ދުނިޔެ

އެހީތެރިވާ ފަރާތްތަކަށް ސޫރިޔާގެ ރެފިއުޖީން ޝުކުރު އަދާކޮށްފި


ސޫރިޔާގެ ރެފިއުޖީންނަށް އެހީ ހޯދުމަށް ލަންޑަންގައި ބުރާސްފަތި ދުވަހު ކުރިޔަށްދިޔަ ޑޯނަރ ކޮންފަރެންސް އިންތިޒާމް ކުރި ފަރާތްތަކަށް ރެފިއުޖީން ޝުކުރު އަދާކޮށްފި.އެމީހުންނަށް މިއަދު އުޅެން ޖެހިފައިވާ ހާލުން އަރައިގަނެވިދާނެ ކަމުގެ އުންމީދު މިކޮންފަރެންސްގެ ސަބަބުން އާވެގެންގޮސްފައިވާ ކަމަށް އެފަރާތް ތަކުން ބުނެއެވެ. އަދި ދަރިންގެ މުސްތަޤްބަލަށްޓަކައިވެސް އެމީހުން މިއަދުގެ ހާލުން އަރައި ގަތުމަށް މިފަދަ އެހީތެރި ކަމަކަށް ވަރަށް ބޮޑަށް އެދޭ ކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.ސޫރިޔާ އަދި ސަރަހައްދުގެ އެހެން ޤައުމުތަކުން ހިޖުރަ ކޮށްފައިވާ ރެފިއުޖީންނަށް އެހީވުމަށް ބޭއްވުނު ޑޯނަރ ކޮންފަރެންސްގައި 70 ޤައުމެއްގެ މަންދޫބުން ބައިވެރިވެ 10 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދަކަށް ފައިސާ ނެރެން އެއްބަސް ވެފައިވެއެވެ. މިފައިސާ ބޭނުން ކުރެވޭނީ ރެފިއުޖީންނަށް ބޭނުންވާ މުހިންމު ޞިއްޙީ އެހީގެ އިތުރުން ކާބޯތަކެތި ފޯރުކޮށްދިނުމަށާއި ވަޒީފާ ހަމަޖައްސާ ދިނުމަށް ކަމަށް ޚަބަރުލިބެއެވެ. އދ މެދުވެރި ކޮށް މިފަސާ ބެހިގެންދާނީ ތުރުކީވިލާތް، އުރުދުން އަދި ލުބްނާން ފަދަ އެންމެ ގިނައިން ސޫރިޔާގެ ރެފިއުޖީން ތިބި ޤައުމުތަކަށެވެ.ރެފިއުޖީންގެ ތެރޭގައި ގިނައަދަކަށް ޑޮކްޓަރުންނާ އެހެންވެސް ޤާބިލް، ތަޢުލީމީ ފަރާތްތައް ހިމެނޭއިރު، ރެފިއުޖީންގެ ތެރެއިން 90 އިންސައްތަ އަދިވެސް ތިބީ ކުރާނެ މަސައްކަތެއް ނުލިބި ކަމަށް ޚަބަރުތައް ބުނެއެވެ.