ޚަބަރު

ފެރިދޫ ބިމުން ނަގާފެން ތަޣައްޔަރުވުމުގެ މައްސަލައަށް މިއަހަރު ހައްލެއް


އއ ފެރިދޫ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ނެތުމުން ރަށުގެ ފެންފަށަލަ ހަލާކު ވަމުން ދިއުމެވެ. ފެނާއި ނަރުދަމާގެ ރައްކާތެރި ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް މިހާރު އެރަށުގައި އަންނަނީ ކުރަމުންނެވެ. ކައުންސިލުން ބުނީ މި މަސައްކަތް މި އަހަރުތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.

ފެރިދޫ ކައުންސިލްގެ ފަރާތުން މި މަސައްކަތަށް އައްޔަންކޮށްފައިވާ ކައުންސިލް މެންބަރު ޒާހިރު ނަސީރު ވިދާޅުވީ އަލަށް ހަދާ މަގުތަކުގެ މަސައްކަތް މިމަސްތެރޭގައި ނިންމާލެވޭނެކަމަށެވެ. އެމަސައްކަތް ކުރަނީ ކައުންސިލާއި އެމްޑަބްލިއުއެސްސީ ގުޅިގެން ކަމަށް ޒާހިރު ނަސީރު ވިދާޅުވިއެވެ.

ފެރިދޫ އަކީ ފެން ތަޣައްޔަރުވެފައިވާ ރަށެއްކަން ފާހަގަ ކުރައްވަމުން ޒާހިރު ނަސީރު ވިދާޅުވީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ މީހުންގެވެސް އޮތް އެންމެ ބޮޑު އެއްޝަކުވާއަކީ އެއީ ކަމަށެވެ. ރަށުގެ ގިނަ ގެތަކުގައި ފެން ބޭނުން ކުރަނީ އޮކްސިޖަން ޕަންޕް ބޭނުންކޮށްގެން ފެނުން ވަސްކަނޑުވައިގެންނެވެ.

ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެރިދޫގައި ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި ހޮޅިވަޅުލުމުގެ މަސައްކަތް ފެށީ ހަމަ އެއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިމަސައްކަތް ނުނިމި ދިގުލައިގެން ދިއުމަކީ ރައްޔިތުންގެ އޮތް ކަންބޮޑުވުމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި މަޝްރޫއުގެ ދަށުން ފެރިދޫގައި 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ޤާއިމްކޮށް 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިނަކާއި، ނަރުދަމާގެ އިދާރީ އިމާރާތަކާއި، 3 ޕަންޕިންގ ސްޓޭޝަނާއި، އެއް ސީ އައުޓް ފޯލް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތުގެ ދަށުން އިމާރާތް ކުރާ ފެން ޕްލާންޓް އިމާރާތް ނުވަތަ އާރުއޯ ބިލްޑިންގް ގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. ފެންތާންގީތައް ބެހެއްޓުމަށް ހަދާ ބުޑުތަކުގެ މަސައްކަތުގެ ދަށުން 1 ބުޑު އަޅާ ނިމިފައިވާކަމަށާ، އަނެއް ދެބުޑުގެ މަސައްކަތް އަދި ނުފަށާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.


އަދި ފެނުގެ މައި ހޮޅި އެޅުމުގެ މަސައްކަތުގެ 86 އިންސައްތަ ނިމިފައިވާކަމަށާ ނަރުދަމާގެ 77 އިންސައްތަ މަސަކަތް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އާ ހަވާލާދީ އެރަށު ކައުންސިލުން ބުނެއެވެ. މިހާރު ކުރަމުންދަނީ ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތްކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީން ބުނީ މަސައްކަތަށް ބޭނުންވާ ސާމާނު ނުލިބުމަކީ މަސައްކަތް ލަސްވާން ދިމާވާ އެއް ސަބަބުކަމަށެވެ. އަދި މަގުތައް ސާފު ނުކުރެވި އޮތުމުގެ ސަބަބުން ފެން ހޮޅި އެޅުން ހުއްޓުމަކަށް އައިކަމަށެވެ. އެހެންނަމަވެސް މިހާރު އެމަގުތައް ފައިނަލްވެ ސާފު ކުރުމުގެ މަސައްކަތް ކައުންސިލުން ފެށުމަށް ތައްޔާރު ވަމުންދާކަމަށް އެމްޑަބްލިއުއެސްސީއިންބުނެއެވެ. އަދި މަގުތަކަށްވާ ގޮތަށް ހުރި ރުއްގަސްތައް ނެގުމުން އެސަރަހައްދުގައި ހޮޅި ވަޅުލުމުގެ މަސައްކަތް ފެށޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި މަސައްކަތައް 69.33 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.