ޚަބަރު

މަތިވެރީގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމުމަކާ ގާތަށް!

އއ.މަތިވެރީގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިމުމަކާ ގާތައް ގޮސްފައިވާކަމަށް މަސައްކަތުގެ ކޮންޓެކްޓަރުންނާ ޙަވާލާދީ އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެރަށުގައި ފެނުގެ މަސްރޫގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޑަބްލިއުއެސްސީއިންނެވެ. ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދަނީ ސްރީލަންކާގެ ކުންފުންޏަކުނެވެ.

މަތިވެރީގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމް ވިދާޅުވީ، ފެނުގެ މަސަކަތް މި ފެށޭ އޮކްޓޯބަރުމަހު ނިންމާލެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ. ފެނުގެ ޚިދުމަތަށްބަލާއިރު ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތްފެށީ، 2021ވަނަ އަހަރުގެ ތެރޭގައެވެ. މި މަސައްކަތުގެ ދަށުން ފެނުގެ މައިހޮޅި އެޅުމުގެ ޢަމަލީ މަސައްކަތް ފެށީ ހަމަ އެއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އެރަށުގައި 6.86 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވާރކެއް ޤާއިމްކޮށްނިމިފައިވާކަމަށް މި މަސައްކަތުގެ ކޮންޓެކްޓަރ އެމްޑަބްލިއުއެސްސީއިން ވިދާޅުވެއެވެ.

މި މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ ފެނުގެ ޚިދުމަތް، ގެތަކަށް ގުޅުމުގެ މަސައްކަތެވެ. 236 ގެއަކަށް ފެނުގެ ޚިދުމަތް ގުޅައިދޭއިރު މިހާރު ކަނެކްޝަން ނުގުޅިހުރީ 12 ގެއަކަަށްކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ފެން އުފެއްދުމަށް ބަހައްޓާ ޕްލާންޓް ހައުސްގެ މަސައްކަތް އެއްކޮށްނިމި އާރުއޯ ޕްލާންޓްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް އަންނަ މަހުގެތެރޭގައި ފެށުމަށް ތައްޔާރުވަމުން ދާކަމަށް އެމްޑަބްލިއު އެސްސީން ވިދާޅުވެއެވެ. އަދި މިމަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެރަށަށް ގެންގޮސްފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ފެން ނެގުމަށް ޤާއިމް ކުރާ ބޯހޯލް ތޮރުފުމުގެ %90 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރަމުން ދަނީ ބޯހޯލް ޓޭންކްގެ މަތި އެޅުމުގެ މަސައްކަތްކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ފެނުގެ ނިޒާމްގެ ދަށުން މިހާރު އެރަށުގައި ނުފެށިވަނީ ވޭސްޓް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް ކަމަށާ އެމަސައްކަތްވެސް އަންނަ މަހު ފެށުމަށް ތައްޔާރު ވަމުންދާކަމަށް އެމްޑަބްލިއުއެސްސީއިން ވިދާޅުވެއެވެ. އަދި ފެންރައްކާކުރުމަށް ބަހައްޓާ ތާނގީތަކުގެ މަސައްކަތް ނިމިފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

އެރަށުގައި ނަރުދަމާގެ މަސައްކަތް ކުރަމުންދަނީ ސްރީލަންކާ ކުންފުންޏަކުނެވެ. އެ ކުންފުންޏާ ހަވާލާދީ އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމް ވިދާޅުވީ ނަރުދަމާގެ މައިހޮޅި އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށެވެ. އެހެން ނަމަވެސް އެރަށުގައި ބަހައްޓާ ދެ ޕަންޕް ސްޓޭޝަނުގެ ތެރެއިން އެއް ސްޓޭޝަންނަށް ގުޅާ 150 މީޓަރުގެ ގްރެވިޓީ ލައިންގެ މަސައްކަތް އަދި ނުފެށޭކަމަށް އޭނާ ވިދާޅުވިއެވެ. މަތިވެރީގައި ދެ ޕަންޕް ސްޓޭޝަނެއްޤާއިމް ކުރާނެއެވެ. އޭގެތެރެއިން އެއް ޕަންޕް ސްޓޭޝަންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މަތިވެރީގައި 237 ނަރުދަމާ ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ނުގުޅި ހުރީ 64 ކަނެކްޝަންނެއްކަމަށާ އެމަސައްކަތް ހުއްޓިފައި އޮތުމަށްފަހު މި ހަފްތާތެރޭގައި މަސައްކަތް ފެށޭނެކަމަށް އަސްލަމް ވިދާޅުވިއެވެ. މަސައްކަތް ހުއްޓިފައި އޮތީ ގެތަކުގައި ބަހައްޓާ ޖަންޝަންތައް ހުސްވުމުންނެވެ. މިހާރު އެސާމާނުތައް ރަށަށް ގެނަސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަރުދަމާގެ އޮފީސް އިމާރާތުގެ މަސައްކަތް ނިމި، ސީ އައުޓްފޯލް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ފުޅާދާއިރާގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ހިންގާ މިރަށުގެ ރައްކާތެރި ފެނާ ނަރުދަމާ ނިޒާމެއް ޤާއިމްވެގެންދިއުމަކީ މި ވިޔަފާރި އިތުރަށް ފުޅާވެ ރައްޔިތުން އެކަންކަމަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެކަމެއްކަމަށް އަޙްމަދު އަސްލަމް ވިދާޅުވިއެވެ. އަދި އުންމީދަކީ މިފެށޭ މަސްތެރޭގައި މިދެމަސައްކަތްވެސް އެއްކޮށް ނިންމާލެވި ރައްޔިތުންނަށް މި ޚިދުމަތް އަވަހަށް ލިބެންފެށުންކަމަށް އަސްލަމް ވިދާޅުވިއެވެ.