މުދައްރިސުންނަކީ ދަރިވަރުންނަށްޓަކައި ވަރުބަލިކަމެއްނެތި އަބަދުވެސް މަސައްކަތްކުރުމުގައި ދެމި ތިބޭ ބައެކެވެ. ދަރިވަރުން ކޮށްފާނެ ސުވާލަކަށް ދުރާލާ ތައްޔާރުވެ، ލިބިފައިވާ ޢިލްމު ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި މިންނެތް މަސައްކަތްތަކެއް ކުރަމުންދާ ބައެކެވެ. ޒަމާނީ ތަޢުލީމާއި އެއްވަރަށް، ދިރިއުޅުމުގައި ބޭނުންވާ ރިވެތި އަޚުލާޤު ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ބުރަ ޒިންމާ އަދާކުރާ ބަޔަކީ ލޮބުވެތި މުދައްރިސުންނެވެ. މުދައްރިސުން މަސައްކަތް ކުރަނީ ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ގޮތުގައެވެ.
މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގައި އެންމެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ މީހުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޕްރީ-ސްކޫލުން ފެށިގެން މަތީ ތަޢުލީމާހަމަޔަށް ކިޔަވަމުންދާ އެތައްހާސް ދަރިވަރުންނަކީ އަންނަން އޮތް ޒަމާންތަކުގައި މިޤައުމުގެ އެކިއެކި މަސްއޫލިއްޔަތުތަކާއި ހަވާލުވާނެ ބޮޑެތިމީހުންނެވެ. އެއީ މާދަމާ ޤައުމު ހިންގުމާ ހަވާލުވާންތިބި ވެރިންނެވެ. މާދަމާ މިޤައުމު އޮންނާނެގޮތް ބައްޓަންވާނީ، މިއަދުގެ ދަރިވަރުން ތަރުބިއްޔަތުކުރި ގޮތެއްގެ މައްޗަށެވެ.
ކޮންމެ މުދައްރިސަކުވެސް އެވްރެޖްކޮށް 100 އެއްހާ ކުދިންނަށް ކިޔަވައިދެމުން މުދައްރިސުންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް އަމިއްލައަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ޘާނަވީ ތަޢުލީމް ނިންމާގޮތަށް މުދައްރިސަކަށް ވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދުގެ ދަރިންނަކީ މާދަމާގެ މުސްތަޤްބަލަށް ހެދުމަށްޓަކައި މުދައްރިސުން ކުރާ ބުރަ މަސައްކަތާއެކު އެމުދައްރިސުން ބިނާ ކުރުމަށްވެސް ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތްތައް ކުރައްވަމުންނެވެ.
ޚާއްސަގޮތެއްގައި މުދައްރިސުން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ދޭން ނިންމާ ކުރިއަށް ވުރެ ބޮޑު މުސާރައެއް މުދައްރިސުންނަށް އަންނަނީ ދެމުންންނެވެ. މުސާރައިގެ އިތުރަށް މުދައްރިސުންގެ ޢިލްމީ ޤާބިލްކަންވެސް އަންނަނީ އިތުރުކޮށްދެމުންނެވެ. މިގޮތުން ތަޢުލީމީ ދާއިރާ ގުޅޭ ތަފާތު ތަމްރީންތައް ހިންގުމާއި ސްކޮލަރޝިޕްތައް ފޯރުކޮށްދީ ކިޔެވުމުގެ ފުރުސަތު އަންނަނީ ތަނަވަސްކޮށްދެއްވަމުންނެވެ. އެގޮތުން ސަރުކާރުން މިހާތަނަށް ވަނީ ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލު ކުރުމަށް 1103 ފުރުޞަތު ތަޢުލީމީ ދާއިރާގެ މުވައްޒަފުންނަށް ފަހިކޮށްދެއްވާފައެވެ. މީގެ ތެރެއިންވެސް ގިނައީ މުދައްރިސުންނަށް ފޯރުކޮށްދިން ފުރުޞަތުތަކެވެ. އެގޮތުން 748 މުދައްރިސުންނާއި 110 ލީޑިން ޓީޗަރުންނަށް އެ ފުރުޞަތު މިހާތަނަށްވަނީ ފަހިކޮށްދެއްވާފައެވެ. މީގެ އިތުރަށް 174 ޕްރިންސްޕަލުންނާއި 20 ޑެޕިއުޓީ ޕްރިންސިޕަލުންނަށް ތަޢުލީމް ހާސިލްކުރުމުގެ ފުރުޞަތުދެއްވިއެވެ. އަދި ސްކޫލްގެ އިދާރީ މަސައްކަތްތައް ކުރައްވާ ބޭފުޅުން ތަމްރީންކުރެއްވުމަށްޓަކައި 51 ފުރުޞަތު ފަހިކޮށްދެއްވިއެވެ.
މަތީ ތަޢުލީމަށް ކިޔަވއިދިނުމުގެ ފުރުޞަތުތަކުގެ އިތުރަށް 25178 މުވައްޒަފަކަށް ވަނީ ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގާފައެވެ. އޭގެ ތެރޭގައި ދަރިވަރުންގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމާ ގުޅޭ ތަމްރީންތަކުން ފެށިގެންގޮސް ޤައުމީ މަންހަޖާ ގުޅޭ ތަފާތު ތަމްރީންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން 6546 މުދައްރިސަކަށް އަމާޒުކޮށްގެން ސައިކޮލޮޖިކަލް ފަސްޓް އެއިޑް އޮރިއެންޓޭޝަންތައް ހިންގިއެވެ. ތަޢުލީމީ ޤާނޫނާއި ސިޔާސަތަށް ހޭލުންތެރިކަން އިތުރު ކުރުމާއި ގުޅޭ ތަމްރީންތަކުގައި 2141 މުދައްރިސަކު ބައިވެރިވިއެވެ. މުދައްރިސުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ޤައުމީ މަންހަޖްގެ ތަމްރީންތަކުގައި 4245 މުދައްރިސަކު ބައިވެރިވިއެވެ. މިނޫނަސް ކޯވިޑް 19ގެ އާލަމީ ވަބާގައި ކިޔަވައިދޭން ޖެހުނު ދުވަސްތަކުގައި ދަރިވަރުންގެ ސިއްހީ ކަންކަން ކަށަވަރުކުރުމާއި ސްކޫލްތައް ސާފުތާހިރުކޮށް ބޭއްވުމުގެ އިތުރަށް އިންޓަރނެޓް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި މުދައްރިސުން ތައްޔާރުކުރުމުގެ ގޮތުން އެކި ތަމްރީން ޕްރޮގްރާމްތައް ހިންގާފައިވެއެވެ.
މިތަމްރީންތަކުގެ އިތުރަށްވެސް މުދައްރިސުންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ކޮންފަރެންސް އަންނަނީ ބާއްވަމުންނެވެ. މިގޮތުން މި ކޮންފަރެންސް އެންމެ ފަހުން ބޭއްވި އަހަރުގައި ހުށައެޅި ދިރާސާ ކަރުދާސްތައް އެހެން އަހަރުތަކަށްވުރެވެސް އިތުރެވެ. މިއީ އުނގަންނައި ދިނުމަށާއި އުނގެނުމަށް އޮތް ލޯބި ހާމަވެގެންދާ ބޮޑު ހެއްކެކެވެ.
ތަފާތު މިޒާޖުގެ ދަރިވަރުނަށް މުދައްރިސުން ކިޔަވައިދެމުން ދަނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ފިލާވަޅުތައް ތައްޔާރުކުރުމާއި ފޮތްތަކާއި ޕޭޕަރު މާކު ކުރުމާއި، މިނޫންވެސް އެތައްކަމެއް ރެއާދުވާލު ކުރަމުންދާއިރު މުދައްރިސުންގެ އަގުވަޒަންކުރަންވީ އަހަރަކު އެއްފަހަރަކު ނޫނެވެ. މުދައްރިސުންގެ އަގުވަޒަންކޮށް، މުދައްރިސުންގެ މަސައްކަތްތަކަށްޓަކައި ޝުކުރުވެރިވުމަކީ ކޮންމެ ދުވަހަކުހެން ކުރުން މުހިއްމުކަމެކެވެ. އަމިއްލަ ޢާއިލާ ދޫކޮށްލުމަށްފަހު އެތައް ވަގުތެއްގައި ދަރިވަރުންގެ ކަންކަމުގައި ހޭދަކުރުމަކީ ވަރަށްވެސް ބޮޑު ޤުރުބާނީއެކެވެ.