ވިޔަފާރި

މިއަދުގެ ފަތުރުވެރިކަމުގެ ކުރިއެރުމަކީ ރައީސްގެ މަޝްވަރާ - ޑރ. މަޢުސޫމް


ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބެމުންއަންނަ ސަބަބަކީ ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާކުރައްވާތީކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ދުނިޔޭގެ އެންމެން މިހާރު ދައްކާ ވާހަކައަކީ ދިވެހިރާއްޖޭގެ ބޯޑަރު ހުޅުވުމުގެ މުހިންމު ކަމުގެ ވާހަކަކަމަށާ، ބޯޑަރު ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ހިތްވަރުގަދަ ނިންމެވުމުގެ ވާހަކަކަމަށެވެ.

ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން މިހިސާބަށް އާދެވިފައި އޮތީ އެދުވަހު ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކާއި ސިއްހީ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުންނާ ވާހަކަދައްކަވައިގެން ނިންމެވި ނިންމެވުމުގެ ސަބަބުންކަމަށާ އެކަމަށްޓަކައި ރައީސަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާކަމަށެވެ.

"ރާއްޖެއަކީ މިއަދު ފަތުރުވެރިން އެންމެ ޒިޔާރަތްކުރަން ބޭނުންވާ މަންޒިލް. ދިވެހިރާއްޖެ މަޤްބޫލު މަންޒިލަކަށް ވެފައިވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތުން. ފަތުރުވެރިކަމާގުޅޭ ބޮޑެތި ކަންކަން ރާވައި ހިންގުމުގައި ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާކަމީ މިއަދު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބެމުން އަންނަ މައިގަނޑު އެއް ސަބަބު." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ހުރިހައި ފަރާތްތަކަށް އެމީހުން ކުރާ ބުރަ މަސައްކަތައް ޝުކުރުއަދާކުރައްވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ބައްޓަން ވެގެން އަންނަ ގޮތުން ރަށްރަށުގައި އާއިލާއާއިއެކު ތިބެގެން މި މަސައްކަތް ކުރެވޭނެކަމަށާއި އަދި ފަތުރުވެރިކަމުން އެންމެންނަށް މަންފާ ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.