ވިޔަފާރި

ދުނިޔޭގެ އެންމެބޮޑު ސަރފް އެކްސްޕޯގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެ


އެމެރިކާގައި ބާއްވާ އެންމެބޮޑު ސަރފް އެކްސްޕޯގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ. މި އެކްސްޕޯގައި އެމްއެމްޕީއާރުސީގެ އެހީތެރިކަމާއިއެކު ރާއްޖެ ތަމްސީލްކުރަމުންދަނީ މޯލްޑިވްސް ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުންނެވެ.

ސަރފް އެކްސްޕޯއަކީ މުޅި ދުނިޔޭގައިވެސް އެންމެ ދުވަސްވީ މޫދު ކުޅިވަރާއި ގުޅުންހުރި ޝޯއެވެ. މި ޝޯ އެންމެ ފުރަތަމަ ބާއްވާފައިވަނީ 1976ވަނަ އަހަރުއެވެ. އޭގެފަހުން އަހަރަކު 2 ފަހަރު އެމެރިކާގެ ފްލޮރިޑާގައި މި ޝޯ އަންނަނީ ބާއްވަމުންނެވެ. އެއީ ސެޕްޓެމްބަރ އަދި ޖަނަވަރީ މަހުއެވެ.

މިއަހަރުގެ ސަރފް އެކްސްޕޯ މިހާރު ދަނީ ފަށައިގެން ކުރިއަށެވެ. މި ޝޯ ކުރިއަށްދާނީ މިމަހުގެ 8 އިން 10 އަކަށް އެމެރިކާގެ ފްލޮރިޑާގައެވެ. މިއަހަރުގެ ޝޯގައި ރާއްޖެއިން މުޅިން އަލަށް މިއަހަރު ވަނީ ބައިވެރިވެފައެވެ. ޝޯގައި ރާއްޖެ ތަމްސީލްކުރަނީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުންނެވެ. އަދި ބޯޓިން އެސޯސިއޭޝަންގެ މެންބަރުންގެ ތެރޭގައި ހިމެނޭ 7 ފަރާތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މި ފެއަރގައި ބައިވެރިވީ އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށްކަމަށެވެ. އަދި މިއީ ސަރފިންގެ ދާއިރާއަށް ބާއްވާ އެންމެ ބޮޑު ފެއަރކަމުން ރާއްޖޭގައި ރާޅާއެޅުމަށް ހުރި ފުރުސަތުތައް ބުނެދީ ޑައިވް ޕޮއިންޓްތަކާއި މިއީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ގެނެވޭނެ ދާއިރާއަކަށް ހެދުމަކީވެސް މި ފެއަރގައި ބައިވެރިވި މަޤްސަދެއްކަމަށް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމެކެވެ. އަދި ރާޅާއަޅާ ފަތުރުވެރިންގެ މެދުގައިވެސް ރާއްޖޭގެ މަޤްބޫލުކަން ބޮޑެވެ. އެހެންކަމުން ރާޅާއަޅާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް މިއީ ރާއްޖޭގައި ކުރިއެރުވިދާނެ ފަތުރުވެރިކަމެކެވެ. ދާދިފަހުން ވަނީ ރާއްޖޭގައި ރާޅާއެޅުމުގެ ބައިނަލްއަޤްވާމީ މުބާރާތެއްވެސް ބާއްވާފައެވެ.

ކޮންމެ އަހަރަކުވެސް އެމެރިކާގައި އޮންނަ ސަރފް އެކްސްޕޯގައި މޫދު ކުޅިވަރުތަކާއި މޫދު ކުޅިވަރުގައި ބޭނުންކުރާ އެކިއެކި އާލާތްތައް އުފައްދާ ކުންފުނިތަކުން ބައިވެރިވެއެވެ. ސަރފް އެކްސްޕޯ ދެން އޮންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 4 އިން 6 އަށެވެ.