. ސްކޫލުގެ މަސައްކަތް ނިމޭއިރު މިތަނުގައި 54 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަޞީލަތްތަކެއް ޤާއިމުވެފައި ހުންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ސްކޫލުގެ މަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކޮށްފައިވަނީ 18 މަސް ދުވަހުން (547) ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މުޅި މި މަޝްރޫޢަށް 241 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.