ކ. ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލައިފިއެވެ. ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެންނެވެ.
ހާހަކަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކ.ހިންމަފުއްޓަކީ މާލެ ސަރަޙައްދުގައި ބައިނަލްއަޤުވާމީ ފެންވަރުގެ މަސް ފެކްޓްރީ ހިންގަމުން އަންނަ މަސްވެރި ރަށެކެވެ. މީގެއިތުރުން އެރަށަކީ ލޯކަލް ޓޫރިޒަމްގެވެސް ޚާއްސަ ރަށެކެވެ. މިކަންކަން ކުރިއަރުވައި ތަރައްޤީކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރަށުގެ ބަނދަރު ކުޑަވުމެވެ. ހިންމަފުށީގައި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރަކީ އޮނޑިދޯނިފަހަރަށް ވަދެނިކުތުމުގައި ޖާގައިގެގޮތުން ދަތި ބަނދަރެއްކަން އެރަށު ކައުންސިލުން ފާހަގަކުރެއެވެ.
ހިންމަފުށީގެ ރައްޔިތުންގެ މި ކަންބޮޑުވުމަށް ޙައްލެއް ހޯދައިދިނުމުގެގޮތުން، ކުރީގައި އޮތް ކުޑަ ބަނދަރުގެ ބަދަލުގައި ދެގުނަ ބޮޑު ޒަމާނީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން 19895 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، 9900 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ގެ ނެރު ފުންކޮށްފައިވެއެވެ. އަދި 251 މީޓަރުގެ އެއްގަމު ތޮށްޓަކާއި، 15 މީޓަރުގެ ބޭރު ތޮށްޓެއްގެ އިތުރުން 311 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްކޮށްފައިވެއެވެ.
މީގެ އިތުރުން މިހާރު ހުރި ބަނދަރުގައި 1200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، އައު ބަނދަރުގައި 1443 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކޮށްފައިވެއެވެ. އަދި 25 މީޓަރުގެ ދިގު، 6 މީޓަރުގެ ފުޅާ ބްރިޖެއް ހެދުމާއި، 63 މީޓަރު ދިގު 4 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކޮށް، މޫރިންގ ބްލޮކްސް ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރެއިން އެކުންފުނިން ވަނީ ކޮށްފައެވެ.
ހިންމަފުށީ ބަނދަރުގެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އެމް.ޓީ.ސީ.ސީން ނިންމާލާފައިވާއިރު، މި މަޝްރޫޢަށް 30.5 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ލޯކަލް ޓުއަރިޒަމާއެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ "ބިގް ގޭމް ފިޝިންގ"އާއި އެކްސްކާރޝަންސްއަށް އޮޮންނަ ތަރުޚީބު ބޮޑުވުމާއެކު ޖާގައިގެގޮތުން ތަނަވެސް ޒަމާނީ ބަނދަރެއް ހިންމަފުށީގެ ރައްޔިތުންނަށް ލިބިގެންދިއުމަކީ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވާނެކަމެއްގެގޮތުގައި އެމް.ޓީ.ސީ.ސީން ފާހަގަކުރެއެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، އިތުުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.