ޚަބަރު

މުރަކައިގެ، ފިނިފެންމަލުގެ މި ބަގީޗާ، ހާދަ ހިތްގައިމޭ!


ރާއްޖެ އުފެދިފައި އޮންނަގޮތުން ކޮންމެ ރަށެއްގެވެސް ވަށައިގެން ފަރުއޮވެއެވެ. ދުނިޔޭގެ މަދު ގައުތަކަކަށް ލިބިފައި އޮތް މި ނަސީބުގެ ތެރޭގައި މި ކުޑަކުޑަ ދިވެހި ރާއްޖެވެސް ހިމެނެއެވެ. މީގެތެރެއިން ގިނަ ފަރުތަކުގެ ދިރުންތައް މަދުވެ މަރުވަމުން ދާކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންނަމަވެސް ފަރުގެ ދިރުން މުއްސަނދި ތަންތަން ރާއްޖޭގައި ވަރަށްވެސް ގިނައެވެ. މިފަހަރު މިބަލާލަނީ ރާއްޖޭގެ އެހެން އެއްވެސް ހިސާބަކުން އަދި ފެނިފައި ނުވާފަދަ ހިތްގައިމުކަމެއް ލިބިފައިވާ މުރަކައިގެ ބަގީޗާއަކަށެވެ.

ގުދުރަތީގޮތުން ކަނޑުގެ ދިރުން މުއްސަނދި އެއްއަތޮޅު ބ.އަތޮޅު ރަށެއްގެ ވިލުތެރޭގައި އޮތް މި މުރަކައިގެ ބަޖީޗާ މައްޝޫރު ވެފައި އޮންނަނީ ރޯސް ގާޑަންގެ ނަމުންނެވެ. ގާތްގަނޑަކަށް 100 ފޫޓް ދިގު ފުޅާމިނުގައި 75 ވަރަކަށް ފޫޓް ސަރަހައްދެއްގައި މި މުރަކަތައް އުފެދިފައި އޮވެއެވެ.

ލިޔުމަކުން ނުވަތަ ދުލަކުން މިތަނުގެ ރީތިކަމުގެ ވާހަކަ ބުނެދެވޭނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެތަން ބަލާލުމަށް ދާ ފަތުރުވެރިންވެސް ބުނަނީ އެހެންނެވެ. މީހެއްގެ ދުލުން ނުވަތަ ފޮޓޯއަކުން އެތަން ބަލާލައިގެން ހިތް ހަމަޖެހުމަށްވުރެ އެސަރަހައްދަށް އެރި އެމުރަކަތައް ހެދިފައި ހުންނަތަން ފެނުމުން އެތަނުގެ ރީތިކަމާ ހިތްގައިމުކަން އެނގިގެން ދެއެވެ.

މީ ބ.ފުޅަދޫ ފަޅުތެރޭގައި އޮންނަ މުރަކައިގެ ބަގީޗާ ނުވަތަ ރޯސް ގާޑަންއެވެ. އެތަނުގެ ބޭރުން ބަލާލާއިރު ސިފަ ކުރެވެނީ ފިނިފެންމާތަކެއް ފޮޅިލާފައި ހުންނަފަދަ ގޮތަކަށެވެ. މީ ހަމަ އަޖައިބެއްކަހަލަ ތަނެކޭ ބުނެވެނީ މިހެންވެގެންނެވެ. ދިރުން ހުރި މި މުރަކަ ބަގީޗާ އަކީ ބ.އަތޮޅަށް އަންނަ ފަތުރުވެރިންގެ ވެސް ހިތްގައިމު މަންޒިލަކަށް މިހާރުވަނީ ވެފައެވެ. އަގު ބޮޑުކޮށް ރިސޯޓްތަކުން މި ސަރަހައްދު މިހާރުވަނީ ވިއްކަން ފަށާފައެވެ. އެކަމަކު އޭގެ މާލީ މަންފާއެއް އެރަށަކަށް ނުކުރެއެވެ. މީއެންމެ ކަންބޮޑުވާންޖެހޭ އެއް މައްސަލައެވެ.

މި މުރަކަތައް އެންމެ ފުރަތަމަ ފެނުނުއިރު މި ސަރަހައްދުގައި މިހާ ބޮޑުކޮށް މުރަކަ އުފެދިފައެއް ނެތެވެ. އެއީ މީގެ 10 ވަރަކަށް އަހަރު ކުރިއެވެ. މިހާރު ތަނުގެ ބޮޑުމިނާ މުރަކަތަކުގެ ދިރުން އިތުރުވެފައިވާކަމަށް މެރިން ބައެލޮޖިސްޓުން ފާހަގަ ކުރެއެވެ.

އެންމެންވެސް ގަބޫލު ކުރާ ހަގީގަތަކީ ބ.އަތޮޅަކީ ކަނޑުގެ ދިރުން ވިއްކައިގެން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އަންނަ އަތޮޅެއްކަމެވެ. އެހެން ކަމުން އެހާ ރީތި ފަތުރުވެރިންނަށް މަގުބޫލް މި ސަރަހައްދު ހިމާޔަތް ނުކޮށް ލަސްވަނީ ކީވެހެއްޔެވެ. އަދި މިހާތަނަށް އައިއިރު އެއްވެސް ވަރަކަށް ހިމާޔަތްކޮށްފައެއް ނުވެއެވެ. މަސްބާނާ މީހުންނާ ބޯވަނަގާމީހުން އެތަނަށް ގޮސް އެމުރަކަތައް ހަލާކު ކުރާކަމަށް އެރަށުގައި އުޅޭ ފަރާތްތަކުން ބުންޏެވެ. އެއީ ރަށު ފެންވަރުގައިވެސް މިތަން ހިމާޔަތްކޮށްފައި ނުވާތީކަމަށް އެމީހުން ޤަބޫލުކުރެއެވެ. ދާނެ މީހަކު ދާން މިތަން މިގޮތައް ދޫކޮށްލާފައި އޮތުމުގެ ނަތީޖާ ފަހަރުގައި އެހާ ފޮނިނުވެދާނެއެވެ. އެއީ އެތަނުގައި ހެދިފައި ހުންނަ މުރަކަތަކުގައި އަތްލާ ބިނދޭގޮތައް ހިފުމުން އެތައް މުރަކަތަކެއް ބިންދައިގެންގޮސްފައި އެބަހުއްޓެވެ. މީ ބ.އަތޮޅުގައި ކަނޑުގެ ދިރުން ހިމާޔަތް ކުރާ ފަރާތްތަކުގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. އެރަށުގައި ފަތުރުވެރިކަން ކުރާ ފަރާތްތަކުގެވެސް އޮތް ކަންބޮޑުވުމެކެވެ.

މީ ރަގަޅު އާމްދަނީއެއް ކައުންސިލަށް ނެރެވިދާނެތަނެކެވެ. އެއީ ކައުންސިލްގެ އިހުތިޟާސް ތެެރޭގައި މިސަރަހައްދު ހިމެނޭތީއެވެ. މިތަން ވިއްކައިފިނަމަ ބ.އަތޮޅުގައި އެންމަޑި އަރާ ހަނިފަރު ބޭއެކޭ އެއްވަރަށް މި ސަރަހައްދުވެސް މަޤްބޫލްވެ އެވަރު އާމްދަނީއެއް އުފެއްދިދާނެކަމަށް ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިޝަރ ޝާފީ އަލީ ވިދާޅުވިއެވެ.

މިހެން މިތަން ދޫކޮށްލާފައި ބޭއްވުމުގެ ސަބަބުން އެތަން ބަލާލުމަށް ދާ ފަރާތްތަކުން އެ މުރަކަ ތަކުގައި އަތްލުމާ އޮޔާ ރާޅާ ދަމާ ވަގުތުތަކުގައި މުރަކަތަކުގައި ހިފެހެއްޓުމާ ވަރުބަލިވުމުން މުރަކަތައް މައްޗައް ފިންސުން އެރުންފަދަ ކަންކަން ކުރުމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިތަން ހިމާޔަތްކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެރަށު ކައުންސިލްގެ ރައީސް އަލީ އަޒްޙަރު ވިދާޅުވީ ކައުންސިލުން އެކަމާގުޅިގެން އެންވަޔަރުމަންޓް މިނިސްޓްރީ އާއެކު މަސްވަރާތަކެއް ކުރަމުންދާކަމަށެވެ. އެއީ މާލީ މަންފާއެއް ނެރެވިދާނެތަނެއް ކަމަށް ކައުންސިލުން ގަބޫލް ކުރާކަމަށް އަޒަހަރު ވިދާޅުވިއެވެ. އަދި އެތަން ހިމާޔަތް ކުރުމަށް ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހާއެކުވެސް ވާހަކަތަކެއް ދެކެވިފައިވާކަމަށް އޭނާވިދާޅުވިއެވެ.

ގުދުރަތީ ރީތިތަންތަން ހިމާޔަތް ކުރާއިރު މިތަން މި ގޮތައް ދޫކޮށްލުން މީ އެންމެ ރަގަޅު ގޮތްތޯއެވެ. ހަމަގައިމުވެސް މިތަން ހިމާޔަތްކޮށް ބަލަހައްޓަން ފެށުމުން އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެކަމާ މެދު އެއްވެސް ޝައްކެއްނެތެވެ. އޭރުން އިތުރަށް ބ.އަތޮޅު އިސްތިހާރުވެ މިހާރަށްވުރެ ބޮޑަށް އަތޮޅުގެ ފަތުރުވެރިކަން އިސްތިހާރުވެގެންދާނެއެވެ.