ޚަބަރު

އެންމެ ބޮޑު އިސްކަމެއްދޭނީ ރައްޔިތުން ހިތްހަމަޖެހޭފަދަ ޞިއްޙީ ޚިދުމަތެއް ޤާއިމުކުރަން : ނައިބު ރައީސް


މި ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ރައްޔިތުން ހިތްހަމަޖެހޭފަދަ ޞިއްޙީ ޚިދުމަތެއް ޤާއިމުކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޖީއީ ހެލްތު ކެއަރއާއި ގުޅިގެން އެސް.ޓީ.އޯއިން ކުރިއަށްގެންދާ "ޑިޕްލޮމާ އިން ރޭޑިޔޯގްރަފީ ކޯސް" އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، އެކި ދާއިރާތަކުން މީިހުން ބިނާކުރުމުގެ މަސައްކަތަކީ އެއްވެސް އިރެއްގައި ހުއްޓާލެވޭނެ މަސައްކަތެއް ނޫންކަމަށެވެ. އަދި ކޮންމެ ސިނާޢަތެއް ކުރިއަރުވާ ތަރައްޤީކުރުމަށްވެސް އުފެއްދުންތެރި ހުނަރުވެރި މީހުން ބިނާކުރުމުގެ މުހިއްމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބަލާއިރު، ޓެކްނިކަލް ނުވަތަ ފަންނީ އެކިއެކި މަސައްކަތްތަކުގައި އިސް މަޤާމުތަކުގައި ނިސްބަތުން ގިނަ އަދަދެއްގެ ބިދޭސީން ތިބިކަން ފާހަގަކުރައްވާ މި ދާއިރާއަށް ޤާބިލު ދިވެހިން ނެރުމުގެ މުހިއްމުކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ފަންނީ ޤާބިލު ދިވެހިންނަށް މި ދާއިރާ ޖެހިފައިވާ މިންވަރު ކޯވިޑް-19ގެ ދަތި ދުވަސްތަކުގައި ވަރަށް ބޮޑަށް ތަޖުރިބާކުރެވުނުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައިވަނީ، މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ޒަމާނުއްސުރެއް އަތޮޅުތަކުގެ ރައްޔިތުން ޞިއްޙީ ޚިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށްކަމަށެވެ. އަދި އެކަމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާވެސް މިހާރު ފެންނަމުންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ތަޖުރިބާކުރެވިއްޖެ އަތޮޅުތަކުން ރަށްތަކުގައި ރަނގަޅު ޚިދުމަތްތަކެއް އެޑްވާންސް ޚިދުމަތްތަކެއް ދެވެމުން އެބަދޭ. ރައްޔިތުންގެ އިތުބާރު ލިބެމުން އެބަދޭ. އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލަން އޮތީ މި ސަރުކާރުން އިރާދަކުރެއްވިއްޔާ އެންމެ ބޮޑު ސަމާލުކަމެއްދޭނެކަމަކީ ރައްޔިތުންނަށް ހިތްހަމަޖެހޭފަދަ ރަނގަޅު ފެންވަރެއްގެ ޞިއްޙީ ޙިދުމަތްތައް ފޯރުކޮށްދިނުމޭ. އެބަދަލު މި ސަރުކާރުން އިތުރަށް ގެނެސްދޭނަމޭ" ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، މިއީ ދެމެހެއްޓިނިވި ގޮތެއްގައި ރޭވިގެން ރޭޑިޔޯގްރާފަރުން ތަމްރީންކުރުމުގެ މަސައްކަތް ރާއްޖޭގައި ފެށިގެންދާ ފުރަތަމަ ފަހަރުކަމަށެވެ. އަދި ކޯވިޑްގެ ދަތިއުނދަގުލުގެ ތެރޭގައިވެސް މިކަން ހަޤީޤަތަކަށް ހެދުމަށް އެސް.ޓީ.އޯއިން ކުރި މަސައްކަތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"އެސް.ޓީ.އޯގެ ފަރާތުން މިކަމަށް އިސްނަންގަވާ އެކުންފުނިން ޞިއްޙީ ދާއިރާއަށް ކޮށްދެއްވާ އަގުހުރި މަސައްކަތްތައް އަޅުގަނޑު ވަރަށް ބޮޑަށް ވަޒަންކުރަން. އަދި އެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ރޭޑިޔޯގްރާފަރުން ތަމްރީންކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުރަން ބޭނުންވެ، ނަމަވެސް އެކި ސަބަބުތަކާހުރެ ވަރަށް ބޮޑަށް ލަސްވެފައިވާކަމެއް" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޙުސެއިން އަމްރު ވިދާޅުވީ، އެކުންފުނިން އެންމެ މުހިއްމުކަމެއްގެ ގޮތުގައި ދެކެނީ ރައްޔިތުންނަށް ފައިދާހުރިގޮތެއްގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުންކަމަށެވެ. އެގޮތުން ރޭޑިޔޯގްރަފަރުން ތަމްރީން ކޯހުގެ ކިޔެވުން ފެށިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށާއި، ފުރަތަމަ ބެޗުގައި 25 ކުދިން އެސް.ޓީ.އޯގެ ސްކޮލަރޝިޕް އެހީގައި ހިލޭ ތަމްރީން ކުރެވިގެންދާނެކަން އަމްރު ފާހަގަކުރެއްވިއެވެ.

"މި މަސައްކަތް މިކުރެެވެނީ ބައިނަލްއަޤްވާމީ ބޮޑު ކުންފުންޏެއްކަމަށްވާ ޖެނެރަލް އިލެކްޓްރިކްގެ އިންޑިއާ އޮފީހުގެ އެހީތެރިކަމަމާއެކުކަން ފާހަގަކޮށް އެ ކުންފުންޏާއި އިންޑިއާ ސަރުކާރަށް ޚާއްސަ ޝުކުރެއް ދަންނަވަން" އަމްރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި "ޑިޕްލޮމާ އިން ރޭޑިޔޯގްރަފީ ކޯސް"އަށް އެސް.ޓީ.އޯގެ ސްކޮލަރޝިޕް ލިބިފައިވާ ދަރިވަރުންނަށް، އެކަމުގެ ލިޔުން ވަނީ ޙަވާލުކޮށްފައެވެ. މި ލިޔުން ދަރިވަރުންނާއި ޙަވާލުކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. ހަމައެހެންމެ އެސް.ޓީ.އޯގެ ޓްރެއިނިންގ އިންސްޓިޓިއުޓްގެ ރަސްމީ ލޯގޯ އިފްތިތާޙުކޮށް، ލޯގޯ ފަރުމާކުރުމަށް ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކުރިއަށްދިޔަ މުބާރާތް ކާމިޔާބުކުރި ރީޝާ ރަޝީދަށް ފައިސާގެ އިނާމާއި، ހަނދާނީ ލިޔުން ޙަވާލުކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީއާއި، އެމް.އެން.ޔޫ އަދި އެސް.ޓީ.އޯ ގުޅިގެން ކުރިއަށްގެންދާ ޑިޕްލޮމާ އިން ރޭޑިޔޯގްރަފީ ކޯހުގެ މަޤްސަދަކީ ވަޒީފާގެ ބާޒާރުގައި ރޭޑިޔޯގްރަފީ ޓެކްނީޝަނުންގެ ގޮތުގައި ދިވެހިން ބިނާކޮށް އަދި ވަޒީފާ އަދާކުރާ ފެންވަރު ހުރި ދިވެހިން އިތުރުކުރުމެވެ. އެގޮތުން، މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖީއީ ހެލްތް ކެއަރގެ ކަރިކިއުލަމްއަކަށް "ފުލްޓައިމް" ކޯހެއްގެ ގޮތުގައިއެވެ.

މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާއި އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. އަދި މި ކޯހުން ފާސްވާ ބައިވެރިންނަށް ލެވެލް 5 ގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބިގެންދާނެއެވެ.