ޚަބަރު

ބޭރުގެ ހޮސްޕިޓަލްތަކާއެކު އާސަންދަ ކުންފުނިން މަޝްވަރާކުރަނީ


އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން މިހާރު ޚިދުމަތްދޭ ހޮސްޕިޓަލްތަކުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ފަށައިފިކަމަށް އާސަންދަ ކޮމްޕެނީން ހާމަކުރައްވައިފިއެވެ.އާސަންދަ ކޮމްޕެނީއިން ބުނީ އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް އިތުރު ހޮސްޕިޓަލްތަކާއި ވާހަކަދެއްކުމުގެ ބަދަލުގައި މިވަގުތު އިސްކަންދެއްވަނީ މިހާރު ޚިދުމަތް ދެމުން ގެންދާ ހޮސްޕިޓަލްތަކުން ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކަމަށެވެ. އެގޮތުން އިންޑިޔާއާއި ޝްރީލަންކާގައި ހުރި އާސަންދައިން ޚިދުމަތްލިބޭ ހޮސްޕިޓަލްތަކުން މިހާރަށްވުރެ ލުއި ފަސޭހަ ގޮތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ގޮތުން އެހޮސްޕިޓަލްތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާއަދި ކުރެވެމުންދަނީ، ރާއްޖެއިން ފަރުވާނުކުރެވޭ ބަލިތަކަށް އެކަންޏެވެ.އާސަންދައިގެ ދަށުން އިންޑިޔާގެ ޓްރިވެންޑްރަމާއި، ބެންގަލޫރާއި، ޗެންނާއީއާއި، މައިސޫރާއި، ކޮޗިންގއާ، ކޮއިންބަތޫރު ހިމެނޭ ގޮތަށް 24 ހޮސްޕިޓަލަކުން މިޚިދުމަތް ލިބެމުންދެއެވެ. އަދި ޝްރީލަންކާގެ 9 ހޮސްޕިޓަލަކުން ޚިދުމަތް ލިބެއެވެ. ރާއްޖެއިން ބޭރުން އާސަންދައިގެ ދަށުން ޚިދުމަތް ލިބޭ ޖުމްލަ 33 ހޮސްޕިޓަލެއް މިވަގުތު އެބަހުއްޓެވެ.