ތަރައްްޤީ

މިއަހަރަށް ބަޖެޓްކޮށްފައިވާ ޕީއެސްއައިޕީ އެއްވެސް މަޝްރޫޢެއް ހުއްޓާލަން ނިންމާފައި ނުވޭ: އަމީރު


ޚަރަދު ކުޑަ ކުރުމަށް އަންގާފައި ވިއަސް ބަޖެޓު ކުރެވިފައިވާ ޕީއެސްއައިޕީ އެއްވެސް މަޝްރޫޢެއް ކުރިއަށް ނުގެންދަން ނިންމާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރުންނާއި ސުވާލު ކުރުމަށް މަޖިލީހުގައި ހުޅުވާލި ފުރުސަތުގައި މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ ތޮއްޑޫ އަދި އުކުޅަހުގެ ހެލްތު ސެންޓަރު މަޝްރޫޢު ޓެންޑަރިންއަށް އިއުލާން ކުރެވިފައި ވުމާއިއެކު މިމަޝްރުޢު ކުރިއަށް ގެންދެވޭނެ ތާރީޚެއް އައްސަވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ޓެންޑަރިން މަރުހަލާއަށް ގިނަ ޕްރޮޖެކްޓްތައް ގޮސްފައިވާ ކަމަށާއި، އެމަރުހަލާ ތަފާތު ސަބަބުތަކާއި ހުރެ ދިގުލައިގެން ދިޔަ ނަމަވެސް ވަރަށް އަވަހަށް މަސައްކަތްތައް ހަވާލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރާއި ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ މެންބަރުން ވަނީ އެމެންބަރުން ނިސްބަތްވާ ދާއިރާތަކުގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މީގެއިން ގިނަ މަޝްރޫޢުތަކަކީ ޓެންޑަރިން މަރުހަލާގައި ހުރި މަޝްރޫޢުތަކަށް ވުމުން އެ މަރުހަލާ ނިމޭނެ ދުވަހެއް ދަންނަވަން ދަތިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިވަގުތުވެސް ސިއްޙީ ދާއިރާގެ ގިނަ މަޝްރޫޢުތައް ޓެންޑަރ މަރުހަލާގައިވާ ކަމަށާއި، އަދި މިހާރުވެސް ވަކިވަކިން މަޝްރޫޢުތައް ބަލައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދެމުންދާ ކަމަށެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޕީއެސްއައިޕީ ބަޖެޓާއި އެއްގޮތަށް ރޭވިފައިވާ ހުރިހާ މަޝްރޫއެއްވެސް މިއަހަރު ކުރިއަށް ގެންދިއުން ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިތަކާއެކު މަޝްރޫޢުތައް ކުރިއަށް ގެންދަނީ މިހާރު ޚަރަދު ކުޑަކޮށްގެން ލަސްލަހުން ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ބަޖެޓުކޮށްފައިވާ އެއްވެސް މަޝްރޫޢެއް މިއަހަރު ކުރިއަށް ނުގެންދަން ނުނިންމާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ޕްލޭނަކީ 2022 ވަނަ އަހަރުގެ އަޅުގަނޑުމެންގެ ޕީއެސްއައިޕީ ޕްލޭނާއި އެއްގޮތައް ޓެންޑަރގެ ކަންތައް ކުރިއަށް ގެންދިއުން. އެކަމަކު އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ސްޓެގަރ ކޮށްގެން ކުރިއަށް ގެންދަނީ. މިހާރު ދުނިޔޭގެ އެކި ޤައުމުތަކުގައި ކުރެވޭ ހަނގުރާމައާއި، އަދި އެމެރިކާ ޔޫރަޕުގެ ޤައުމުތަކުގައި އިންޓްރެސްޓް ރޭޓް މަތިކުރުމާއި ކާބޯތަކެތީގެ އަގުބޮޑުވެގެން ދިއުމާއެކު، މިކަންތައްތަކަށް އަޅުގަނޑުމެން އެބަޖެހޭ ދައުލަތެއްގެ ސިފައިގައި މޭނޭޖް ކުރަން. އަޅުގަނޑު އެއްވެސް ވަރަކަށް ފާހަގައެއް ނުކުރަން ބަޖެޓްކޮށްފައި ހުރި މަސައްކަތްތަކެއް ޓެންޑަރ ނުކުރާނެ ކަމަށް ނުވަތަ ކުރިއަށް ނުގެންދާނެ ކަމަށް." އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިގޮތަށް ކުރިއަށްދާ މަޝްރޫޢުތައް ލަސްކޮށްގެން ކުރިއަށް ގެންދަނީ، ކޭޝްފްލޯ މެނޭޖްކުރުމަށް ކަމަށްވާއިރު މިކަން ވަރަށްގާތުން ސަރުކާރުން ބަލަމުންދާ ކަމަށެވެ. އެގޮތުން ޕްރޮޖެކްޓުތައް ފެށުމުގެ ކުރީން ޑިސްބާސްމެންޓް ޕްލޭނެއް ހަދައި މިއަރު އަދި އަންނަ އަހަރުގެ ބަޖެޓުން މިމަޝްރޫޢުތަކަށް ޚަރަދު ކުރެވޭނެ މިންވަރު ބަލަންޖެހޭ ކަމަށެވެ. މީގެ އިތުރުން ބާޒާރުގައި ތެލުގެ އަގު އުފުލުމާއިއެކު ބަޖެޓް ކުރެވޭ މިންވަރަށްވުރެ ޚަރަދު ބޮޑުވެގެންދާ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ޕްރޮޖެކްޓުތަކުގެ ޓެންޑަރިން މަސައްކަތް މިހާރު ނުފެށިވާ ޕްރޮޖެކްޓުތައް ބަޖެޓާއި އަދި ކޭޝްފްލޯގެ ތާށިކަމަށް ހަމަޖެހުމެއް ލިބުމުން ވީހާވެސް އަވަހަށް ފެށިގެންދާނެ ކަމަށެވެ.