ޚަބަރު

އަމީނީ މަގުގެ ގަސްތައް ކުޑަގިރިއަށް، މަޝްރޫޢު ނިމޭއިރު އަލުން ގަސް އިންދޭނެ : އާރްޑީސީ


އަމީނީމަގުގެ މަސައްކަތް ނިމޭއިރު، އެމަގުން ނަގާ ގަސްތަކުގެ ބަދަލުގައި، ގަސް އިންދެން ހުރި ތަންތަނުގައި ގަސް އިންދާ، މަގު ފެހިކުރާނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީން ވިދާޅުވެއްޖެއެވެ. އަމީނީމަގު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އާރް.ޑީ.ސީން ފަށާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެގްމަންޓުގެ މަސައްކަތް އާރް.ޑީ.ސީން މިހާރު އަންނަނީ ކުރަމުންނެވެ. މި ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކާ ހޭންވާރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ.

އާރް.ޑީ.ސީން ވިދާޅުވީ، މާލޭ އަމީނީމަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އެކުންފުންޏާ ޙަވާލުކުރެވުނު ދުވަހުން ފެށިގެން، އެ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ޕްލޭންކޮށްފައިވަނީ އެމަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެހެން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ގެންދިއުމަށްކަމަށެވެ. އެގޮތުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާވެސް އެކަމުގައި މަޝްވަރާކޮށްފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.

އެހެންނަމަވެސް މާލޭގެ މަގުތަކަކީ ފެނާއި ނަރުދަމާގެ އިތުރުން އެތައް ބައިވަރު ނެޓްވޯކްތަކެއް ވަޅުލާފައިވާ މަގުތަކަކަށްވާއިރު އަދި ވަކިން ޚާއްސަކޮށް އަމީނީ މަގަކީ ފެނާއި ނަރުދަމާގެ މައި ހޮޅިތަކުގެ އިތުރުން އެހެނިހެން ނެޓްވޯކްތަކުގެ މައި ކޭބަލްތައް ވަޅުލާފައިވާ މަގަކަށްވުމުން އެމަގުގެ މަސައްކަތްކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އާރް.ޑީ.ސީން ފާހަގަކުރެއެވެ.

އެންމެ ބޮޑު ކަމެއްގެގޮތުގައި އެކުންފުނިން ފާހަގަކޮށްފައިވަނީ އަމީނީމަގަކީ އެމަގުގެ އަޑި އޮތްގޮތުގެ ޙާލަތު އެނގޭނެ އެކަށީގެންވާ ކުރެހުންތަކެއް ހުރި މަގަކަށް ނުވުމެވެ. އެކަމުގެ ސަބަބުން މަގުގެ ޢަމަލީ މަސައްކަތް ފެށި އެމަގު ކޮންނަން ފެށުމާއެކު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ. އެގޮތުން އެމަގުގެ ފެން ފަށަލަ ތިލަވެފައި މަގުގެ އަޑީގައި ހުރި ފެނާއި ނަރުދަމާގެ އިތުރުން އެހެނިހެން ނެޓްވޯކްތަކާއި ގުޅޭގޮތުން ލިބިފައިހުރި ކުރެހުންތަކާ މަގުގެ އަޑި އޮތްގޮތް ދިމާނުވުންފަދަ ގޮންޖެހުންތައް މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އާރް.ޑީ.ސީން ވިދާޅުވީ، އަމީނީމަގުގައި ހުރި ގަސްތައް ބަހައްޓައިގެން އެމަގުގެ މުޅި ނެޓްވޯކް އަޕްގްރޭޑްކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި މިހާރުވެސް އެމަގުގައި ވަޅުލާފައިވާ ހޮޅިތަކާ އެހެނިހެން ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން އަމީނީމަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި، އެގަސްތައް ނެގުމަށްފަހު މިހާރު ތަރައްޤީކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑަށް ބަދަލުކުރެވޭނެކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ.

އަމީނީމަގުގެ މަސައްކަތް ނިމޭއިރު، އެމަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެންހުރި ތަންތަނުގައި ގަސް އިންދާނެކަމަށާއި، އަމީނީމަގު އިތުރަށް ފެހިކުރުމަށްޓަކާ "ޓްރީޕިޓް" ބެހެއްޓިގެންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން މުޅި އަމީނީމަގު ތާރު އަޅައިގެން ތަރައްޤީކުރެވިގެންދާއިރު، މިހާރަށްވުރެ ޖާގަ ތަނަވަސްވެގެންދާނެއެވެ. އަދި ދުވާރުގައި ބުރައިލް ބްލޮކްސް ޖެހުމާއި، ވީލްޗެއާ އެކްސަސް ހެދުމާ، މަގުގައި ބަސް ހުއްޓިތަކާ ޕާކިން ޒޯންތަށް ހެދިގެންދާނެއެވެ.