ޚަބަރު

ކުރިނބި ބަނދަރު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާއި ޙަވާލުކޮށްފި


ހދ. ކުރިނބި ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފިއެވެ. މި މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ކުރިނބިީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

މި މަޝްރޫޢުގެ ދަށުން 4389 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، ބަނދަރަށް އިތުރުކުރެވޭ ބައިގެގޮތުގައި 30172 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 2040 ކިއުބިކް މީޓަރުގެ ބަނދަރަށް ވަންނަ ނެރު ފުން ކުރުމުން ހިމެނެއެވެ.


ހަމަ އެހެންމެ 295 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށިޖެހުމާއި، 70 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 314 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުން މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ. އަދި 314 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 10 މޫރިންގ ބޮއި ހަރުކޮށް، 2 ނެވިގޭޝަން ލައިޓް ހަރުކުރުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ރޭމްޕެއް ހެދުމާއި، 16 މަގުބައްތި ހަރުކޮށް، ބަނދަރާ އިންވެގެން 1556.61 އަކަ މީޓަރުގެ ޕޭވްމަންޓުވެސް ހެދިގެންދާނެއެވެ. މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 42.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.