ޚަބަރު

އިންޑިއާއަށާއި މެލޭޝިޔާއަށް އައު ސަފީރުން އައްޔަންކުރައްވާ ފަތްކޮޅު ދެއްވައިފި


އިންޑިއާއަށާއި މެލޭޝިއާއަށް ދެ ސަފީރުން އައްޔަންކުރައްވާ، އެބޭފުޅުނަށް ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ހ. ޖެހޭވައި، އިބްރާހީމް ޝަހީބެވެ. އަދި، ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ައްޔަންކުރައްވާފައިވަނީ ހ. މާލޭތިލަ، ޢަލީ ޙުސައިންދީދީއެވެ. އެ ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ދިވެހިރާއްޖެއިން، އިންޑިއާއަށް ކަނޑައެޅުއްވި ސަފީރުކަމުގައިވާ، އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އިބްރާހީމް ޝަހީބް، މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.

ދިވެހިރާއްޖެއިން، މެލޭޝިޔާއަށް ކަނޑައެޅުއްވި ސަފީރުކަމުގައިވާ، ޢަލީ ޙުސައިންދީދީއަކީ އިނގިރޭސިވިލާތުގެ ލޯބޮރޯ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން ޕީ.ޖީ ޑިޕްލޮމާ މާސްޓަރސް ޕްރޮގްރާމް، ޓްރާންސްޕޯޓް މެނޭޖްމަންޓް އެންޑް ޕްލޭނިންގ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ޢަލީ ޙުސައިންދީދީ މީގެ ކުރިން ފުރުއްވާފައިވާ، މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ކޮންޓްރޯލަރގެ މަޤާމާއި، މާލެ ސިޓީގެ ކައުންސިލްގެ ރައީސްގެ މަޤާމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން ޢަލީ ޙުސައިންދީދީއަކީ މީގެ ކުރިންވެސް ދިވެހިރާއްޖެއިން، ސްރީލަންކާއަށާއި، ބެލްޖިއަމް ފަދަ ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޢަލީ ޙުސައިންދީދީ ދިވެހިރާއްޖެއިން، މެލޭޝިޔާއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ދަ މޯލްޑިވްސް ކޯޕަރޭޝަންގެ ރައީސްގެ މަޤާމުގައެވެ.