ޚަބަރު

އިޖްތިމާޢީގޮތުން ރައްޔިތުން ކުރާ ކޮންމެ ކަމެއްގައި ސްޓެލްކޯއިން ބައިވެރިވާނެ : ޝަރީފް


އިޖްތިމާޢީގޮތުން ރައްޔިތުން ކުރާ ކޮންމެ ކަމެއްގައި ބައިވެރިވެ، ރަށްރަށުގެ އިޖްތިމާޢީ ކުރިއެރުމަށް ކައުންސިލްތަކުން ކުރާ ކަންކަމަށް ސްޓެލްކޯއިން އެއްބާރުލުންދޭނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، އއ. އަތޮޅާއި އދ. އަތޮޅުގައި ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ޙަވާލުވެ، އެކަމުގެ އެއްބަސްވުމުގެ އެ ރަށްރަށުގެ ކައުންސިލްތަކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، %100 ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ހައިސިއްޔަތުން، ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރުމަކީ އެކުންފުންޏަށް ލިބޭ ހިތްހަމަޖެހުމެއްކަމަށާއި، ކުންފުނި އުފެއްދުމުގެ އެންމެ ބޮޑު މަޤްޞަދަކީވެސް ރައްޔިތުންނަށް ޚިދުމަތްކޮށްދިނުންކަމަށެވެ.

ޝަރީފް ވިދާޅުވީ، ޚާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގެ އިޖްތިމާޢީ ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި ކުންފުނީގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ސްޓެލްކޯއިން ބައިވެރިވާނެކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިއަކަށްވާން އެކުންފުނި ބޭނުންވާކަމަށެވެ.

"ރަށްރަށުގެ އިޖްތިމާޢީ ކަންކަމުގައި ކައުންސިލްތަކުން ކުރައްވާ މަސައްކަތްތަކުގައިއާއި އަދި އާއްމު ރައްޔިތުން، ޖަމިއްޔާ ޖަމާޢަތްތަކުން ކުރާ ކަންކަމުގައި އަޅުގަނޑުމެން ސްޓެލްކޯއިން ބޭނުން ތިބޭފުޅުންގެ ބައިވެރިންގެގޮތުގައި ބަލައިގަންނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފުދުންތެރިކަން ހުރި މިންވަރަކުން ތިބޭފުޅުންގެ ކަންކަމުގައި، ރަށްރަށުގެ އިޖްތިމާޢީ ކަންކަމުގައި، ރައްޔިތުން ކުރާ ކަންކަމުގައި، ކައުންސިލުން ކުރާ ކަންކަމުގައި އަޅުގަނޑުމެން ބައިވެރިވާނަން" ޝަރީފް ވިދާޅުވިއެވެ.

ރަށްރަށުގެ މަގުބައްތިތަައް މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯއިން ޙަވާލުވުމާގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މިކަން ކުރަން ސްޓެލްކޯއިން ޙަވާލުވަނީ ހަމައެކަނި ނަމެއްގައި ކުރާގޮތަށްނޫންކަމަށެވެ. އަދި އެކުންފުނިން މިކަމާ ޙަވާލުވަނީ މަސައްކަތުގެ ތަޖުރިބާއާއި ޤާބިލުކަމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މަގުބައްތިތައް ދިއްލިފައި ހުންނާނީ. ދަބަރު ޖަހާފައި ހުރި މަގުބައްތިއެއް ހޮޅިދަނޑިއެއް ނުފެންނާނެ. އަޅުގަނޑުމެން އެ ބަދަލުކުރާނަން. ބަދަލުކޮށްދޭނަން، އަޅުގަނޑުމެން ޚިދުމަތްދޭ ރައްޔިތުންނަށާއި ކައުންސިލްތަކަށް ފަސޭހަކޮށްދިނުމަށްޓަކާ. މީ އަޅުގަނޑުމެންގެ މިކަމުގެ މަޤްޞަދަކީ" ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އއ. އަތޮޅާއި، އދ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށެއްގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯއިން ޙަވާލުވުމުގެ އެއްބަސްވުންތަކުގައި ވަކިވަކިން ވަނީ ސޮއިކޮށްފައެވެ. މި 14 ރަށުގެ ތެރޭގައި އއ. އަތޮޅުގެ 5 ރަށަކާއި، އދ. އަތޮޅުގެ 9 ރަށެއް ހިމެނެއެވެ. އެ ރަށްތަކަކީ އއ. މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް، ހިމެންދޫ، އދ. ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، މަންދޫ، ދަނގެތި، ދިގުރަށް، ދިއްދޫގެ އިތުރުން އެއަތޮޅު ފެންފުއްޓެވެ.

ކައުންސިލްތަކާއެކު ވެވުނު އެއްބަސްވުންތަކުގެ ދަށުން، މި ރަށްރަށުގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ހިނގާ ހުރިހާ ޚަރަދެއް ކުރާނީ ސްޓެލްކޯއިންނެވެ.