ޚަބަރު

ފުރަތަމަ ބްރޯޑްކާސްޓް އެވޯޑްގެ މޮޅު އެންކާއަށް މުޢާޒު، ނަމޫނާ ނޫސްވެރިއެއް


ރާއްޖޭގެ ރައީސުން އަތޮޅުތަކުގެ ރަށްތަކަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ލައިވް ކަވަރޭޖްތަކުގައި އެންމެ އާއްމުކޮށް ފެންނާނެ އެއް މޫނަކަށް ޕީ.އެސް.އެމް ނިއުސްގެ އެޑިޓަރ އަދި ޖަރނަލިސްޓް ޢަބްދުﷲ މުޢާޒު ވެގެންދާނެއެވެ.

މުޢާޒަކީ މިހާރު އާއްމުން ދަންނަ ފަރިތަ މޫނަކަށް މިވަނީ ވެފައެވެ. މި ވޭތުވެދި ދިޔަ ގާތްގަނޑަކަށް 9 އަހަރުގެ ތެރޭގައި މުޢާޒްވަނީ ތަފާތު ޕްރޮގްރާމްތައް އުފައްދާ ހުށައަޅާދީފައެވެ. ޚާއްސަގޮތެއްގައި ސިޔާސީ ޚަބަރުތައް ގެނެސްދިނުމާއި ޕްރޮގްރާމްތައް ގެނެސްދިނުމުގައި އަރާ ހުރި ތަރިއެކެވެ. މުޢާޒްގެ ނޫސްވެރިކަމުގެ ހަޔާތަށް ބަލާލާއިރު ޕީ.އެސް.އެމްއާ ގުޅުނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އޭރު އެމް.ބީ.ސީގެ ނަމުގައި ހިންގަމުންދިޔަ އިރުގައެވެ.

އޭލެވެލް ނިންމުމަށްފަހު މުޢާޒު އެންމެ ފުރަތަމަ ވަޒީފާ އަދާކުރަން ފެށި ތަނަކީވެސް ދަޢުލަތުގެ މީޑިއާ ޕީ.އެސް.އެމްއެވެ. އޭރު ހަމައެކަނި ވަޒީފާއެއް އަދާކުރުމަށްޓަކައި ޕީ.އެސް.އެމްއާ ގުޅުނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެކަން ބަދަލުވެ ނޫސްވެރިކަމާއި ޕްރޮގްރާމްތައް ހުށައަޅާދިނުމަކީ މުޢާޒުގެ ޝަޢުގު އެކަމަކަށް ލިބިގެންދިޔަ މަސައްކަތަކަށް ވެގެންދިޔައެވެ.

މިދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތި ހަމައެކަނި ސެޓްފިކެޓް ލެވެލްގެ ތަމްރީން ޕްރޮގްރާމެއް ނިންމުމަށްފަހު ޕީ.އެސް.އެމްއާ ގުޅުމަށްފަހު އެންމެ ފުރަތަމަވެސް ގެނެސްދެމުން ދިޔައީ ސިޔާސީ ޚަބަރުތަކެވެ. އޭގެ ތެރެއިންވެސް މުޢާޒް ޚާއްސަވީ ރައްޔިތުންގެ މަޖިލީހާއި ގުޅުންހުރި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.

އެހެންނަމަވެސް 1 އަހަރު ފަހުން 2014 ވަނަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ނޫސްވެރިއަކަށް މުއާޒް ހަމަޖެއްސިއެވެ. އެއަށްފަހު ރައީސަކު ވަޑައިގަންނަވާ ކޮންމެ ތަނެއްގައި ހިނގާ ހަރަކާތްތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމުގައި މުޢާޒުގެ ދަޢުރު ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. މިހާ ހިސާބަށް އަދެވުނުއިރު ރާއްޖެގައި މުޢާޒް ނުދާ އަތޮޅެއް ރަށެއް ނުހުންނާނެއެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަދި އާއްމުކޮށް ދިވެހިންނަށް ނުދެވޭ އެތަކެއް ޤައުމަކަށް މުއާޒް ވަނީ ގޮސްފައެވެ.

ޤައުމުތަކުގެ އިސްވެރިން ފެނި އާއްމުކޮށް ނުވަދެވޭ އެތަކެއް ތަންތަނަށް ދިޔުމުގެ ފުރުޞަތު ލިބުނެވެ. އެދާ ކޮންމެ ތާކުން މުއާޒް ވަނީ ރައްޔިތުންނާ ހަމައަށް ތަޒާ ޚަބަރުތަކާއި މަޢުލޫމާތުތައް އަދި ރައީސުންގެ ދަތުރުތަކަށް ޚާއްސަކޮށް ޕްރޮގްރާމްތައް އުފައްދާފައެވެ.

މުއާޒްއަކީ ކުޅަދާނަ ލިޔުންތެރިއެއްގެ އިތުރަށް ދޫ ހަލުވި މޮޅު ޕްރެޒެންޓަރެކެވެ. އެންމެ ފުރަތަމަ ޕްރޮގްރާމެއް ހުށައަޅައިދިނުމަށް ކެމެރާ ކުރިމައްޗަށް އެރީ އޭރު ގެނެސްދިން "މަޖިލިސް މިއަދު" ޕްރޮގްރާމަށެވެ.

ފުރަތަމަ ފެނިލުމަށްފަހު ޚަބަރެއް ކިޔާލުމުގެ ފުރުޞަތު މުޢާޒަށް ލިބުނީ ޓީވީގެ 16:00 ގެ ޚަބަރެވެ. އޭގެ ފަހުން މުޢާޒްއަކީ މިހާރު ޕީ.އެސް.އެމް ނިއުސްގެ "ނަންބަރ 1" ނިއުސް އެންކަރއެވެ. ކޮންމެ ޚަބަރަކާއި ޕްރޮގްރާމްތައް ހުށައަޅާދެނީ ޖެހިލުމެއްނެތި ފަރިތަކަމާއެކުގައެވެ. އ

މި ވޭތުވެދިޔަ އަހަރުތަކުގައި ކުރި މަސައްކަތްތަކާއި ލިބުނު ތަޖުރިބާތަކުގެ ތެރެއިންވެސް ހަނދާނުން އެންމެ ފޮހެލަން ދަތި ދުވަސްތަކަކަކީ ކޯވިޑް-19ގެ ފުރަބަންދުގައި ޕީއެސްއެމްގައި ބަންދުވެ ތިބެން ޖެހުންކަން މުއާޒް ފާހަގަކުރެއެވެ.

ޚާއްސަގޮތެއްގައި އަމިއްލަ ޢާއިލާއާ ދުރުގައި 45 ދުވަހު ސްޓޭޝަންގައި ފުރަބަންދުވެގެން ހުންނަން ޖެހުން މުޢާޒް ފާހަގަކުރީ އުނދަގޫ ދުވަސްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް މުޢާޒް އަބަދުވެސް މަސައްކަތް ކުރަމުންދިޔައީ އެ ދުވަސްތަކުގައިވެސް ވަރުބަލިކަމެއް މާޔޫސްކަމެއް މޫނުމަތިން ނުދައްކާ، ހިނިތުންވުމާއެކު ޓީވީ ސްކްރީންއަށް އަރާ ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތުތައް އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމަށެވެ. އެކަން މުޢާޒް ވަރަށް ކާމިޔާބުކަމާއެކު ކުރަންވެސް ކުރިއެވެ.

ނޫސްވެރިކަމުގެ ހަޔާތުގައި ކުރެވުނު މަސައްކަތުގެ ތެރެއިން ރެއަކީ މުއާޒްއަށް ވަރަށް ޚާއްސަ ރެއެކެވެ. ބްރޯޑްކާސްޓީން ކޮމިޝަނުން ދިން ފުރަތަމަ ބްރޯޑްކާސްޓް އެވޯޑްގެ އަހަރުގެ އެންމެ މޮޅު ނިއުސް އެންކަރުގެ އެވޯޑް ލިބުނު ރެއެވެ.

މިއީ މުޢާޒް އެތަކެއް އަހަރުތަކެއް ވަންދެން ހިތްވަރާއެކު ކުރި މައްސަކަތުގެ ނަތީޖާއެވެ. މިޑީއާ ކައުންސިލްގެ އެވޯޑަށް ފުރަތަމަ ފަހަރަށް ނަން ހުށައަޅާ އެ އެވޯޑް ނުލިބުނަސް ހިތްވަރު އެލުވާނުލާ މުއާޒް މަސައްކަތް ކުރިއެވެ. މިއަދު ޢާއްމު ރައްޔިތުންވެސް މުޢާޒްގެ މަސައްކަތްތައް ބަލައިގެންފިއެވެ. މުޢާޒްއަކީ މިއަދު ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ނަމޫނާ ނޫސްވެރިއެކެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ކުރާ މަސައްކަތްތަކުގެ އިތުރަށް މުޢާޒްއަކީ ނިއުސްރޫމްގައި އެކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް އެހީތެރިވުމުގައިވެސް ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ. ނޫސްވެރިކަމުގެ މިންގަނޑުތަކުގައި ހިފަހައްޓާ އެހެން ނޫސްވެރިންނަށްވެސް ހުރި ނަމޫނާއެކެވެ.

މީގެ އިތުރުން މުއާޒްއަށް ލިބިފައިވަ ތަޖުރިބާއާ މަޢުލޫމާތުގެ އަލީގައި އަލަށް މިދާއިރާއަށް ވަންނަން ބޭނުންވާ ދަރިވަރުން އުފެއްދުމަށް މަސައްކަތް ކުރާ ޒުވާނެކެވެ. މުޢާޒްގެ މަސައްކަތަށް ޕީ.އެސް.އެމް ނިއުސްގެ ޓީމުން އަބަދުވެސް އެދެނީ ކާމިޔާބީއަށެވެ.