ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ދެއްވި އެންމެ ބޮޑު ޚަބަރަކީ އަންނަ އަހަރު ސިއްޙީ ދާއިރާއަށް އޮތް އުންމީދުގެ ވާހަކައެވެ. އަންނަ އަހަރުގެ ބަޖެޓުން އެ ދާއިރާއަށް ބޮޑު ބައެއް ހާއްސަވާނެކަމަށް މިއުވާން ވިދާޅުވި އިރު، ރާއްޖެގައި މިހާރު ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީވެސް ހަމަހަމަކަމާއެކު ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފުރިހަމަ ސިއްޙީ ޚިދުމަތް ނުލިބުމުގެ މައްސަލައެވެ. އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މާލެއަށް ބަރޯސާވުމާއި ބޮޑެތި ބަލިތަކަށް ރާއްޖެއިން ފަރުވާ ދޭނެގޮތެއް ނެތި ރާއްޖެއިން ބޭރަށް ފުރައިގެން ދާން ޖެހުމެވެ.
މިމައްސަލަ ހައްލުކޮށް ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެ ތަރައްގީކުރުމުގެ އަމާޒާއެކު އައި މިސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެބޮޑު އެއް ކަމަކީ ރައްޔިތުން މާލެއަށް ބަރޯސާވުން ހުއްޓުވަން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހިންގަމުންދާ ބޮޑު ޕްރޮޖެކްޓުތަކެވެ. ކޮވިޑް-19ގެ ދުވަސްވަރު މާލެއާއި އަތޮޅުތަކުގެ ގިނަ ރަށްތަކެއް ފުރަބަންދުކޮށްފައި އޮތްއިރު ޔަގީންވި އެއް ކަމަކީ މާލެ ނައިސް ބޭސްފަރުވާ ހޯދޭނެ ގޮތްތައް އަތޮޅު ތަކުގައި އެބަހުރިކަމެވެ. ސަރުކާރުން ކުރަނީ އެމަގު އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ މަސައްކަތެވެ. ކޮންމެ ރަށަކުން ވެސް ދިގު ދަތުރެއް ނުކޮށް ސިއްހީ ޚިދުމަތް ހޯދޭނެ ގޮތް ހޯދުމެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލް ނުދެއްވިނަމަވެސް މިއުވާން ވިދާޅުވިގޮތުގައި މި ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލުގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ހޮސްޕިޓަލްތަކުގެ ބާކީ ނުނިމިހުރި މަސައްކަތް ބަޖެޓުގައި ހިމަނާނެއެވެ. ޓާޝަރީ ހޮސްޕިޓަލްތަކުގެ ގޮތުގައި ތަރައްގީ ކުރަނީ ހދ.ކުޅުދުއްފުށި ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ.
މި ހޮސްޕިޓަލްތައް ޓާޗަރީ ފެންވަރަށް ތަރައްގީކޮށް ރަސްމީކޮށް އެގޮތަށް ހުޅުވާފައި ނުވިނަމަވެސް، މިދިޔަ ފަސް އަހަރު ތެރޭގައި އެ ހޮސްޕިތަލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވެއެވެ. އެގޮތުން ހޮސްޕިޓަލްތަކުގެ ޖާގަ އިތުރުކުރުމާއި، ކުރިން ނުދޭ ޚިދުމަތްތައް ދޭން ފެށުމުގެ އިތުރަށް ސިއްހީ އާލާތްތަކާއި، މުވައްޒަފުން އިތުރުކުރުމަށް ވެސް ގިނަ ކަންތައްތަކެއް މިހާތަނަށް އައި އިރުވެސް ކޮށްފައިވެއެވެ.
"އަތޮޅުތަކުގައި ރީޖަނަލް ހޮސްޕިޓަލްތަކުގެ ގޮތުގައި މި ފާހަގަކުރާ ތަންތަނުގެ އޮޕްޓިމައިޒޭޝަން މަސައްކަތުގެ ތެރެއިން ނުނިމި ހުރި ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ." މިއުވާން ވިދާޅުވިއެވެ.
އަތޮޅުތަކުގައި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ޙާލަތު ހުރިގޮތަށް ބަލާއިރު ލެބޯޓްރީ ޚިދުމަތް ނުދެވުމާއި، އެންމެ އާދައިގެ ބަލިތަކަށްވެސް ފަރުވާދެވޭނެގޮތެއް ނެތުމާއި، ބޮޑެތި އާބާދީތައް އޮންނަ ރަށްރަށުގައި ވެސް އެކަށީގެންވާ ވަރަށް އާންމު ބަލީގެ އަދި ޚާއްސަ ޑޮކްޓަރުން ވެސް ނެތުމުގެ މައްސަލަ ބޮޑެވެ. އަތޮޅުތަކުގެ ސިއްހީ ނިޒާމު ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން މިހާރު ވެސް 22 ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އޭގެ ތެރޭގައި ހއ.ދިއްދޫ އަތޮޅު ހޮސްޕިޓަލް، ދ.ކޫޑަހުވަދޫ އަތޮޅު ހޮސްޕިޓަލް، ގއ.ވިލިނގިލި އަތޮޅު ހޮސްޕިޓަލް، ވ.ފެލިދޫ އަތޮޅު ހޮސްޕިޓަލް، ފުވައްމުލަކު ސިޓީ ހޮސްޕިޓަލް ހިމެނެއެވެ.
އަދި ޅ.ހިންނަވަރު، އއ.ރަސްދޫ، ށ.މިލަންދޫ، ހދ.ހަނިމާދޫ، ނ.ވެލިދޫ، އދ.މާމިގިލި، ތ.ވިލުފުށި، ކ.ތުލުސްދޫ ހދ. ކުޅުދުއްފުށި، މިރަށްރަށުގެ ހޮސްޕިޓަލްތައްވެސް ހިމެނެއެވެ. މީގެއިތުރުން ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ގދ.ގައްދޫ ހޮސްޕިޓަލާއި ލ.ގަމު ހޮސްޕިޓަލްވެސް ހިމެނއެވެ.
މިއުވާން ވިދާޅުވިގޮތުގައި މި ހުރިހާ ހޮސްޕިޓަލްތަކެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދެއެވެ. މި މަޝްރޫތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ. އަދި މީގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ މިއަހަރާއި އަންނަ އަހަރުތެރޭގައި ފެށޭނެ މަޝްރޫތަކެވެ.
އޭނާ ވެސް ވިދާޅުވިގޮތުގައި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި މިހާރު ހުރީ މި މަސައްކަތްތައް ނުކޮށް އެތަންތަން ތަރައްގީނުކޮށް ގިނަ ދުވަސްވެ ދިގުލައިގެން ގޮސްފައިވާ މައްސަލަތަކެކެވެ. އެކަންކަން ހޯދައި ހައްލުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރާއިރު، އުންމީދަކީ ވީހާވެސް އަވަހަށް އެކަންކަން ނިމުން ކަމުގައި ވިދާޅުވިއެވެ.
ހަމަ އެއާއެކު، އާބާދީ ކުޑަ ރަށްރަށުން ނުލިބޭ ޚިދުމަތްތައް ހޯދުމަށް ދަތުރުކުރަން ޖެހޭއިރު، ލެބޯޓްރީގެ ޚިދުމަތްފަދަ ޚިދުމަތްތައް ހޯދަން ދަތުރުކުރަން ޖެހުން ނިމުމަކަށް ގެނަސް، މޮބައިލް ލެބޯތްރީގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ. އާރްޓީއެލްއާ އެކު އެ ޚިދުމަތް އިތުރަށް ހަރުދަނާ ވާނެ ކަން މިއުވާން ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާއަށް ގެންނަ ކުރިއެރުމެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އެންމެބޮޑު އެއް ވައުދަކީ މުސާރައަށް ގެންނަ ހެޔޮ ބަދަލެވެ.
"އެކަމާ (މުސާރައާ)ގުޅޭގޮތުން ހަދަން ޖެހޭ ދިރާސާތައް ކުރުމައި، ކުރަން ޖެހޭ މަސައްކަތްތައް ކުރުން މިހާރު ކުރިއަށްދަނީ އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެ." މިއުވާން ވިދާޅުވިއެވެ.
މުސާރަ ބޮޑުކުރުމުގެ އިތުރަށް ސިއްހީ ދާއިރާއަށް ބޮޑު އިސްކަމެއް ދީގެން އެކުލަވާލާ އަންނަ އަހަރުގެ ބަޖެޓުގައި މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދާއިރާގެ މުވައްޒަފުން އިތުރުކުރަން އެކަށީގެންވާ ބަޖެޓެއް ހިމަނާނެ ކަމުގެ ޚަބަރުވެސް މިއުވާން ދެއްވިއެވެ. މީގެ ތެރޭގައި މުވައްޒަފުން ތަމްރީނުކުރުމާއި، މުވައްޒަފުން އިތުރުކުރުމަށް އިސްކަމެއް ދެއްވާނެކަމުގައި އޭނާ ވިދާޅުވިއެވެ.